ށ. ޅައިމަގުގައި ދުއްވި "ކުރިމަގު" ބޯޓުގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލުތުފަރުގެ މަރުގެ މައްސަލާގައި ދައުލަތުން ގިނަ ހެކި މިއަދު ޝަރީއަތަށް ހުށަހަޅައިފި އެވެ.
ލުތުފަރު މަރާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލީ އޭނާއާއެކު އެ ބޯޓުއި މަސައްކަތް ކުރި ތިން ބިދޭސީން ކަމަށްވާ އަލަމިން އާއި ނޫރުލްއިސްލާމް އަދި އެމްޑީ އަހްތަރު ހުސައިންގެ މައްޗަށެވެ. އެމީހުންގެ މައްޗަށް ކޮށްފައި ވަނީ އެނގިހުރެ މީހަކު މަރާލުމުގެ ދައުވާ އެވެ.
އެ ދައުވާ އުފުލުމުން އެމީހުން ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކުށަށް އިއުތިރާފުވެ ކުށުގެ އިއުތިރާފު އެއްބަސްވުމުގައި ދައުލަތާއެކު ސޮއި ކޮށްފަ އެވެ. ނަމަވެސް މައްސަލައި ޕްރިލިމިނަރީ އަޑުއެހުމުގައި ތިން މީހުން ވެސް ވަނީ އިއުތިރާފުން ރުޖޫއަ ވެފަ އެވެ.
އެހެންވެ މި މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑު އެހުމުގައި ކުރިމިނަލް ކޯޓުގެ ގާޒީ ނިންމެވީ އެ މީހުން ކުށަށް އިންކާރު ކުރާތީ އިއުތިރާފުގެ އެއްބަސްވުން ބާތިލުވެފައިވާ ކަމަށެވެ. އަދި، މައްސަލަ އަލުން ތަހުގީގު ކުރުމަށް މުއްދަތެއް ދިނުމަށް ފަހު އޭރު ކްރިމިނަލް ކޯޓަށް ވެއްދި މައްސަލަ ގާޒީ ވަނީ ބާތިލު ކޮށްފަ އެވެ.
މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުން ލިބޭ ފުރުސަތެކެވެ. އިއުތިރާފު އެއްބަސްވުމުގައި ޕްރިލިމިނަރީ އަޑުއެހުމުގެ ކުރިން ސޮއި ކުރެވިދާނެ ކަމަށް އޮންނައިރު އެ އަޑުއެހުމުގައި ކުށަށް އިންކާރު ކޮށްފި ނަމަ މައްސަލަ އަލުން ތަހުގީގު ކުރުމުގެ ފުރުސަތު ލިބެ އެވެ. މިފަދަ މައްސަލަތަކަކީ އެ ގާނޫނުގައިވާ ގޮތުން އަލުން ކޯޓަށް ހުށަހެޅޭނެ މައްސަލަތަކެވެ.
މި މައްސަލަ އަލުން ތަހްގީގުކޮށް މިއަދު ބޭއްވި ޝަރީއަތުގައި އެމްޑީ އަހުތަރު ހުސައިންގެ ވަކީލު ވަނީ މި މައްސަލައިން ތަނާޒުލް ވެފަ އެވެ. އެހެން ކަމުން ގާޒީ ވަނީ މި މައްސަލާގައި އޭނާ ކުރިއަށް ދާން ބޭނުން ވަނީ ވަކީލަކާ އެކުގައިތޯ އައްސަވާފަ ކޮށްފަ އެވެ.
ތަރުޖަމާނަކާއެކު ޖަވާބު ދެމުން އަހުތަރު ބުނީ އޭނާ މި މައްސަލާގައި ކުރިއަށް ދާން ބޭނުން ވަނީ ވަކީލަކާ އެކުގައި ކަމަށާއި ފޯނު މެދުވެެރިކޮށް ވަކީލަކު އައްޔަން ކުރުމަށް އޭނާއަށް މުއްދަތެއް ދިނުމަށް އެދޭ ކަމަށެވެ. ގާޒީ ވަނީ އޭނާ ވަކީލަކު އައްޔަން ކުރަން ފަސް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު ދެން ދައުވާ އުފުލާފައިވާ ދެމީހުންގެ މައްސަލައިގެން ކުރިއަށް ދާން ނިންމާފަ އެވެ.
މިއަދުގެ ޝަރީއަތުގައި ދައުލަތުން ވަނީ އެ ދެ މީހުންނާއި ދެކޮޅަށް ޝަފަވީ 28 ހެއްކާއި ކިތާބީ 14 ހެއްކެއް ހުށަހާޅަފަ އެވެ. އެގޮތުން މި ދެ މީހުންނާއި ދެކޮޅަށް ފުލުހުން ދީފައި ހުރި ބަޔާނާއި ޅައިމަގު ރައްޔިތުންނާއި ޅައިމަގުގައި ދިރިއުޅޭ ބަންގްލަދޭޝް ބައެއް މީހުން ދީފައި ހުރި ބަޔާންތައް ކޯޓަށް ހުށަހަޅާފަ އެވެ. އަދި މީގެ ކުރީގެ ޝަރީއަތުގައި އެ ދެމީހުން ދީފައި ހުރި ބަޔާނާއި ހާދިސާ ހިނގި ގޮތް ކުޅެދީފައިވާ ވީޑިއޯ އާއި ޑީއެންއޭ ރިޕޯޓު ވެސް ހިމެނެވެ.
އަލަމިން އާއި ނޫރުލް އިސްލާމު ވަނީ އެމީހުން މީގެ ކުރިން ޝަރީއަތަށް ދީފައިވާ ބަޔާންތަކަށް ވެސް އިންކާރު ކޮށްފަ އެވެ. އަދި އަލަމިންގެ ފަރާތުން ދިފާއުގައި ހުށަހަޅާނެ އެއްވެސް ހެއްކެއް ނެތް ކަމަށް ބުނެފައިވާއިރު ނޫރުލްގެ ފަރާތުން ވަނީ ލިޔުމުން ހެކި ހުށަހެޅުމަށް ވަގުތު ދިނުމަށް އެދިފަ އެވެ.
ގާޒީ ވަނީ ހެކި ހުށަހެޅުމަށް އޭނާއަށް ދެ ދުވަހުގެ މުއްދަތެއް ދީފަ އެވެ. އަދި މި ހެކިތަކާއި ގުޅިގެން ދައުލަތުން ހުށަހަޅާން ޖެހޭ ލިޔެ ކިޔުން ހުށަހެޅުމަށް 15 ދުވަހުގެ މުއްދަތެއް ވެސް ދެއްވި އެވެ.
އަލަމިން އާއި ނޫރުލް އިސްލާމްގެ ވަކީލުން ވަނީ އެމީހުން ބަންދުގައި ތިބޭތާ ގިނަ ދުވަސްވެފައި ވާތީ އެމީހުންގެ އާއިލާތަކަށް ވަރަށް ބޮޑަށް ދަތިތަކާއި ކުރިމަތިވަމުންދާ ކަން ޝަރީއަތުގައި ފާހަގަ ކޮށްފަ އެވެ. އަދި މި މައްސަލައިގެ ޝަރީއަތް ހިނގާގޮތުގެ ތާވަލެއް ފޯރު ކޮށްދިނުމަށް އެދުމާއެކު ވީހާވެސް އަވަހަކަށް މައްސަލަ ނިންމައިދިނުމަ ށްވެސް އަލަމިން އާއި ނޫރުލްގެ ވަކީލު އެދުނެވެ.
ގާޒީ ވަނީ މި މައްސަލަ ކުރިއަށްދާނެ ގޮތުގެ ތާވަލެއް ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އަލަމިން އާއި ނޫރުލްގެ ޝަރީއަތް އެއްކޮށް ކުރިއަށް ގެންދަން ނިންމާ ވަކީލަކު ހަމަޖެހުމުން އެމްޑީ ހޮސައިން އަހުތަރުގެ ޝަރީއަތް ކުރިއަށް ގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ނަމަވެސް އަލަމިން އާއި ނޫރުލްގެ ވަކީލުން ބޭނުން ވަނީ މި ތިން މީހުންގެ މައްސަލަ އެއްކޮށް ކުރިއަށް ގެންދަން ބޭނުންވާ ކަމަށް ބުނެފަ އެވެ. ސަބަބެއް ކަމަށް ބުނެފައި ވަނީ މި ތިން މީހުންގެ މައްޗަށް ވެސް އުފުލާފައިވަނީ އެއް ދައުވާއެއް ކަމަށާއި މި މައްސަލަ އަވަހަށް ކުރިއަށް ގެން ގޮސް ނިންމާލެ ވޭނީ އެއްކޮށް ޝަރީއަތް ކުރިއަށް ގެންދިޔުމުން ކަން ގަބޫލު ކުރާތީ ކަމަށެވެ. ގާޒީ މިކަމަށް ވަކި ޖަވާބެއް ނުދެއްވަ އެވެ. މިއަދުގެ ޝަރީއަތް ނިންމާލާފައި ވަނީ މި މިމައްސަލައިގެ ޝަރީއަތެއް ވަރަށް އަވަހަށް ބާއްވާނެ ކަން އިުލާން ކޮށްފަ އެވެ. ކޮން ދުވަހެއް ކަން ވިދާޅުވެފައެއް ނުވެ އެވެ.
ލުތުފަރު މަރާލާފައި ވަނީ އޭނާ އާއެކު ބޯޓުގައި މަސައްކަތް ކުރާ އެހެން ފަޅުވެރިންނާއެކު ޖިންސީ ގުޅުން ހިންގަން މަސައްކަތް ކުރުމުން ކަމަށް މީގެ ކުރިން ފުލުހުންނަށް ދިން ބަޔާނުގައި މި ތިން މީހުން ބުނެފައިވެ އެވެ. ލުތުފަރު މަރާލީ އެކަމުގައި ނުރުހުމުގަ އެވެ.
ބަޔާން ބުނާ ގޮތުން އޭނާ މަރާލީ ބޯޓުގެ ތެރޭގައި އޭނާގެ ކަރުގައި ހިފައިގެނެވެ. އެ އަޑު އިވިގެން އެ ބޯޓު ކައިރިއަށް ބައެއް މީހުން އެއްވި އެވެ. ނަމަވެސް ލުތަފަރު މަރާލި ނޫރުލް އިސްލާމް އެމީހުނަށް ދޮގު ވާހަކައެއް ކިޔައި ދިނީ ކަމަށް ފުލުހުން ވަނީ ބުނެފައި ވެއެވެ. އަދި އެ އަޑަކީ އޭނާ އާއި އަންހެނުން ފޯނުން ކުރި ޒުވާބެއްގެ އަޑު ކަމަށް ބުންޏެވެ.
ބޯޓު ކައިރިއަށް މީހުން އެެއްވާން ފެށުމުން ލުތުފަރު މަރާލުމުގައި ބައިވެރިވި އަނެއް ދެ ބިދޭސީން ލުތުފަރުގެ ހަށިގަނޑު ކައިރީގައި ފިލައި ތިބީ ކަމަށާއި އަދި ހަށިގަނޑު ވާޖަހައިފައި މޫދަށް ފައްތާފައި ބޭއްވުމަށް ފަހު މޫދުން ނަގައި އަންނައުނު ބަދަލުކޮށް އޭނާ ނިދާ ތަނުގައި ބާއްވައި މީހަކު ބޯޓަށް އެރި ނަމަވެސް ލުތުފަރު ބޯޓުގައިވާކަން ދެއްކީ އެވެ.
އޭގެ ފަހުން ހަށިގަނޑުގައި ތިން ބަސްތާ ޖަހައިގެން 20 ލީޓަރުގެ ކުކިން އޮއިލް ހުސްކުރި ހަމުގެ އެހީގައި ލުތުފަރު ހަށިގަނޑު ގެންދަން މަސައްކަތް ކުރި އެވެ. ނަމަވެސް ތިން ބަސްތާ ލުތުފަރުގެ ހަށިގަނޑުގައި އައްސައިފައިވުމުން، ފަތައިފައި ނުގެންދުވުމުގެ ސަބަބުން ދެ ބަސްތާ ވަނީ ތޮށިގަނޑު މައްޗަށް ދޫކޮށްލައި ކަތޮށިގަނޑު ނިމޭ ހިސާބުން ލުތުފަރުގެ ހަށިގަނޑު ފެއްތީ އެވެ.
ލުތުފަރު މަރާލީ މިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގަ އެވެ. އޭނާގެ ކަށިތައް ކަމަށް ބެލެވޭ ކަށިތަކެއް ފުލުހުން ވަނީ ކަނޑުގެ އަޑިން ހޯދާފަ އެވެ.