ހަބަރު

އަޑުއެހުންތައް ނިމި ޔައުގޫބުގެ ގޮނޑީގެ މައްސަލަ ހުކުމާ ހަމަޔަށް

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލައިފި އެވެ.

ޔައުގޫބުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި އެ މައްސަލަ ސުުުޕްްރީމް ކޯޓަށް ހުށަހެޅީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް އާއި އިދިކޮޅު ޕީޕީއެމްގެ ގާނޫނީ ވަކީލް އައްސަދު ޝަރީފެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި، ޔައުގޫބުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ މި މައްސަލަ ކޯޓަށް ހުށަނޭޅޭނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ފަނޑިޔާރު ވިދާޅުވީ މި މައްސަލަ ކުރިއަށް ގެންދެވޭނެ ހުރަހެއް ނެތް ކަމަށެވެ.

ހަލީމާއި އައްސަދު ވަނީ ޔައުގޫބު ގާނޫނާއި ހިލާފްވެފައިވާ ކަމަށް ނިންމައި ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ޝަރީއަތުގައި އެދިވަޑައިގެންފަ އެވެ. އަދި ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) އާ ޔައުގޫބު ހިލާފުވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޔައުގޫބުގެ ވަކީލުންގެ ޓީމުން ވިދާޅުވީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) އާއި (ރ) ގައި ތަފާތުތަކެއްވާ ކަމަށެވެ. އަދި އެ ތަފާތުތައް އެހެން ހުރުމުން ޔައުގޫބުގެ ގޮނޑި ނުގެއްލޭކަން އެނގޭ ކަމަށެވެ.

މި މައްސަލަ ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. މި ބެންޗުގައި ހިމެނޭ ފަނޑިޔާރުންނަކީ، ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އާއިޝާ ޝުޖޫން އާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އާއި ފަނޑިޔާރު އަލީ ރަޝިދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު އެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ސުއޫދެވެ.

މި މައްސަލައާއި ގުޅިގެން މިއަދު ބޭއްވުނު އަޑުއެހުމުގައި ޔައުގޫބުގެ ފަރާތުންނާއި މައްސަލަ ހުށަހެޅުއްވި ފަރާތުން ވަނީ ގިނަ ކަންތަކެއް ފާހަގަކޮށްފަ އެވެ. މި ނުކުތާތަކަށްފަހު ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ ދެން މި މައްސަލާގައި އޮންނާނި ހުކުމް އިއްވުމަށް ބޭއްވޭ ޝަރީއަތުގެ މަޖިލީހެއް ކަމަށެވެ. ނަމަވެސް މި މަޖިލީސް އޮންނާނެ ދުވަހެއް ވިދާޅެއް ނުވެ އެވެ.

ޔައުގޫބުގެ މެމްބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށަ އެދި ހުށަހަޅާފައިވާ މައްސަލައަށް ގޮތެއް ނިމެންދެން، މަޖިލީހަށް ހާޒިރުވާން މަނާ ކުރުމުގެ އަމުރެއް ނެރެދިނުމަށް މި މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ހަލީމާއި އައްސަދު ވަނީ އެދިފަ އެވެ. ނަމަވެސް މި ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވަނީ ކަނޑައަޅަފަ އެވެ.

އަދި ވަގުތީ އަމުރު ނުނެރުނު ނަމަވެސް، މައްސަލަ ހުށަހެޅި ފަރާތަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށް ވެސް ފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ.

ޔައުގޫބުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ވެއްދީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިގާލީ ކައުންސިލުގެ މެންބަރުކަމާ ޔައުގޫބު ހަވާލުވެވަޑައިގަތުމާ ގުޅިގެނެވެ. ނަމަވެސް އެކަމާ ސުވާލުތައް އުފެއްދި ފަހުން އޭނާ ވަނީ އެ ކައުންސިލުން އިސްތިއުފާ ދެއްވާފަ އެވެ.