ހަބަރު

ޒުވާނާގެ މަރުގެ މައްސަލަ އެޗްއާރްސީއެމުން ބަލަނީ

އައިޖީއެމްއެޗާއި ދިމާ މޫދުގެ ތެރެއިން މަރުވެފައި އޮއްވާ ފެނުނު މީހާގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަލަން ފަށައިފި އެވެ.

މަރުވެފައި އޮއްވާ އިއްޔެ ހެނދުނުގެ ވަގުތެއްގައި ފެނުނީ ގދ. ވާދޫ، މުހައްމަދު ސިދުރަތުﷲ (31އ) އެވެ.

ފުލުހުން ވަނީ ސިދުރަތުﷲ މަރުވެފައިވަނީ ގުދުރަތީ މަރަކުން ކަން ކަށަވަރު ކުރެވިފައި ނުވާތީ ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ބުނެފަ އެވެ. އަދި މަރުގެ ސަބަބު ކަށަވަރު ކުރެވިފައި ނުވާތީ ޕޯސްޓްމޯޓަމް ހެދުމަށް ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި އޭނާގެ ހަށިގަނޑު ވަނީ މޯޗަރީގައި ބާއްވާފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އެޗްއާރްސީއެމްގެ އޮފިޝަލަކު މިއަދު ވިދާޅުވީ މަރުގެ މި މައްސަލް އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް މިވަގުތު ދެވެން ނެތް ކަމަށެވެ.

ފުލުހުން ވަނީ އެ މަރުގެ ތަހުގީގަށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. ފުލުހުން ވަނީ ބުރާސްފަތި ދުވަހު ނުވަޔަކާއި 12 އާ ދެމެދު ރަސްފަންނަށް ދިޔަ މީހުންނާއި އެ މަރުގެ އެއްވެސް މައުލޫމާތެއް އެނގޭ ބަޔަކު ތިބި ނަމަ އެކަން ފުލުހުންނާއި ހިއްސާ ކޮށް ދިނުމަށް އެދިފައެވެ.

ފުލުހުން ވަނީ އެފަދަ މައުލޫމާތެއް ލިބިފައިވާ މީހުން 119 ނަންބަރު ނުވަތަ 9911099 ގުޅާ ހިއްސާކުރުމަށް އެދިފައެވެ. މޫދުން ފެނުނު މީހާގެ ހަށިގަނޑުން ބޮޑެތި އަނިޔާތަކެއް ފެންނަން ހުރި ކަމަށް އާއިލާއާ ހަވާލާދީ ބައެއް މީހުން ވަނީ ބުނެފައެވެ. އަދި އެ މައްސަަލަ ބެލުމަށް އެ ޒުވާނާގެ އާއިލާއިން ވަނީ ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށައަޅާފައެވެ.