ހަބަރު

ނައިބު ރައީސާ ގުޅުން އޮންނަ އިތުރު ގެއެއް ފާސްކޮށްފި

Oct 26, 2015

"ފިނިފެންމާ" ލޯންޗުގައި ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ދިން ބޮމުގެ ހާދިސާއަށް ފަހު ބައެއް ގޭގެ ބަލައި ފާސް ކުރުމުގައި މިއަދު ވެސް އިތުރު ގެއަކަށް ފުލުހުން ވަދެ ބަލައި ފާސްކޮށްފި އެވެ.

މިއަދު ފާސް ކުރީ ފަރީދީ މަގުގައި ހުންނަ އަޒުމާ އެވެ. އެ ގެއިން ފާސްކުރީ ގޭގެ ތިރީބައެވެ. އެ ގެ ފާސް ކުރީ ބޮމުގެ ހާދިސާގެ ތަހުގީގަށް ނަމަވެސް ފުލުހުން ހަމައެކަނި ބުނެފައި ވަނީ ބަލަމުން ދާ ތަހުގީގަކަށް ގެއެއް ފާސްކޮށްފައިވާ ކަމަށެވެ.

މިއަދު ފާސް ކުރި ގެއަކީ ވެސް މިހާރު ހައްޔަރުކޮށް ހުންނެވި ނައިބު ރައީސް އަހުމަދު އަދީބާ ގާތް ކަމެއް އޮންނަ ޒުވާނަކު އުޅޭ ގެ ކަމަް ވެއެވެ. ނަމަވެސް އެއީ ކާކު ކަމެއް ނޭނގެ އެވެ.

ބޮމުގެ ހާދިސާއަށް ފަހު ގިނަ އަދަދެއްގެ ގޭގެ އާއި ތަންތަން ބަލައި ފާސްކޮށް ބައެއް ތަކެއްޗާއި ސީސީޓީވީ ފުޓޭޖް ގެންގޮސްފައިވާއިރު ބައެއް މީހުން ވެސް ވަނީ ހައްޔަރު ކޮށްފައެވެ.

ރައީސް ޔާމީން އިއްޔެ ވިދާޅުވީ މިހާތަނަށް ފާސްކުރި ބައެއް ގޭގެއިން ބޮން ތައްޔާރު ކުރާނެ ސާމާނާއި އާލާތް ފެނިފައިވާ ކަމަށާއި ކިރިޔާ ޝައްކެވާ ގެއެއް ނަމަވެސް ބަލައި ފާސް ކުރާނެ ކަމަށެވެ.

ރައީސް އަވަހާރަކޮށްލަން ފިނިފެންމާފައި ބޮމުގެ ހަމަލާއެއް ދިނީ މިދިއަ މަހުގެ 28 ވަނަ ދުވަހު އެވެ.