ރިޕޯޓް

އޮތީ މާފު ކުރުމަކާއި ހަނދާން ކުރުމެއް!

Oct 28, 2020
12

މިދިއަ ހުކުރު ދުވަހު ހެނދުނެވެ؛ ސަރުކާރުގެ މައި ހޮސްޕިޓަލް ދަރުމަވަންތަ (ޑީއެޗް) ގެ ކައީރީގައި ހުންނަ އިންޑިއާއިން އަޅައިދީ ފަހުން ދިވެހި ސަރުކާރުތަކުން ތަރައްގީ ކޮށްފައިވާ އައިޖީއެމްއެޗާ ދިމާ މޫދުތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެކަން އަންގައިދޭން ފުލުހުން މީޑިއާއަށް މެސެޖެއް ފޮނުވި އެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި އެ ހަބަރު މީޑިއާގައި ރިޕޯޓްވި އެވެ.

މުޅި މާލޭގައި ކަރަންޓު ނެތް އެ ދުވަހު މީހުނަށް ހޭލެވުނު އިރު އެ މަރާބެހޭ ގޮތުން ވާހަކަ ގިނަވެ ތަފާތު ކުރިތައް ފަޅައި އެއީ ޝައްކުތައް އުފެދޭ މަރެއް ކަމަށް ބުނާން ފަށައިފި އެވެ. އެ މަރާ ގުޅުވައި އެކި އަޑުތައް އިވެމުންދިޔަ އެވެ. އެއް ބަޔަކު ބުނަމުން ދިޔައީ އެއީ މޫދަށް އެރި އުޅެނިކޮށް މަރުވި މީހެއް ނޫނެވެ. އަނެއް ބަޔަކު ބުނަނީ އެއީ މަރާލުމަށް ފަހު މޫދަށް އެއްލާލާފައިވާ މީހެކެވެ. ބައެއް އަޑުތައް އައި ގޮތުން މަރުވެފައިވާ ޒުވާނާގެ އެއް ލޯވެސް ނެތެވެ. އަަދި ހަށިގަނޑުގައި ބޮޑެތި ޒަހަމްތައް ވެއެވެ. އެހާ ހިސާބުން މޫދުތެރޭ މަރުވެފައި އޮއްވާ ފެނުނީ ގދ. ވާދޫ ރިމެމްބާ ކަދާވަޑު، ސިދުރަތުﷲ އަހުމަދު، 31، ކަން ވެސް ކަށަވަރުވެ އާންމުވި އެވެ.

މަރާ ގުޅިގެން އާންމު ތުހުމަތުތައް އައި ގޮތަށް ސިދުރަތުﷲ ގެ އާއިލާއިން ވެސް އެ މަރާ ގުޅޭ ގޮތުން އެ ތުހުމަތުތައް އެގޮތަށް ކުރެ އެވެ. އެކަމަކު އެ ތުހުމަތަކުގެ ހަގީގަތްތައް އަންނަނީ ފުލުހުން ތަހުގީގަކަށް ފަހު އެވެ.

ފުލުހުން ވެސް ވަނީ އެ މަރާމެދު ޝައްކުތަކެއް އުފެދިފައިވާ ކަމަށް ބުނެފަ އެވެ. އަދި ސިދުރަތުﷲ މަރުގެ ތަހުގީގަށް އޭނާގެ ހަށިގަނޑުގެ ޕޯސްޓް މޯޓަމެއް ހަދަން ނިންމާ ރާއްޖެއިން ބޭރަށް ގެންދެވެންދެން ގަބުރު ރައްކާކުރާ ފިނިކޮށާރު، -- މޯޗަރީ -- ގައި ސިދުރަތުﷲގެ ހަށިގަނޑު ބާއްވާފައި ވެއެވެ.

މޫދުތެރޭ މަރުވެފައި އޮއްވާ ސިދުރަތުﷲ ފެނުނުތާ މިއަދަށް ހަ ދުވަސް ވީއިރު ވެސް އޭނާގެ ހަށިގަނޑު އަދިވެސް އޮތީ މާލޭގެ ގަލޮޅު ސަހަރާގެ ފިނިކޮށާރުގަ އެވެ. އެނާގެ މަރާ ބެހޭ ގޮތުން ފުރަތަމަ 48 ގަޑިއިރު ތެރޭ ދެކެވެމުން ދިޔަ ވާހަކަތައް ވެސް އޮބި މިހާރު ވަނީ ސިޔާސީ ވާހަކައިގެ ތެރެން ފޭދެމުން ގޮސް މަންޒަރުން ގެއްލިފަ އެވެ.

ފިނިކޮށާރުގައި ސިދުރަތުﷲ ގެ ހަށިގަނޑު ބާއްވާފައި އޮތީ ޕޯސްޓްމޯޓަމެއް ހަދަން ބޭނުން ވެގެނެވެ. އޭނާގެ ޕޯސްޓްމޯޓަމް ހަދަން ބޭރަށް ގެންދެވޭ ގޮތެއް އަދި ނުވެ އެވެ. އޭނާގެ ޖަނާޒާގެ ކަންކަން ނުކޮށް ހަށގަނޑު ވަޅުނުލާ، ގިނަ ދުވަސްވަމުން ދާތީ އާއިލާއިން އެކަމާ ހިތްހަމައެއް ނުޖެހެ އެވެ. އެހެންވެ އައިލާއިން ވަނީ ސިދުރަތުﷲ ހަށިގަނޑު އާއިލާއާއި ހަވާލު ކުރަން އެދި ފުލުހުންނަށް ސިޓީއެއް ފޮނުވާފަ އެވެ.

އެ ސިޓީ އަވަސް އަށް ލިބިފައި ވެއެވެ. އާއިލާއިން ޕޯސްޓް މޯޓަމް ހަދަން ބޭނުން ނުވާ ކަން ވެސް އެ ސިޓީގައި ބުނެ އެވެ އޭގެ ޖަވާބުގެއްގެ ގޮތު ފުލުހުން ބުނެފައިވާ ގޮތުގައި ސިދުރަތުﷲ ގެ މަރަކީ އަދި ހަގީގަތް ނޭނގޭ މަރެކެވެ. އެ މަރުގެ ހަގީގީ ސަބަބު ދެނެގަތުމަށް އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމެއް ހެދުމަކީ ތަހުގީގަށް ވަރަށް މުހިންމު ކަމެކެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ފުލުހުންނަށް ލިބިދީފައިވާ ބާރާއެކު އޭނާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވައި ޕޯސްޓް މޯޓަމް ހަދަން ވަނީ ނިންމާފަ އެވެ. ޕޯސްޓް މޯޓަމަށްފަހު ހަށިގަނޑު ރާއްޖެ ގެނެވުނުހާ އަވަހަކަށް އާއިލާ އާއި ހަވާލުކުރާނެ އެވެ. ޕޯސްޓްމޯޓަމް ހަދަން ހަށިގަނޑު ރާއްޖެއިން ބޭރަށް ވީހާވެސް އަވަހަށް ފޮނުވުމުގެ މަސައްކަތް ވެސް ފުލުހުން ދަނީ ކުރަމުންނެވެ.

ޕޯސްޓް މޯޓަމް ހަދަން ބޭރަށް ފޮނުވުން ލަސްވާ ސަބަބު ފުލުހުން ބުނެފައެއް ނުވެއެވެ. އަދި ކޮވިޑާ ގުޅިގެން ދަތުރުފަތުރު އޮތް ގޮތުން ޕޯސްޓްމޯޓަމަކަށް ހަށިގަނޑު ބޭރަށް ފޮނުވުމަކީ އެހާ އަވަސްވާނެ ކަމެއް ނޫނެވެ. ފުލުހުންގެ އެ ސިޓީހެ ކޮޕީއެއް ވެސް އަވަސް އަށް ލިބިފައި ވެއެވެ.

ކައިވެންޏެއް ވެސް ކޮށްފައި ނުވާ ސިދުރަތުﷲ މަރާ ގުޅިގެން ކުރާ ތަހުގީގުގެ މަސައްކަތުގައި އޭނާ ހިނގާފައި ގޮސް މާފަންނު ރަސްފަންނު މޫދާއި ދިމާލަށް ދާ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުން އާންމު ކޮށްފައިވެ އެވެ. އަދި އޭނާގެ މަރާއި ގުޅިގެން ފުލުހުން ވަނީ އޭނާ އާއި ބައްދަލުވެފައިވާ ފަރާތްތަކުގެ މައުލޫމާތު ވެސް އެއްކުރަން ފަށާފަ އެވެ.

އާއިލާގެ ތުހުމަތުތަކާއި ވާހަކަ ހުރި ގޮތް

ރައްޓެއްސަކާއެކު ކުންފުންޏެއް ހަދައި ކޮންޓްރެކްޓް މަސައްކައްތަތައް ކުރަމުން އައި ސިދުރަތުﷲ ގެ އާއިލާގައި އެއްބަނޑު އެއްބަފާ ހަތް ކުދިން ތިބެ އެވެ. އޭގެ ތެރެއިން އެންމެ ދޮށީ ސިދުރަތުﷲ އެވެ. އޭނާގެ މަރަކީ އެ އާއިލާއަށް ވަރަށް ބޮޑު ހިތާމައެކެވެ. ލިބުނު ވަރަށް ބޮޑު ދެރައެކެވެ. އެކަމަކު އެއީ ގުދުރަތީ މަރެއް ކަމަށް އެ އާއިލާއަކަށް ގަބޫލެއް ނުކުރެވެ އެވެ. އެކަމަކު އެފަދަ އެހެން ގިނަ މަރުތަކާ ގުޅިގެން ކަން ވެގެން ދާ ގޮތަށް އެ މަރަކީ ބޮޑު "ސިޔާސީ ޑްރާމާއަކަށް" ބަދަލުވާކަށް ވެސް އެ އާއިލާ ބޭނުމެއް ނުވެއެވެ.

ސިދުރަތުﷲ ގެ މަންމަ ޝީރީން ޝިހާބު ބުނި ގޮތުގައި ދަރިފުޅު ސިދުރަތުﷲގެ މަރުގެ ހަބަރު އެންމެ ފުރަތަމަ އޭނާއަށް ލިބުނީ ގދ. ވާދޫން އޭނާގެ ގުޅާފައި ބުނުމުންނެވެ. އައިޖީއެމްއެޗަށް ގޮސް ބެލި އިރު އޭނާގެ ދަރިފުޅު ފެންނާން އޮތް އޮތުމުގައި އެއީ ގުދުރަތީ މަރެއްގައި ދަރިފުޅު ވަކިވި ވަކިވުމެއް ނޫން ކަމަށް ގަބޫލު ކުރެވުނެވެ. އޭނާ ބުނި ގޮތުގައި ބަޔަކު / މީހަކު އޭނާގެ ދަރިފުޅަށް ޒަހަމްތަކެއް ދީ އަނިޔާވެރި ގޮތަކަށް މަރާލައި މޫދަށް އެއްލައިލާފައިވާ ކަމަށް އޭނާއަށް ވެސް އަދި އާއިލާއަށް ވެސް ބެލެވެ އެވެ.

"ސިދޫގެ މަރުގެ ހަބަރު އަޅުގަނޑަށް އެންމެ ފުރަތަމަ ލިބުނީ ވާދޫ ކޮޅުން... ދެން އަވަހަށް އައިޖީއެމްއެޗަށް ދިޔައީ. ފުރަތަމަ ސިދޫ ފެނުމުން ވެސް ބެލެވުނު އެއީ ގުދުރަތީ މަރެއް ނޫން ކަމަށް. ސިދޫގެ ހަށިގަނޑުގައި ބޮޑެތި ޒަހަމްތައް ފެންނަންހުރި." ޝީރީން ބުންޏެވެ. އޭނާގެ އެދުމަށް ޒަހަމްތަކުގެ ތަފުސީލުތައް ދޫކޮށްލީ އެވެ.

އޭނާ ބުނި ގޮތުގައި ޝިދުރަތުﷲ ގެ ގާތިލުން ހޯދަން، އަދި އެ މަރުގެ ފަހަތުގައިވާ ސިއްރުތައް އެނގެން ވަރަށް ބޮޑަށް ބޭނުންވެ އެވެ. އެކަމަކު ފުލުހުންގެ ތަހުގީހުގައި ސިދުރަތުﷲ ގެ ގާތިލު ހޯދުނު ނަމަވެސް ބޭނުން ވަނީ އެ މީހަކަށް / ބަޔަކަށް އެ ކުރި ކުރި ކަމެއްގެ މައްޗަށް ހެޔޮވިސްނުން ދެއްވުމަށް ނަސޭހަތްދީ ދުއާ ކުރުމަކާއެކު މާފެއް ދޭށެވެ. އަދި ސިދުރަތުﷲ ގެ ހަނދާންތަކާއެކު ދިރިއުޅޭށެވެ.

"އަޅުގަނޑު ބޭނުންވަނީ ގާތިލުންނަށް ނަސޭހަތްތެރިވެ ހެޔޮ ވިސްނުން ދެއްވުން އެދެން... އަދި މައާފު ކުރަން. އަދި މި މަރަށް ފަހުގައި ވެސް އެ ބަޔަކަށް ހިދާޔަތް ދައްކަވައި އަޅުގަނޑުގެ ދަރިފުޅުގެ ފާފަ ފުއްސެވުން އަޅުގަނޑުގެ އެދުމަކީ. އަޅުގަނޑުގެ ނެތް ބަދަލު ހިފުމެއް. އަޅުގަނޑު އެދެނީ ދިވެހި ފަސްގަނޑުން އަނިޔާވެރިކަން ނެތިގެން ދިޔުން،" އޭނާ ބުންޏެވެ.