ރާއްޖެ ކުޅިވަރު

ޔޫތު މިނިސްޓްރީން އެފްއޭއެމަށް ޖެއްސުން ކުރީތަ؟

މިނިވަން 50 ގެ ކުޅިވަރުތަކަށް ގަލޮޅު ދަނޑު ބޭނުން ކުރުމުން ވިނަގަނޑު ވަނީ މުޅިންހެން ނެތި ގޮސްފަ އެވެ. އޭގެ ފަހުން ދަނޑުގެ ވިނަގަނޑު އެއްކޮށް ނަގައި ބޭރުގެ މާހިރުންގެ ބެލުމުގެ ދަށުން ދަނޑުގައިވަނީ ފީފާ ގަބޫލުކުރާ ފެންވަރުގެ ބާމުޑާ ވިނަ ވަނީ އިންދައިފަ އެވެ.

ނަމަވެސް ދަނޑު އަލުން ތައްޔާރުކު ރަން ފެށިތާ ދެ މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު ގައުމީ ފުޓްބޯޅަ ލީގުގެ މެޗުތައް އެ ދަނޑުގައި ކުޅެވޭގޮތެއް ނުވުމުން، އެންމެ ފަހުން ލީގު މިވަނީ އެއްވެސް އިންތިޒާމެއްނެތް ޓާފް ދަނޑުގައި ކުޅެންޖެހިފަ އެވެ. މިއީ ގަލޮޅު ދަނޑު ހެދީއްސުރެ އެނޫން ތަނެއްގައި މާލޭގައި ރަސްމީ ފުޓްބޯޅަ މެޗެއް ކުޅޭ ފުރަތަމަ ފަހަރެވެ. މިވީ ކިހިނެތް ހެއްޔެވެ؟

ވިނަގަނޑު ހަލާކުވުމުން އެކަން ރަނގަޅު ކުރަން ހޯމް މިނިސްޓްރީން ފުރަތަމަ މަސައްކަތް ކުރި އެވެ. އޭގެ ފަހުން އެތަން ބަލަހައްޓަމުން އައީ ދަނޑުގެ ބެލެނިވެރިފަރާތް ކަމަށްވާ ޔޫތު މިނިސްޓްރީންނެވެ. ފުޓްބޯޅަ މެޗުތައް ކުޅެން އެފްއޭއެމަށް ދަނޑު ދޫކުރި ނަމަވެސް އެތަން ބަލަހައްޓައި ދަނޑުގެ ހުރިހާ ކަމެއް ކުރާ ބަޔަކީ ޔޫތު މިނިސްޓްރީ އެވެ. ގަލޮޅުދަނޑުގެ ވިނަގަނޑު ހަލާކުވެފައިވާތީވެ، އޮކްޓޫބަރު މަހުގެ 15 އަށް ދަނޑު ތައްޔާރުކޮށް ނިންމަން އެފްއޭއެމާއި ޔޫތު މިނިސްޓްރީން އެކިފަހަރުތަކުގައި ވަނީ މަޝްވަރާކޮށްފަ އެވެ. ނަމަވެސް ނުނިމުނީ ކީއްވެ ހެއްޔެވެ؟

ޝަވީދުގެ ވާދަވެރިން ޔޫތު މިނިސްޓްރީގައި

މިކަމާމެދު ކުޅިވަރުގެ ތެރޭގައި ދެމެމުންދާ ޕޮލިޓިކްސް އަށް ވިސްނާލުމުން ޝައުގުވެރި ކުރުވަނިވި ދެކަމެއް ފާހަގަވެ އެވެ. އެއީ މިހާތަނަށް ކުޅިވަރުގައި އެންމެ ފޯރިގަދަވި ދެ އިންތިހާބުގައި ވާދަކުރެއްވި ފަރާތްތައް ޔޫތު މިނިސްޓްރީ އާއި އެފްއޭއެމަށް ބެހިފައިތިބުމެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ބޭފުޅުން ތިއްބެވީ ޔޫތު މިނިސްޓްރީންގެ އިސް މަގާމުތަކުގަ އެވެ. އިންތިޚާބު ކާމިޔާބު ކުރެއްވި އޮލިމްޕިކް ކޮމިޓީގެ މިހާރުގެ ރައީސް މުހައްމަދު ޝަވީދަކީ އެފްއޭއެމް ހިންގަވަމުން ގެންދަވާ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަނެވެ.

ދެން އޮތީ އެފްއޭއެމުގެ އިންތިހާބެވެ. އެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ބަންދުވެފައިވާއިރު ރައީސް ކަމަށް ކުރިމަތިލެއްވި ހަމައެކަނި ކެނޑިޑޭޓަކީ ޝަވީދެވެ. އޭނާއާ ވާދަ ކުރައްވަން ތައްޔާރުވި ނަމަވެސް ގައުމުގެ ސިޔާސީ އޮއިވަރު އެއިރުހުރި ގޮތުން އެންމެ ފަހު ވަގުތު ފަހަށް ޖެހިވަޑައިގަތް "އިދިކޮޅު ޓީމު"ގެ އިސް ބޭފުޅުން ވެސް އެތިއްބެވީ ޔޫތު މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގަ އެވެ.

އެފްއޭއެމުގެ އިންތިހާބު އަދި ނުނިމެ އެވެ. ޝަވީދާއި އޭނާގެ ޓީމު "ކުޅެން" ފުރުސަތުދޭނީތޯ ނުވަތަ ރަތްކާޑު ދައްކައި ފޮނުވާލާނީތޯ ނިންމާލީ އަންނަ ހަފުތާގައި ބާއްވާ އެފްއޭއެމް ކޮންގްރެސްގައި ނަގާ ފެންނަ ނުފެންނަ ވޯޓުންނެވެ. އެފްއޭއެމަށް ޔޫތު މިނިސްޓްރީން ޖެއްސުންކުރީ ކަމަށް ފުޓްބޯޅައިގެ ކޯޗުންނާއި މެނޭޖަރުންނާއި ކުޅުންތެރިން ބުނަމުންދަނީ މިހެންވެ އެވެ.

މަސައްކަތް ހަމަ ނުނިމުނީތަ؟

ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވުމުން އެފްއޭއެމުގެ ޝެޑިއުލަށް ބޮޑެތި ބަދަލުތަކެއްގެނަ އެވެ. އެގޮތުން 1988 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އައި އެފްއޭކަޕް މި އަހަރު ނުބާއްވަން ނިންމި އެވެ. އެ މުބާރާތަކީ ސަރަހައްދީ މުބާރާތެއް ކަމަށްވާ އޭއެފްސީ ކަޕުން ޖާގަ ލިބޭ މުބާރާތަކަށްވި ނަމަވެސް އެ ޖާގަ ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަން ޓީމަށް ދޭން ނިންމި އެވެ. އަދި ޑިސެމްބަރު މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ދާންޖެހޭތީވެ ސީޒަން ނިންމުމަށް ޕްރެޒިޑެންޓްސް ކަޕް 45 އަހަރަށް ފަހު މާލޭން ބޭރުގައި ފުރަތަމަ ފަހަރަށް ބޭއްވި އެވެ. މިކަން ކުރީ އެފްއޭއެމުން ކުލަބުތަކުގެ މުހިންމު ގިނަ ހަރަދުތައް ބަލަހައްޓައިގެންނެވެ.

މީގެ އިތުރުން ޖުލައި މަހު ހަލާކުވި ދަނޑު އޮކްޓޫބަރު 17 ގައި ލީގު އަލުން ފަށަންވާއިރަށް ނިންމަން މިނިސްޓްރީ އާއި އެފްއޭއެމުން މަޝްވަރާކުރި އެވެ.

އެކަމަކު އެކަން ނުވުމުން މި މައްސަލާގައި އެފްއޭއެމުން އިއްޔެރޭ ނެރުނީ ނޫސްބަޔާނެކެވެ. އެ ނޫސްބަޔާނުގައިވަނީ ލީގު އަލުން ފަށަންވާއިރަށް މިނިސްޓްރީއާއެކު އެތައް ފަހަރަކު މަޝްވަރާކޮށްފައިވީ ނަމަވެސް އެކަން ނުވުމުން ހިތާމަކުރާ ކަމަށެވެ. އަދި ސީޒަން ދިގުލައިދާތީވެ ކުލަބުތަކަށް ގެއްލުންވަމުންދާތީވެ ޓާފް ދަނޑުގައި މެޗުތައް ކުޅެން ނިންމީ ކަމަށެވެ.

ނަމަވެސް މިނިސްޓްރީގެ ވާހަކަ ތަފާތެވެ. އެ މިނިސްޓްރީގެ މީޑިޔާ ކޯޑިނޭޓަރު ރާއްޖޭގެ މީޑިޔާއަށް މައުލޫމާތުދީފައިވަނީ ދަނޑުގެ ފަސްގަނޑު ބާރުކުރަން މިނިސްޓްރީން ގެންގުޅޭ ވެހިކަލް ހަލާކުވެފައިވުމުން އެކަން ނުކުރެވި އޮތީ ކަމަށެވެ.

ރާއްޖޭގައި ވެހިކަލެއްނެތީތަ؟

ދަނޑުގެ ފަސްގަނޑު ބާރު ކުރަން މިނިސްޓްރީން ގެންގުޅޭ ވެހިކަލް ހަލާކުވުމަކީ އުޒުރެއް ހެއްޔެވެ؟ އެނޫނީ އެކަން ކުރެވޭނެ ވެހިކަލެއް ރާއްޖޭގައި ނެތީހެއްޔެވެ؟ ސަރުކާރާއި އަމިއްލަ ކުންފުނިތަކުގައި އެގެންގުޅޭހާ ވެހިކަލްތައް ކޮބައި ހެއްޔެވެ؟ މިނިސްޓްރީން އެއިން ވެހިކަލެއް ހޯދަން އުޅުނު ހެއްޔެވެ؟ އުޅުނުނަމަ ނުލިބި އޮންނާނެ ހެއްޔެވެ؟

ލީގު ނުފެށި ޓީމުތައް މިނިސްޓްރީ އާއި އެފްއޭއެމަށް ރުޅިބާލަން ފެށުމުން މިނިސްޓްރީން މިހާރު ބުނަނީ ކުރިއަށް އޮތް ހަފުތާގައި މަސައްކަތް ނިންމާލަން މަސައްކަތް ކުރާ ކަމަށެވެ. އެހެންވިއްޔާ މިއޮތްހާ ދުވަހު މަސައްކަތް ނުކޮށްތިބީ ކީއްވެ ހެއްޔެވެ؟ ދަނޑުގެ ވިނަގަނޑު ރީތިވެ، ފެހިވެފައި އޮންނަތާ ލައްކަ ދުވަސްވެއްޖެ އެވެ.

މިނިސްޓްރީ އާއި އެފްއޭއެމް ދެ މިސްރާބަކަށް

މިނިސްޓްރީން ބުނަނީ ދަނޑުގެ ފަސްގަނޑު ބާރުކޮށް އަލުން ލީގު ފަށާނެ ދުވަހެއް ނިންމަން އެފްއޭއެމާއެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އެކަމަކު މިހެން މި ވާހަކަ ބުނިއިރު އެފްއޭއެމުގެ އެންމެ އިސްވެރިން ގައުމީ ޓީމާއެކު ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް ގައުމުން ބޭރުގައި ހަފުތާއަކަށްވުރެ ގިނަ ދުވަހު ތިބުމަށްފަހު އެނބުރި އައީ އިއްޔެ އެވެ.

އަނެއްކޮޅުން މިނިސްޓްރީން މިހެން ބުނިތާ މާގިނައިރެއްނުވެ ކުލަބުތަކުން ލީގު ފަސްކުރަން ބޭނުންނުވާތީވެ ޓާފްދަނޑުގައި މެޗުތައް ކުޅެން އެފްއޭއެމުން ނިންމި އެވެ.

މިހެންވުމުން އުފެދެނީ ދެ ސުވާލެކެވެ. މިނިސްޓްރީން ބޭނުންވީ އެފްއޭއެމުގެ އިންތިހާބުގެ ކުރިން ކުލަބުތަކުން އެއިދާރާގެ އިސްވެރިންނާ މެދު ހިތްހަމަނުޖެހުން އުފައްދަން ހެއްޔެވެ؟ އަދި ކޮންމެ ގޮތަކުން ވެސް ލީގު ފަށަން އެފްއޭއެމުން ނިންމީ މިކަން ވިޔަނުދޭން ހެއްޔެވެ؟