ރައީސް މުހައްމަދު ނަޝީދު

ފަނޑިޔާރުގެތައް ކޮރަޕްޝަންގެ އައްޑާތަކަށް ހެއްދެވީ ޔާމީން: ނަޝީދު

ފަނޑިޔާރުގެތައް ކޮރަޕްޝަންގެ އައްޑާތަކަކަށް ބަދަލުވީ ރައީސް ޔާމީންގެ އެންގެވުމަށްކަން ރައްޔިތުން ރަނގަޅަށް ދަންނަ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މިހާރު އެކުލަވާލެވިފައިވާ ބަދަލު ކުރަން އިދިކޮޅުން ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު ބަލައިނުގަނެ، ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލުމުން އެމްޑީޕީއާއި މި ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. ޖޭއެސްސީ އިސްލާހު ކުރުމުގެ ވައުދާއެކު ވެރިކަމަށް އައިސް ބާރު ލިބުމުން އެ ވާހަކަ ދެއްކުން އެމްޑީޕީން ވަނީ ހުއްޓާލާފައެވެ.

އަދި ރާއްޖޭގެ އިގްތިސާދު ސަލާމަތްކޮށް ޝަރުއީ އަދި ގާނޫނީ ދާއިރާއަށް އިސްލާހު ގެނެސް ސިޔާސީ ވަކިތަކުން ޖޭއެސްސީ މިނިވަން ކޮށްދޭނީ ޕީޕީއެމުން ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ވާހަކަތަކަށް ރައްދު ދެއްވާ މޭރުމުން ރައީސް ނަޝީދު މިރޭ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ ބަގުރޫޓްކޮށް ފަނޑިޔާރުގެތައް ކޮރަޕްޝަންގެ އައްޑާތަކަށް ބަދަލުވީ ރައީސް ޔާމީންގެ އިރުޝާދާއި ލަފަޔާއި އެންގުމަށް އަދި ބައިވެރިވުމުގެ ތެރެއިންކަން ދިވެހިން ވަރަށް ރަނގަޅަށް ދަންނަ ކަމަށެވެެ.

"ޕީޕީއެމްގެ ވެރިކަމުގައި ކަން ވީގޮތް ރައްޔިތުންނަށް މާ ބޮޑަށްވެސް އެނގޭ،" ނަޝީދު ވިދާޅުވިއެވެ.

މާފުށީ ޖަލުގައި ފަސް އަަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ލީޑަރު މިއަދު ވަނީ ވަކީލުން މެދުވެރިކޮށް މެސެޖެއް އާންމު ކުރައްވާފައެވެ.

ރައީސް ޔާމީންގެ މެސެޖްގައި އެމަނިކުފާނު ވިދާޅުވީ ރާއްޖެ އަށް އިގްތިސާދީ ތަރައްގީ އާއި ކުރިއެރުން ގެނެސްދިން ހަމައެކަނި ޕާޓީއަކީ ޕީޕީއެމް ކަމަށެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާރު ރަނގަޅު ނޫންކަމަށް އިޝާރާތް ކުރައްވާ އަލުން ޕީޕީއެމްގެ ވެރިކަމެއްގައި ރާއްޖޭގެ އިގްތިސާދު ސަލާމަތްކޮށް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އަދި ޝަރުއީ ދާއިރާ އިސްލާހުކޮށް ސިޔާސީ ނުފޫޒުތަކުން ޖުޑީޝަލް ސާވިސް ކޮމިޝަން މިންޖު ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ދިވެހިރާއްޖެ އަށް އިގްތިސާދީ ތަރައްގީ އާއި ކުރިއެރުން ގެނެސްދެވުނު ހަމައެކަނި ޕާޓީއަކީ ޕީޕީއެމް. މާތް ﷲ ގެ އިރާދަފުޅާއެކު، އަނެއްކާވެސް އަލުން ޕީޕީއެމް އަށް ރާއްޖޭގެ އިގްތިސާދު ސަލާމަތްކޮށް، ޝަރުއީ އަދި ގާނޫނީ ދާއިރާއަށް މާނަވީ އިސްލާހްތައް ގެނެސް، ސިޔާސީ ފަރާތްތަކުގެ ވަކިތަކުން ޖޭއެސްސީ މިންޖުކޮށް ދެވޭނެ. ހުރިހާ ބޭފުޅުން ގުޅިގެން ކުރަމުންގެންދާ މަސައްކަތް ކުރިއަށް ގެންދަވާ. މާތް ﷲ ގެ އިރާދަފުޅާއެކު، އެ މަސައްކަތުގެ ފޮނިމީރުކަން ލިބޭނެ،" ރައީސް ޔާމީންގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.