ބޭރު ކުޅިވަރު

އާސެނަލްގެ ޓިކެޓް އަގުބޮޑުކަމުން ބަޔާންގެ ސަޕޯޓަރުން ހަޅުތާލަކަށް

އާސެނަލްގެ ދަނޑުގައި ކުޅޭ މެޗުތަކުގެ ޓިކެޓް އަގުބޮޑުވުމުން ބަޔާން މިއުނިކްގެ ސަޕޯޓަރުން އެކަމާ ދެކޮޅަށް ހަޅުތާލުކުރަން ނިންމައިފި އެވެ.

ބަޔާން މިއުނިކްގެ އަވޭ ސަޕޯޓަރުންގެ ގްރޫޕުން ބުނީ މިކަމާ ދެކޮޅަށް ހަޅުތާލުކުރުމުގެ ގޮތުން ޗެމްޕިއަންސް ލީގުގައި އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމުގައި ބަޔާން ކުޅޭ މެޗުގެ ފުރަތަމަ ފަސް މިނިޓް އެމީހުން ތިބޭނީ ދަނޑު ބޭރުގައި ކަމަށެވެ.

ބީބީސީން މީގެ ހަފުތާއެއްކުރިން ޔޫރަޕުގެ 227ގެ ކުލަބެއްގެ ޓިކެޓްގެ އަގުތައް ދިރާސާކުރުމަށްފަހު އާއްމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު އާސެނަލްއަކީ އެންމެ އަގުބޮޑުކޮށް ޓިކެޓް ވިއްކާކުލަބެވެ. އެކުލަބުން އިނގިރޭސި ލީގުގައި އެމިރޭޓްސް ސްޓޭޑިއަމަށް ވަންނަން ޓިކެޓެއް ވިއްކަލީ 97 ޕައުންޑަށެވެ. އަދި އަވޭ މެޗުތަކުގެ ޓިކެޓް ވިއްކަނީ 26 ޕައުންޑާއި 64 ޕައުންޑާ ދެމެދުގެ އަގަކަށެވެ. މިއާ ހިލާފަށް ބަޔާން މިއުނިކުން އެންމެ އަގުހެޔޮކޮށް ސީޒަން ޓިކެޓެއް ވެސް ވިއްކަނީ 140 ޕައުންޑަށެވެ.

ނަމަވެސް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ ހަފުތާ ބަންދުގައި ރަގްބީ މެޗުތަކުގެ ޓިކެޓްގެ އަގުވެސް ބޮޑު ކަމަށާއި އެއީ ބަދަލުވަމުންދާ މުޖުތަމައުގެ ސަބަބުން އަންނަ ބަދަލެއް ކަމަށެވެ. އަދި ޓިކެޓްގެ އަގުބޮޑުވިޔަ ނުދިނުމަށް އެކުލަބުން އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ.

ބަޔާންގެ ސަޕޯޓަރުން ބުނަނީ އަންނަ އަންގާރަ ދުވަހު ކުޅޭ އާސެނަލްއާއެކު ކުޅޭ މެޗުގެ ޓިކެޓް 100 ޕައުންޑަށްވުރެ މައްޗަށް އަރައިގެންދާނެ ކަމަށެވެ.