ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބި އަދަދު ހާމަ ނުކުރަން ޑިފެންސް މިނިސްޓްރީ އިން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ނިންމައިފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "ދިޔަރެސް" ނޫހުގެ ފަރާތުން ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދާއި އެ ސިފައިންނަށް ދައުލަތުން ކުރާ ހަރަދުގެ ތަފްސީލު ހޯދަން ޑިފެންސް މިނިސްޓްރީގައި ވަނީ އެދިފަ އެވެ. ނަމަވެސް މި މައުލޫމާތު ހިއްސާ ކުރުމަކީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ މައުލޫމާތެއް ކަމަށް ބުނެ އެމްއެންޑީއެފުން މި މައުލޫމާތު ދީފައެއް ނުވެ އެވެ.
އެކަމާއި ގުޅިގެން މި މައްސަލަ އައިކޮމް އަށް ހުށަހެޅުމުން އައިކޮމް އިން ވަނީ މި މައްސަލާގައި ދެ އަޑުއެހުމެއް ބާއްވާފަ އެވެ. މައްސަލައިގެ ބޭއްވި ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ އިންފޮމޭޝަން ކޮމިޝަނަރާއި ޑިފެންސް މިނިސްޓްރީގެ ބޭފުޅުންނާއެކު ބޭއްވި ސިއްރު އަޑުއެހުމެއްގަ އެވެ.
މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި އެމްއެންޑީއެފުން ވަނީ ދިޔަރެސް ނޫހުން އެދިފައިވާ މައުލޫމާތު ހާމަކޮށްފި ނަމަ ގައުމީ ސަލާމަތަށް ނުރައްކާވެ އިންޑިއާ އާއި ރާއްޖެއާއި ދެމެދުގަ އޮތް ގުޅުމަށް ބުރޫ އަރާފާނެ ކަމަށެވެ.
އިންފޮމޭޝަން ކޮމިޝަނަރު ހުސަން ފިޔާޒް މޫސާ އާއި ޑިފެންސް މިނިސްޓްރީއާއި ދެމެދު ބޭއްވުނު ސިއްރު ބައްދަލުވުމުގައި މިމައްސަލައާއި ގުޅިގެން މައުލޫމާތު ހާމަނުކުރެވޭނެ ކަމަށް ގާނޫނީ ހުއްޖަތެއް ޑިފެންސް އިން ހިއްސާކޮށްފައިވާ ކަމަށް މިއަދުގެ އަޑުއެހުމުގައި ވަނީ ވިދާޅުވެފަ އެވެ. އަދި މި ގާނޫނީ ހުއްޖަތަކީ ބަލައިގަނެވޭނެ ހުއްޖަތެއް ކަމަށާއި މި މައުލޫމާތަކީ ހިއްސާކުރެވޭނެ މައުލޫމާތެއް ނޫން ކަމަށް އައިކޮމް އިން ވަނީ ނިންމާފަ އެވެ.
އެހެން ނަމަވެސް މި ނިންމުމާމެދު ދިޔަރެސް އިން ހިތަހަމަ ނުޖެހޭނަމަ އިސްތިއުނާފަށް ހުށަހެޅުމުގެ ބާރު ގާނޫނުން ދީފައިވާނެ ކަމަށް ކޮމިޝަނަރު ވަނީ ވިދާލުވެފަ އެވެ.