ހަބަރު

ބިދޭސީންނަށް ކޯޓާ ދޭ އުސޫލަށް ބަދަލެއް

ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށް ބޭނުންވާ ކޯޓާ ދޫކުރާ އުސޫލަށް އިކޮނޮމިކް މިނިސްޓްރީން ބަދަލެއް ގެނެސްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ބިދޭސީން ރާއްޖެ ގެނައުމަށް ބޭނުންވާ ކޯޓާއަށް އެދި ހުށަހަޅާއިރު މަސައްކަތް ކުރާ ތަން (ވޯކް ސައިޓް) އަންގައިދޭ ލިޔެކިޔުންތައް ހުށަހެޅުމުގެ ބަދަލުގައި ޕަބްލިކް ނޯޓަރީއަކުން ނޯޓަރައިޒްކޮށްފައިވާ ވޯކް ސައިޓް ޑިކްލަރޭޝަން ފޯމް ހުށަހެޅިދާނެ ކަމަށެވެ.

އަދި ނޯޓަރައިޒް ނުކޮށް މި ފޯމް ސިވިލް ކޯޓުގައި ނުވަތަ މެޖިސްޓްރޭޓު ކޯޓުގައި ރަޖިސްޓްރީ ކުރުމަށްފަހު ހުށަހެޅިދާނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެ އެވެ.

މީގެ ކުރިން އިކޮނޮމިކް މިނިސްޓްރީން ވަނީ ކުރިއަށް އޮތް ތަނުގައި ބިދޭސީ މުވައްޒަފުންގެ ކޯޓާ އާއި ވޯކް ޕާމިޓް އިޝޫ ކުރާނީ ޖޮބް ސެންޓަރު ޕޯޓަލްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށް ބުނެފަ އެވެ.

ވަޒީފާ ދޭ ފަރާތްތަކުގެ ދަތިތަކެއް ހުރި ކަމުގައިވިޔަސް މިކަން ކުރަނީ އިންޑަސްޓްރީގެ ހުރިހާ ފަރާތެއްވެސް ޝާމިލްވާ ގޮތަށް، އިގްތިސޯދަށް އެންމެ ރަނގަޅު ވާނެ ގޮތަށް ކަމަށާއި މި ގެނައި ބަދަލުތަކުގެ ސަބަބުން ބައެއް ކަންކަމުގައި ކުރިއަށްވުރެ ދަތިވިޔަސް އުސޫލުތަކެއްގެ ތެރެއިން ކަންކަން ކުރުމުން ދަތިވާ ފަރާތްތަކާއި ފަސޭހަވާ ފަރާތްތައްވެސް ހުންނާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކޯޓާ ދޭނީ، އުސޫލުތަކަށް ބެލުމަށްފަހު އެއަށް އެކަށޭނަ ދިވެހިން ނެތް ކަމުގައިވާނަމަ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.