މާޒިޔާ

މާޒިޔާއަށް ތައުރީފް ނޫން އެއްޗެއް ނެތް

މާޒިޔާގެ ޕްރެކްޓިސް ފެށިފަހުން ފާއިތުވެ ދިޔަ ދެ ހަފުތާގައި ކުޅުންތެރިންގެ މަސައްކަތުގެ ރޭޓް ފެނިފައި މާޒިޔާގެ ކުޅުންތެރިންނަށް އެ ޓީމުގެ ކޯޗް މުހައްމަދު ނިޒާމް ތައުރީފު ބަންޑުން ކޮށްލައިފި އެވެ.

ޑިސެމްބަރު މަހު ފަށަން ތާވަލު ކޮށްފައިވާ އާ ސީޒަނަށް ތައްޔާރު ވުމަށް އެންމެ ފުރަތަމަ ޕްރެކްޓިސް ފެށީ މާޒިޔާއިންނެވެ. އެ ޓީމުގެ ޕްރެކްޓިސް ފެށީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ. ކޮރޯނާ ވައިރަސް އާ ގުޅިގެން ކުޅިވަރުގެ ހަރަކާތްތައް ގިނަ ދުވަސްތަކަކަށް މެދުކަނޑާލަން ޖެހުމުން ކުޅުންތެރިންނާއި ކުލަބުތަކަށް އޭގެ އަސަރު ކުރި އެވެ. އަލުން ޕްރެކްޓިހަށް ނުކުންނައިރު ކުޅުންތެރިންނަށް އުނދަގޫތަކެއް ހުރެދާނެ ކަމަށް ބެލެވުނު ނަމަވެސް ނިޒާމްއަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ މާޒިޔާގެ ކުޅުންތެރިންގެ ކިބައިން ރަނގަޅު ރޫހެއް ފެނުމެވެ.

"އަސްލު ބުނަން ޖެހޭނީ ބުރޭކަކަށް ފަހު އައިރު އުންމީދު ކުރިވަރަށް ވުރެ މާބޮޑަށްވެސް ކުޅުންތެރިން ތިބީ ފުޓްބޯޅަ ކުޅެން ބޭނުންވެފަ އޭ،" މާޒިޔާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އެ ޓީމުން ޕޯސްޓްކޮށްފައިވާ ވީޑިއޯ މެސެޖުގައި ނިޒާމް ބުނެފައި ވެއެވެ. "އޭގެ ސަބަބުން ކުޅުންތެރިން އެލާހިތްވަރާއި ކުޅުންތެރިން އެ ދައްކާ މަސައްކަތް މާބޮޑަށްވެސް ރަނގަޅު ކަމަށް ފާހަގަ ކުރަން ޖެހޭ."

މާޒިޔާއަށް އެންމެ ފުރަތަމަ އޮތީ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑް މެޗެވެ. ޗެރިޓީ ޝީލްޑްގައި މާޒިޔާ އާ ދެކޮޅަށް ނުކުންނާނީ މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގް ދެ ވަނަ ހޯދި ކުލަބު އީގަލްސް އެވެ. ނިޒާމް ބުނީ އެ މެޗަކީ ދިވެހި ޕްރިމިއާ ލީގް ކުރިން ޓީމުގެ ފެންވަރު ދެނެގަތުމަށް މުހިންމު ޓެސްޓެއް ކަމަށެވެ.

"އެންމެ މުހިންމު ކަމަކީ ސީޒަން ފަށަންވާއިރަށް ކުޅުންތެރިން ސީޒަނަށް ތައްޔާރުވެފަ،" ނިޒާމް ބުންޏެވެ. "ޗެރިޓީ ޝީލްޑް މެޗަކީ ލީގް މެޗަށް ދާން ވާއިރަށް ކުޅުންތެރިންގެ ފެންވަރު ބަލާލަން ލިބޭ ފުރަތަމަ ވާދަވެރި މެޗަށް ވީމަ ކުޅުންތެރިން އެންމެ ރަނގަޅު ފޯމުގައި ތިބުމަކީ އެންމެ ބޮޑު އުންމީދު."

މިދިޔަ ސީޒަންގައި މާޒިޔާގައި ކުޅުނު ލޯކަލް ހުރިހާ ކުޅުންތެރިންހެން ޓީމު މަޑު ކުރިއިރު އެ ޓީމުގެ ސްކޮޑަށް މުހައްމަދު އުމޭރު އާއި މިޑްފީލްޑާ އަސްހަދު އަލީ (އަޑޭ) ވަނީ އިތުރު ވެފަ އެވެ. ޔޫތު ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު އަދާ ކުރަށްވަމުން އަންނަ އަސްހަދު އަދި މާޒިޔާއަށް ރަސްމީކޮށް ސޮއި ކުރައްވާފަ އެއް ނުވެ އެވެ.

ޓީސީއަށް 2018 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގް ކާމިޔާބު ކޮށްދިން ނިޒާމް، ދިވެހި ކުލަބަކާއެކު އަލުން މަސައްކަތަށް ނުކުންނަނީ ގާތްގަނޑަކަށް ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އޭރު ޓީސީއަށް ލީގް ޗެމްޕިއަންކަން ހޯދައިދިނުމަށް ފަހު އެ ޓީމުން ވަކިވެ އެހެން ޓީމަކާ ހަވާލު ނުވެ ހަ މަސް ދުވަހުގެ ބުރޭކެއް ނިޒާމް ނެގި އެވެ. އެ މުއްދަތުގައި ބަންގުލަދޭޝްގައި ބޭއްވި އޭއެފްސީ އޭ ލައިސެންސް ކޯސް އޭނާ ވަނީ ފުރިހަމަ ކޮށްފަ އެވެ. އެއަށް ފަހު އެފްއޭއެމުން އޭނާ ހުށަހެޅީ 16 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗް ކަމެވެ. އެ ޓީމާއެކު ހަތަރު މަސް މަސައްކަތް ކުރި އެވެ. ބަނގުލަދޭޝްގައި ބޭއްވި ޔޫއެފާ އެސިސްޓް މުބާރާތުގައި ނިޒާމްގެ ކޯޗް ކަމުގެ ދަށުން އެ ޓީމުން ވާދަ ކުރި އެވެ. ބަނގުލަދޭޝްގެ ޕްރިމިއާ ލީގް ކުލަބު ސައިފް ސްޕޯޓިން ކުލަބުން ލިބުނު ފުރުސަތުގައި ނިޒާމް ވަނީ އެ ޓީމާއެކު މަސައްކަތް ކޮށްފަ އެވެ.

އެނބުރި ރާއްޖޭގެ ލީގަށް އަންނައިރު މިދިޔަ ދެ އަހަރު ކުރެވުނު ތަޖުރިބާތަކުން ގިނަ ކަންކަމެއް ދަސްވެފައި ވުމަކީ ނިޒާމަށް ލިބުނު ހިތްހަމަޖެހުމެކެވެ.