ބޮލީވުޑް

ނެހާ ކައްކަރް އާއި ރޯހަންޕްރީތު ކައިވެނިކޮށްފި

ލަވަކިޔުންތެރިޔާ ނެހާ ކައްކަރް އާއި ރޯހަންޕްރީތު ކައިވެނިކުރާ ވާހަކައި ސޯޝަލް މީޑިއާގައި ވަރަށް ހޫނުވެފައި އޮންނަތާ ދުވަސް ކޮޅެއް ވެއްޖެ އެވެ.

ނެހާގެ ކައިވެނީގެ ވާހަކަ އިވުމުން އެހާ މި ޚަބަރު ހޫނުވީ ކުރިން ވެސް ނެހާ ކައިވެނި ކުރާ ކަމަށް އަޑުތަކެއް ފެތުރި އެއީ ދޮގަކަށް ވެފައިވާތީ އެވެ. އެހެންވެ މިފަހަރު ވެސް ނެހާ ހަގީގަތުގައި ވެސް ކައިވެނިކޮށްފާނެ ކަމާ މެދު ގިނަ ބަޔަކަށް ޝައްކުވީ އެވެ.

ޕަންޖާބުގެ ލަވަކިޔުންތެރިޔާ ރޯހަންޕްރީތު އާއި ނެހާ ކައިވެނިކުރާ ކަމަށް ގަބޫލުކުރަން ދަތިވި އަނެއް ސަބަބަކީ މި ދުވަސްވަރު މި ދެ ފަންނާނުން ބައިވެރިވާ ލަވައެއް ވެސް ރިލީޒްކޮށްފައި ވާތީ އެވެ. ބައެއް މީހުން ހީކުރީ ކައިވެނީގެ ވާހަކަ ދައްކަނީ މި ލަވަ ޕްރޮމޯޓް ކުރަން ކަމަށެވެ.

ނަމަވެސް ހޮނިހިރު ދުވަހު ރޯހަންޕްރީތު އާއި ނެހާ ވަނީ ކައިވެނިކޮށްފަ އެވެ. މި ކައިވެނީގެ ރަސްމިއްޔާތުތައް ފާއިތުވީ ހަފުތާއެއްހާ ދުވަހުން ފެށިގެން ކުރިޔަށް ގެންގޮސްފައި ވެއެވެ. އަދި އެންމެ ފަހުން ކައިވެނީގެ ރަސްމިއްޔާތު ވެސް ހޮނިހިރު ދުވަހު ވަނީ ބާއްވާފަ އެވެ.

ނެހާ އާއި ރޯހަންޕްރީތު ބައްދަލުވީތާ އަދިވީ މަހެއްހާ ދުވަހެކެވެ. މިހާ އަވަހަށް ދެ މީހުން ކައިވެނިކުރަން ނިންމުމަކީ ވެސް ބައެއް މީހުންނަށް ކައިވެނި ހަމަ އަސްލުވެސްކުރަނީ ކަމަށް ޝައްކުވީ ސަބަބެކެވެ.