ހަބަރު

ރައީސްގެ މަސައްކަތުން ހުޅުމާލެ މަޝްރޫއުން 22 މިލިއަން ޑޮލަރު ސަލާމަތް ކުރެވުނު: އަދީބު

ހުޅުމާލެ ހިއްކުމުގެ ދެވަނަ ފިޔަވަހީގެ އަގުން 22 މިލިއަނަށް ވުރެ ގިނަ ޑޮލަރު ސީދާ ރައީސް އަބްދުﷲ ޔާމީންގެ މަސައްކަތުން ސަލާމަތް ކުރެވިފައިވާ ކަމަށް އިކޮނޮމިކް ކޮމިޓީގެ ކޯޗެއާ އަހުމަދު އަދީބު އަބްދުލް ޣަފޫރު ވިދާޅުވެއްޖެ އެވެ.

"އަވަސް"އާ ވާހަކަ ދައްކަވަމުން އަދީބު މިއަދު ވިދާޅުވީ ހުޅުމާލޭގެ ބިން ހިއްކުމަށް އިއުލާން ކުރުމުން، ބޮސްކާލީސް ފަދަ ކުންފުނިތަކުން ހުށަހެޅީ 68 މިލިއަން ޑޮލަރުގެ ބޮޑު އަގެއް ކަމަށެވެ. ނަމަވެސް ސީދާ ރައީސް އެކި ފަރާތްތަކާ މަޝްވަރާކުރެއްވުމުގެ ނަތީޖާ އެއްގެ ގޮތުން ހުޅުމާލެ ހިއްކުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް 52 މިލިއަން ޑޮލަރަށް ކޮށްދޭން، ބެލްޖިއަމްގެ ޑްރެޖިން އިންޓަނޭޝަނަލުން އެއްބަސްވީ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

"މީގެ ސަބަބުން ދައުލަތަށް 22 މިލިއަން ޑޮލަރަށް ވުރެ ބޮޑު އެއްޗެއް ސަލާމަތް ވެގެން މިދިޔައީ. ރައީސް ގަބޫލުފުޅު ކުރެއްވީ މި ޕްރޮޖެކްޓަކީ މިއީ ގައުމުގެ ޒުވާނުންގެ އިހުސާސްތަކާ ގުޅިފައި އޮތް ޕްރޮޖެކްޓެއްކަން އެހެންވެ ރައީސް މި ޕްރޮޖެކްޓް ފައްޓަވަން އިސްކަން ދެއްވި. ރައީސް ދެކިވަޑައިގަތީ މިއީ ޒުވާނުންގެ މަޝްރޫއެއް ކަމަށް،" ޓޫރިޒަމް މިނިސްޓަރު ކަމާއި އެސްއީޒެޑް ބޯޑުގެ ޗެއާމަންކަން ވެސް ކުރައްވާ އަދީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރައީސް އާއި އިކޮނޮމިކް ކޮމިޓީގެ ބޭނުމަކީ، ޒުވާނުންނާއި ގައުމަށް ޓަކައި ކަންތައްތަކެއް ކޮށްދިނުން ކަމަށެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކުމުގެ ބޭނުމަކީ ރައީސް ވައުދުވެ ވަޑައިގަތް ގޮތަށް ޔޫތް ސިޓީއެއް ތަރައްގީ ކުރުން ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

"މިއީ ޔޫތް ސިޓީގެ ފެށުން. މިއީ ޒުވާނުންނަށް ވެ ވަޑައިގަތް ވައުދުތައް ހަގީގަތަކަށް ހެދުމުގެ ފެށުން،" އަދީބު ވިދާޅުވި އެވެ.

މިފަދަ މަޝްރޫއުތައް ޒުވާނުންނަށް ހާއްސަކޮށްގެން މި ސަރުކާރުން ކުރިއަށް ގެންދާ އިރު އިދިކޮޅު ފަރާތްތަކުން އެއްވެސް ކަމެއް ޒުވާނުންނަށް ނުކޮށްދީ ހުސް ވާހަކަތަކެއް ދައްކައި ކަންކަމުގެ ހަގީގަތް އޮޅުވާލަން މަސައްކަތް ކުރުމަކީ އިދިކޮޅު ސިޔާސީ ލީޑަރުން ލަދުގަންނަން ޖެހޭނެ ކަމެއް ކަމަށް އަދީބު ވިދާޅުވި އެވެ.

"މި ސަރުކާރުގެ ވިޝަންއެއް އެބައޮތް، ޒުވާނުންނާއި ގައުމުގެ ތަރައްގީއަށް. އަބަދު ކޮންމެ ކަމެއްގައި ގޯސް ގޮތަށް ވާހަކަ ދެއްކުމަށް ވުރެ މި ސަރުކާރުން މި އަންނަނީ ކަންތައްތަކެއް ކޮށްދެމުން. އެއީ އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ،" އަދީބު ވިދާޅުވި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަޝްރޫއު ކުރިއަށް ގެންދަނީ ބޭންކް އޮފް ސިލޯނުން ނެގި 30 މިލިއަން ޑޮލަރުގެ ލޯނެއް ވެސް ހިމެނޭ ގޮތަށެވެ. އެ މަޝްރޫއުގެ މަސައްކަތް ފަށާތާ ހަ މަސްދުވަހުގެ ތެރޭގައި ބިން ހިއްކާ ނިންމުމަށް ވަނީ އެއްބަސްވެފަ އެވެ. ހުޅުމާލޭން 240 ހެކްޓަރުގެ ބިން މުޅިން އަލަށް ހިއްކުމުން އެ ރަށުގެ ބޮޑުމިނުގައި 410 ހެކްޓަރު ހުންނާނެ އެވެ. އެ ރަށުގައި މިހާރު ހުންނަނީ 188 ހެކްޓަރެވެ.