ހަބަރު

ތައުލީމުގެ ބިލު މަޖިލީހުން ފާސްކޮށްފި

Oct 26, 2020

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ތައުލީމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒް ހުށަހަޅުއްވާފައިވާ ބިލު މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތަށް ފާސްކޮށްފައިވަނީ މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެ އިއްތިފާގުންނެވެ.

ތައުލީމުގެ ބިލުގައިވާ ގޮތުން އުމުރުން ހަތަރު އަހަރުން ފެށިގެން 16 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކީ ތައުލީމު ލާޒިމުވާ އުމުރުގެ ކުއްޖެކެވެ.

ނަމަވެސް، ކޮމިޓީ މަރުހަލާގައި ވަނީ ކޮންމެ ކުއްޖަކުވެސް 18 އަހަރު ފުރެންދެން ތައުލީމީ ނުވަތަ ހުނަރުގެ ޕްރޮގްރާމެއް ފުރިހަމަކޮށްފައިވާތޯ ކަށަވަރުކުން ލާޒިމުކޮށްފަ އެވެ.

މީގެ އިތުރުން، ބިލުގައި ޕްރީ ސްކޫލް ތައުލީމާއި ސާނަވީ ތައުލީމާއި މަތީ ސާނަވީ ތައުލީމު ހިލޭ ކޮށްދިނުމުގެ އުސޫލުތައް ބަޔާން ކޮށްފައިވެ އެވެ. އަދި ދަރިވަރުންގެ ހައްގުތަކާއި ބެލެނިވެރިންނާއި ޓީޗަރުންނާއި ސަރުކާރުގެ ޒިންމާތައްވެސް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ތައުލީމުގެ ބިލެއްގެ އިތުރުން މަތީ ތައުލީމުގެ ބިލެއް ވެސް ސަރުކާރުގެ ފަރާތުން މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ. އެ ބިލުގެ މަސައްކަތް ވެސް މިހާރު އޮތީ ކޮމިޓީ މަރުހަލާގަ އެވެ.