ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ ކުދިން ބަލިން ރަނގަޅު އެ ހިޔާ އެޗްޕީއޭގެ މޮނިޓަރިންއިން ނަގައިފި އެވެ.
ކުޑަކުދިންގެ ހިޔާއިން ޕޮޒިޓިވްވީ ދެ ކުދިންނެވެ. އެކަން ޖެންޑާ މިނިސްޓްރީން ހާމަކުރީ މި މަހުގެ 10 ވަނަ ދުވަހުއެވެ.
މިރޭ އެޗްޕީއޭއިން ބުނީ ކުޑަކުދިންގެ ހިޔާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ ކުދިން ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އަދި ކުޑަކުދިންގެ ހިޔާ އެޗްޕީއޭގެ މޮނިޓަރިންއިން ނަގާފައިވާ ކަމަށެވެ.
ކުޑަކުދިންގެ ހިޔާއިން ޕޮޒިޓިވްވި ކުދިން ރަނގަޅުވެ އެ ތަން މޮނިޓަރިންއިން ނެގި ނަމަވެސް ކުޑަކުދިން ބަލަހައްޓާ ފިޔަވަތިން ވަނީ މޮނިޓަރިންގައެވެ. އެ ތަނުން 38 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ޕޮޒިޓިވްވި މީހުންގެ ތެރެެއިން 20 މީހުންނަކީ އެތަނުގެ މުވައްޒިފުން ކަމަށެވެ. ދެން ހިމެނެނީ 18 ކުދިންނެވެ. މިހާތަނަށް ޕޮޒިޓިވްވި 38 މީހުންނާ ކޮންޓެކްޓްވި 80 މީހަކު ވަނީ އެކަހެރިކޮށްފައެވެ.
ފިޔަވަތީގައި މަސައްކަތް ކުރަމުންދާ މުވައްޒަފެއް، ރޯގާގެ އަލާމާތްތައް ހުރުމާއި ގުޅިގެން ފްލޫ ކްލިނިކްއަށް ދައްކާ ޓެސްޓް ކުރުމުން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އެ މީހާއަކީ 10 އަހަރާއި 13 އަހަރުގެ ފިރިހެން ކުދިން ބަހައްޓާފައިވާ ފަންގިފިލާގައި މަސައްކަތް ކުރަމުން އައި މުވައްޒަފެކެވެ.