ހަބަރު

ހީލަތްތެރިއެއްގެ އަވާގައި ޖެހުނު މީހުން ބަލަނީ

ސައްހަ ނޫން އެއްބަސްވުންތަކެއް ހަދައި އެޕާޓްމަންޓްތަކެއް ކުއްޔަށް ދީ މަކަރާއި ހީލަތުން ފައިސާ ހޯދަމުން ދިޔަ މީހެއްގެ އަވައިގައި ޖެހުނު މީހުންގެ މައުލޫމާތު ހޯދަން އިއުލާން ކޮށްފި އެވެ.

ފުލުހުން ބުނީ ޅ. ހިންނަވަރު، އަންބަރީގެ، އިބްރާހީމް ނަޒީދު 37، އެއީ ސައްހަ ނޫން އެއްބަސްވުންތަކެއް ހަދައި ގިނަ އަދަދެއްގެ ބަޔަކަށް އެޕާޓްމަންޓް ކުއްޔަށްދީ މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދަމުންދިއުމުގެ ތުހުމަތު އޮތް މީހެއް ކަމަށެވެ.

އަދި ބުނީ އޭނާގެ އަވައިގައި ޖެހުނު ފަރާތެއްވާނަމަ އެ މައުލޫމާތު ފުލުހާ ހިއްސާ ކުރަން އެދޭ ކަމަށެވެ.

ތަފާތު ގޮތްގޮތަށް މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް ރާއްޖޭގައި އިތުރު ވަމުން ދާތީ، ފައިސާ އާއި އަގު ބޮޑު ތަކެތި ހިމެނޭ މުއާމަލާތްތައް ކުރާއިރު އެ ކުރާ މުއާމަލާތަކީ ސައްހަ މުއާމަލާތެއްތޯ ކަށަވަރު ކުރަން ސަމާލުކަން ދޭން ވެސް ފުލުހުން ވަނީ އެދިފަ އެވެ. އަދި ސައްހަނޫން މުއާމަލާތެއް ހިންގުމަށް މަސައްކަތް ކުރާކަމަށް ޝައްކުވާނަމަ އެ މުއާމަލާތެ ވެސް ފުލުހާ ހިއްސާ ކުރަން އެދެ އެވެ،