މެލޭޝިއާގައި ކުއްލި ހާލަތު އިއުލާން ކުރަން ރަސްގެފާނު އަބްދުﷲ ދެކޮޅު ހައްދަވައިފި އެވެ. މެލޭޝިއާގައި ކުއްލި ހާލަތު އިއުލާން ކުރަން ބޮޑު ވަޒީރު އެދި ވަޑައިގަތީ މިދިޔަ ހުކުރު ދުވަހު އެވެ.
ރަސްގެފާނުގެ ފަރާތްޕުޅުން ނެރުނު ބަޔާނެއްގައިވާ ގޮތުން އެ ގައުމުގައި ކުއްލި ހާލަތު އިއުލާން ކުރަން ބޮޑު ވަޒީރު މުހިއްޔުއްދީން އެދި ވަޑައިގަންނަވަނީ ގައުމުގައި އޮތް ކޮވިޑްގް ގޯސް ހާލަތު ކޮންޓްރޯލް ކުރުމުގެ ނަމުގަ އެވެ. ނަމަވެސް ރަސްގެފާނު ވިދާޅުވަނީ ކުއްލި ހާލަތެއް ނުގެނައި ނަމަވެސް ކުރިއަށް ދެވެން ވާނެ ކަމަށެވެ. އަދި އިދިކޮޅުން ބުނަމުން ދަނީ އެއީ ސިޔާސީ ބޭނުމެއްގައި އަޅަން މަސައްކަތް ކުރާ ފިޔަވަޅެއް ކަމަށެވެ.
ގަނޑުވަރުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ކޮވިޑް ބަލި ފެތުރުން ހުއްޓުވުމަށް ސަރުކާރުގެ ސިޔާސަތުތަކާއި ފިޔަވަޅުތައް ބޮޑުވަޒީރު މުހިއްޔުއްދީނާއެކު ތަސްދީގު ކުރެވޭނެ ކަމަށް ރަސްގެފާނު ގަބޫލުފުޅު ކުރައްވަ އެވެ.
އަންނަ މަހުގެ މެލޭޝިއާގެ ޕާލިމެންޓުގެ ބައްދަލުވުންތައް ފަށައި އަންނަ އަހަރުގެ ބަޖެޓް ހުށަހަޅާނެ އެވެ. އެ ބަޖެޓު ފާސް ނުވެއްޖެ ނަމަ އެއީ މުހިއްޔުއްދީނަށް އިތުބާރު ނެތުން ކަމަށް ބެލެވި އާއްމު އިންތިހާބަކަށް މަގުފަހިވުން ވަރަށް އެކަށީގެންވެ އެވެ. އެކަމަކު އޭގެ ކުރިޔަށް ކުއްލި ހާލަތު އިއުލާން ކޮށްފި ނަމަ ބަޖެޓު ހުށަހެޅުން ފަސް ކުރެވި ބޮޑު ވަޒީރަށް އިތް ޕްރެޝަރު ކުޑަ ކުރެވޭނެ އެވެ.
އެ ފިޔަވަޅު އަޅަން މަސައްކަތް ކުރާރީ އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުން ބޮޑު ވަޒީރަށް ވަނީ އަމާޒުވެފަ އެވެ.