ކުރިއަށް އޮތް އަހަރުތަކުގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ އާމްދަނީއާ ނުބައްދަލު އަދަދުތަކުން ދަރަނި އަދާކުރަންޖެހިފައިވާއިރު، އެ ދަރަނިތައް ރީސްޓްރަކްޗާ ކުރުން ނޫން މަގެއް ފެނިވަޑައިނުގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ބޭރުގެ އެކި ގައުމުތަކުން ނަގާފައިވާ ލޯނުތަކާއި ދޫކޮށްފައިވާ ގެރެންޓީތަކާ ގުޅޭ ގޮތުން މުޅި މަޖިލީހުގެ ކޮމިޓީގައި މަޝްވަރާކުރުމަށްފަހު މިދިއަ އޯގަސްޓް މަހުން ފެށިގެން މަސައްކަތް ކުރުމަށްފަހު އެ ދަރަނިތަކާގުޅޭ ޑްރާފްޓް ރިޕޯޓެއް ވަނީ އެކުލަވާލައިފަ އެވެ.
އެ ރިޕޯޓު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައިވާއިރު، މިއަދު އެ ރިޕޯޓު މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހުމުގެ ކުރިން ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ 2012 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ނަގާފައިވާ ލޯނުތަކުގެ ތަފްސީލާއި، ދަރަނި ބެލެހެއްޓިފައިހުރި ގޮތާއި، ދަރަނި ނެގިފައިވަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމާއި، އެ ދަރަނި އަނބުރާ ދައްކަން ޖެހުނު އިރު ދައުލަތުގެ އާމްދަނީ ހުރި މިންވަރުގެ މައްޗަށް ކަމަށެވެ.
އާމްދަނީގެ ނިސްބަތުން ދަރަނި އަނބުރާ ދައްކަންޖެހޭ އަދަދު އިންތިހާއަށް އިތުރުވާއިރު، އެކަމަށް ހައްލު ހޯދަން އެ ރިޕޯޓުގައި ވަނީ ސަރުކާރަށް ހުށަހެޅުމެއް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ ދޭދޭ ގައުމުތަކުންނާއި ބޭރުގެ ޖަމިއްޔާތަކުން ނަގާފައިވާ ލޯނުތައް ފިޔަވައި އެހެން ލޯނުތައް ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ކުރުމަށް، އެކަމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލުމަށް ސަރުކާރަށް ހުށަހެޅުން ހިމެނެ އެވެ.
މި ހިސާބުތައް އާންމުކޮށްގެން ކުރިއަށް ނަގަން ހުރި ލޯނުތަކަށް ނޭދެވޭ އަސަރު ކުރާނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިސްވެ ފާޅުކުރައްވަމުން ގެންދަވާ ކަންބޮޑުވުންތަކަށް ނަޝީދު މިއަދުވެސް ވަނީ ރައްދު ދެއްވައިފަ އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، ބޮންޑު ވިއްކަން ސަރުކާރުން މަސައްކަތް ކުރަނީ ދަރަނި އަނބުރާ ދައްކަން ފައިސާ ހޯދުން ކަމަށާއި، ނަމަވެސް، ދަރަނި ދައްކަން އިތުރު ދަރަނި ނެގުމަކީ ބުއްދުވެރިކަމެއް ނޫން ކަމަށެވެ.
"ރީސްޓްރަކްޗާ އަށް ނުދިއުމަށް ވިދާޅުވާ ބޭފުޅުން މި ވިދާޅުވަނީ ޑެފިސިޓް ފައިނޭންސް ކުރުމަށް ބޮންޑު ހޯދަން ދަތިވާނެކަމަށް. އާދެ އެ ވަގުތު ދަތިވެގެންދާނެ. އެކަމަކު އަޅުގަނޑުމެން ބަލަން މި ޖެހެނީ މި މަސައްކަތް ހިންގާފައި ގައުމުތަކަށް ލިބިފައިވާ ފިލާވަޅު. އަޅުގަނޑަށް ފެންނަނީ ރީސްޓްރަކްޗާ ކޮށްގެން ރާއްޖެއަށް ފައިދާވާނެކަމަށް. އަދި ކުރިއަށްދެވެން އޮތް ހަމައެކަނި މަގުކަމަށް،" ނަޝީދު ވިދާޅުވި އެވެ.
މިސާލެއްގެ ގޮތުގައި ނަޝީދު މިއަދުވެސް ވަނީ ދަރަނި ރީސްޓްރަކްޗާ ކުރަން ބާބޭޑޮސްގެ ސަރުކާރުން 2018 ވަނަ އަމަލު ކުރިގޮތް ނަންގަވައިފަ އެވެ. މިގޮތުން، އެމަނިކުފާނު ވިދާޅުވީ ބާބޭޑޮސް އިން އަމަލުކުރި ގޮތުން އެ ގައުމުގެ ބޮންޑުގެ އަގު ދަށަށް ދިއަ ނަމަވެސް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ގައުމުގެ މާލިއްޔަތު އިތުރަށް ތަނަވަސްވެ، މާލީ އިދާރާތަކުން އެ ގައުމަށް އޮތް އިތުބާރު ބޮޑުވެގެން ދިއަ ކަމަށެވެ.
މަޖިލީހުގެ ލަފަޔާ އެއްގޮތަށް ދަރަނި ރީސްޓްރަކްޗާ ކުރުން ސަރުކާރުން ކުރިއަށް ގެންދިއަ ނަމަވެސް، ރާއްޖޭގެ ކޮމާޝަލް ބޭންކުތަކަށް ބޮންޑު ވިއްކުމަށް އެއްވެސް ހުރަހެއްނޭޅޭނެ ކަމަށް ނަޝީދު ފާހަގަކުރެއްވި އެވެ.
"ސަރުކާރުގެ އެހެން ހަރަދުތައް ފޫބެއްދުމަށް ރާއްޖޭގެ ކޮމާޝަލް ބޭންކުތަކަށް ބޮންޑު ވިއްކުމަށް ހުރަހެއްނާދޭ. އަދި އެ ބޭންކުތަކަށް ސަރުކާރާމެދު އޮންނަ އިތުބާރު ބޮޑުވާނެ. ސަރުކާރު ހާސްކަމުގެ ތެރެއަށް ނުދާކަން ކޮމާޝަލް ބޭންކުތަކަށް ފެނި، އޮޅުން ފިލައިގެންދާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
މިހާރު ކުރިއަށްދާ ބަހުސަށްފަހު، އެ ކޮމިޓީގެ ރިޕޯޓު މިއަދު ވޯޓު ގަޑީގައި ފާސްކުރާނެކަމަށް ބެލެވެ އެވެ.