ހަބަރު

އައިހެވަންގެ ފީސިބިލިޓީ: ލަފާކުރި ވަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ

  • އައިހެވަންގައި ކުރާނެ މައިގަނޑު މަސައްކަތަކީ ޓްރާންޝިޕްމަންޓް ޕޯޓް
  • މަޝްރޫއުގެ އުނދަގޫ މަރުހަލާ ނިންމާލެވުނީ
  • މަޝްރޫއަށް ޝައުގުވެރިވާ ބޮޑެތި އިންވެސްޓަރުން އެބަ ތިބި

އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރަން މަސައްކަތް ކުރާ، ހާއްސަ އިކޮނޮމިކް ޒޯން، އައިހެވަން މަޝްރޫއަކީ ކުރިން ލަފާކުރެވުނު ވަރަށް ވުރެވެސް ބޮޑު ފައިސާދާއެއް ރާއްޖެ އަށް ހޯދޭނެ މަޝްރޫއެއްކަން، އެމެރިކާގެ ބޮސްޓަން ކޮންސަލްޓެންސީ ގްރޫޕް (ބީސީޖީ) އިން ހެދި ފީސިބިލިޓީ ސްޓަޑީޒް އިން ހާމަވެއްޖެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އައިހެވަންގެ ފީސިބިލިޓީ ސްޓަޑީޒް ބީސީޖީ އިން ނިންމާލައި ޕްރިމިލިނަރީ ރިޕޯޓް މިހާރު ހުށަހަޅާފައިވާ އިރު އިކޮނޮމިކް މިނިސްޓަރު ސައީދު މިއަދު، "އަވަސް" އަށް ވިދާޅުވީ އައިހެވަންގައި ކުރާނެ މައިގަނޑު މަސައްކަތަކީ ރާއްޖޭގެ ސަރަހައްދުން ދަތުރު ކުރާ ބޮޑެތި ކާގޯ ބޯޓުތަކަށް ހިދުމަތް ދޭނެ ޓްރާންޝިޕްމަންޓް ބޮޑު ބަދަރެއް ގާއިމް ކުރުން ކަމަށެވެ. އަދި އެ ބަނދަރު ފީސިބިލް ކުރުމަށް ޓަކައި އިގްތިސާދީ އެހެނިހެން މަސައްކަތްތައް އައިހެވަންގައި ތަރައްގީ ކުރާނެ ކަމަށް ސައީދު ވިދާޅުވި އެވެ. ފީސިބިލިޓީ ސްޓަޑީޒް ނިމުމާ އެކު އެ މަޝްރޫއަކީ ކާމިޔާބު ކަމާ އެކު ރާއްޖެއަށް ހިންގިދާނެ މަޝްރޫއެއްކަން މިހާރު ކަށަވަރު ކުރެވުނީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ކުރިން ލަފާކުރި ވަރަށް ވުރެ ފައިސާ ބޮޑު ކަމެކޭ ރާއްޖެއަށް މި މަޝްރޫއަކީ. އެއީ މިދިރާސާއިން މި އިނގުނު ކަމަކީ. އެތަނުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ތަރައްގީކޮށްގެން އަޅުގަނޑުމެންނަށް ހުރި ފައިދާތައް ބޮޑު ކަމަށް މި ދެއްކީ. މި ދިރާސާގައި މި ބެލީ އިހަވަންދިއްޕޮޅުގައި މިކަން ކުރެވިދާނެތޯ އާއި އެކަމުން ނެރެވޭނެ ފައިދާ އާއި ވަޒީފާ އުފެދޭނެ މިންވަރަށް. އެގޮތަށް ބެލީއިރު ކުރިން ލަފާކުރެވުނު ވަރަށް ވުރެ މާ ބޮޑަށް ވެސް އެތަނުގައި ޓްރާޝިޕްމަންޓް ޕޯޓެއް ހަދައިގެން ކާމިޔާބު ކަމާ އެކު އެކަން ކުރެވިދާނެ ކަން މި ހާމަވީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދެން އޮތީ އެ މަޝްރޫއު ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ވުމަށް ކަމަށެވެ. މީގެ ކުރީގެ ސަރުކާރުތަކުން ވެސް އެފަދަ މޝްރޫއެއް ފެށުމަށް މަޝްވަރާ ކޮށްފައި އޮތަސް އެ މަޝްރޫއު ހަގީގަތަކަށް ހެދުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާ ބޮޑަށް ކުރެވުނު މިއީ ފުރަތަމަ ފަހަރު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ރައީސްގެ އިގްތިސާދީ ބަދަލުތަކުގެ މައިގަނޑު ޕްރޮޖެކްޓަކީ މިއީ ކަމަށް ވާއިރު މި މަޝްރޫއުގެ އެންމެ އުނދަގޫ ބައި މި ނިންމާލެވުނީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ރައީސްގެ ލަފަޔާ އެކު މި މަޝްރޫއު ކުރިއަށް ދާނެ ގޮތްތަކެއް ވަރަށް އަވަހަށް މަޝްވަރާކޮށް ކަނޑައަޅާނެ އެވެ.

"އެންމެ އުނދަގޫ މަރުހަލާ މި ނިންމާލެވުނީ. ދެން މި ޕްރޮޖެކްޓް ޓޭކް އޮފް ކުރުމަށް މަސައްކަތްތަކެއް ކުރާތަން ފެނިގެން ދާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އައިހެވަންގެ ފީސިބިލިޓީ މަސައްކަތް ކުރުމަށް ސައުދީ ސަރުކާރުން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި އެއް މިލިއަން ޑޮލަރު ވަނީ ދީފަ އެވެ.

މި ސަރުކާރުން ފަށަން ނިންމާފައިވާ ތަރައްގީގެ އެއްވެސް މަޝްރޫއެއް ނުހުއްޓޭކަން ފާހަގަ ކުރައްވަމުން ސައީދު ވިދާޅުވީ ހުޅުލޭ-މާލެ ބްރިޖަށް ފައިނޭންސް ހަމަޖެހި ބަޔަކާ އެ މަސައްކަތް ހަވާލުކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ޗައިނާގެ ސަރުކާރުގެ އެހީގައި ދަނީ ކުރިއަށެވެ. އަދި މި އަހަރު ނިމުމުގެ ކުރިން ބްރިޖް އެޅުމުގެ އަމަލީ މަސައްކަތްތައް ފަށައިގަންނާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

"އިގްތިސާދީ މަސައްކަތްތަކުގެ ދުވެލި މިހިރީ ރަނގަޅު ސްޕީޑްގައި. އިރާދަ ކުރެއްވިއްޔާ ބްރިޖްގެ މަސައްކަތް ވެސް މިއަހަރު ނިމުމުގެ ކުރިން ފެށޭނެ. އައިހެވަންގެ މަސައްކަތްތައް ވެސް ދެން ބާރު މިނުގައި ދާތަން ފެންނާނެ،" މިިނިސްޓަރު ވިދާޅުވި އެވެ.