ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ލުފްތަންސާ އާއި ފްލައި ދުބާއީ އިން ދަތުރު ފަށައިފި

Oct 28, 2020

ލުފްތަންސާ އެއާލައިން އާއި ބަޖެޓް އެއާލައިން، ފްލައި ދުބާއީ އިން ރާއްޖެ އަށް ދަތުރު ފަށައިފި އެވެ.

ޖަރުމަނުން ސީދާ ރާއްޖެ އަށް ދަތުރުތައް މިއަދު ފެށި ލުފްތަންސާ އިން ހަފްތާއަކު ދެ ދަތުރު ބާއްވާނެ އެވެެ. މި ފްލައިޓްތައް އޮންނާނީ ބުދަ އަދި އާދިއްތަ ދުވަހު އެވެ.

ދެ އަހަރުގެ މެދުކަނޑުމަކަށްފަހު އިއްޔެ ދަތުރުތައް ފެށި ފްލައި ދުބާއީ އިން ހަފުތާއަކު ހަތަރު ދަތުރު އޮންނާނެ އެވެ. މި ފްލައިޓް އޮންނާނީ އަންގާރަ ދުވަހާއި މުދަ ދުވަސް އަދި ބުރާސްފަތި އަދި ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އެވެ. މި ދެ އެއާލައިން ވެސް ރާއްޖެ އަންނަނީ ޔޫރަޕު ކަނެކްޝަން ފްލައިޓްގެ ގޮތުގަ އެވެ. ފްލައި ދުބާއީ އިން އަންނަ ޔޫއޭއިން މަގުންނެވެ.

ރާއްޖޭގެ ބޯޑަރު ޖުލައި 15 ވަނަ ދުވަހު ހުޅުވުމަށްފަހު އުދުހޭ އެއާލައިންތަކުގެ އަދަދު ދަނީ އިތުރު ވަމުންނެވެ. މިހާތަނަށް 14 އެއާލައިން އަކުން ދަނީ ދަތުރު ކުރަމުންނެވެ. މީގެތެރޭގައި ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އިނގިރޭސިވިލާތާއި ރަޝިއާ އިން އަންނަ ޑައިރެކްޓް ފްލައިޓްތައް ވެސް ހިމެނެ އެވެ.

ބޯޑަރު ހުޅުވުމަށްފަހު މި އަހަރުގެ މިހާތަނަށް 31،000 ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފަ އެވެ. އަދި މިހާރު ލަފާ ކުރަނީ މި އަހަރު 100،000 ޓޫރިސްޓުން އަންނާނެ ކަމަށެވެ. ނަމަވެސް ބޯޑަރު ހުޅުވަން ކައިރިވެފައިވަނިކޮށް ސަރުކާރުން ބުނީ މި އަހަރު އަންނާނީ 800،000 ޓޫރިސްޓުންނެވެ.