ހަބަރު

އަންހެނުންގެ ކޮމިޓީއަށް ކުރިމަތިލި އިތުރު ތިން ކެންޑިޑޭޓަކު ނަން ނަގައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ތިން މެމްބަރަކު ނަން އަނބުރާ ގެންގޮސްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ތިން ރަށަކުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަ ކުރަން ނިންމާފައިވާ އެމްޑީޕީ ތިން މެމްބަރަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން ނަން އަނބުރާ ގެންގޮސްފައިވަނީ ނ. ވެލިދޫ އަންހެނުންގެ ކޮމިޓީ އަށް ވާދަކުރި މަރްޔަމް ރަޝީދާ، އާއި ގެމަނަފުށި އަންހެނުންގެ ކޮމިޓީއަށް ވާދަ ކުރި ފާތިމަތު އުޘްމާނާއި ރ. މަޑުއްވަރީ އަންހެނުންގެ ކޮމިޓީ އަށް ވާދަކުރި ޝަރަފިއްޔާ ވަހީދު (ޝަރާ)، އެވެ.

އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީއަށް ވާދަކުރި ބައެއް މެމްބަރުން މީގެ ކުރިންވެސް ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ. އަދި ހަނިމާދޫ ކައުންސިލް ގޮނޑިއަށް ވާދަ ކުރަން އެމްޑީޕީގެ ޓިކެޓް ލިބިފައިވާ އަންހެން ކެންޑީޑޭޓަކު ވަނީ މަރުވެފަ އެވެ.

ކެންޑިޑޭޓު ކަމަށް ކުރިމަތިލާފައިވާ މީހުންގެ ނަންތައް އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލީ، ހާއްސަ ގާނޫނު 2020 ގެ 3 ވަނަ މާއްދާގެ (ށ) ދަށުންނެވެ. ނަން އަނބުރާ ގެންދިއުމަށް ބޭނުންވާނަމަ އެކަމަށް އެދި ހުށަހަޅާނީ "ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމަށް އެދޭ ފޯމު" އިންނެވެ.

އެ ފޯމު ސަރުކާރުގެ ގެޒެޓުންނާއި ކޮމިޝަނުގެ ވެބްސައިޓް އިން ލިބެން ހުންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. އަދި، ފޯމު ހުށަހަޅަން ޖެހޭނީ ކޮމިޝަނުގެ އީމެއިލް ([email protected]) އަަށެވެ.

ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ މުއްދަތު ހަމަވުމުގެ މަދުވެގެން 10 ދުވަސް ކުރިން މުއްދަތު ހަމަވާ ތާރީހު އިއުލާން ކުރާނެ ކަމަށް މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އެ ތާރީހު ވާންވާނީ އިންތިހާބު އޮންނަ ތާރީހުގެ 30 ދުވަސް ކުރިންނެވެ.

މިދިޔަ އޭޕްރީލް މަހު ބާއްވަން ތާވަލު ކުރި ލޯކަލް ކައުންސިިލް އިންތިހާބު ފަސް ކުރުމަށްފަަހު އަލުން ބާއްވާނެ ތާރީހެއް ނިންމާފަ އެއް ނުވެ އެވެ. އެހެންނަމަވެސް، އަންނަ އަހަރު މާޗު މަހު އިންތިހާބު ބާއްވަން މަޝްވަރާ ކުރަމުން އަންނަ ކަމަށް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ކޮވިޑް އާ ގުޅިގެން ފަސް ކުރި މި އިންތިހާބު، ބޭއްވޭނެ މާހައުލެއް ގާއިމް ކުރެވެންދެން މިހާރު ތިބި ކައުންސިލަރުންގެ އެ މަގާމުގައި ތިބުމަށް ވަނީ ގާނޫނު އަސާސީ އަށް އިސްލާހު ގެނެެސްްފަ އެވެ.