އިންގްލެންޑަށް ނިސްބަތްވާ ކޯޗުންނަށް މިހާރަށް ވުރެ ބޮޑު އިހްތިރާމެއް ދިނުމަށް، ޗެލްސީގެ ކޯޗް ފްރޭންކް ލަމްޕާޑް ގޮވަލައިފި އެވެ.
އިނގްލެންޑަށް ނިސްބަތްވާ ކޯޗުންނަށް އިހްތިރާމް ދިނުމަށް ލަމްޕާޑް ގޮވާލިއިރު، ލަމްޕާޑަކީ ޗެމްޕިއަންސް ލީގްގެ ދެ ސީޒަނެއްގައި ކޯޗް ކޮށްދޭ އިންގްލެންޑްގެ ދެވަނަ ކޯޗެވެ. އިންޓަނޭޝަނަލް ލެވަލްގައި އިންގްލެންޑްގެ ކޯޗުންނަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައެއް ނުވެ އެވެ. އިނގިރޭސި ޕްރިމިއާ ލީގްގައި ވެސް ލީޑް ކުރަނީ ގައުމުން ބޭރު ކޯޗުންނެވެ.
އިންގްލެންޑްފެ ކުރީގެ މިޑްފީލްޑާ ގަބޫލު ކުރާ ގޮތުގައި އޭނާގެ އަމިއްލަ ގައުމުގެ ކޯޗުންނަށް މިހާރަށް ވުރެ ގިނަ ފުރުސަތު ލިބެން ޖެހެ އެވެ. ލަމްޕާޑްގެ ކުރިން ޗެމްޕިއަންސް ލީގްގެ ދެ ސީޒަނެއްގައި ކޯޗް ކޮށްދިން އިންގްލެންޑްގެ ހަމައެކަނި ކޯޗަކީ ޕޯޓޯ، ޕީއެސްވީ އެއިންދޮވޮން އަދި ނިއުކާސަލް އާއެކު ޗެމްޕިއަންސް ލީގްގައި ވާދަ ކުރި، ކުރީގެ ކޯޗް ބޮބީ ރޮބްސަން އެވެ.
ޗެމްޕިއަންސް ލީގް 1992 ވަނަ އަހަރު ރީބްރޭންޑް ކުރި ފަހުން އެ މުބާރާތުގައި ކޯޗް ކޮށްދިން އިނގިރޭސި ކޯޗުންނަކީ، ބްލެކްބާން ރޯވާސްގެ ކުރިގެ ކޯޗް ރޭ ހާފޯޑް، ވެލެންސިއާ އާއެކު ގެރީ ނެވީލް، ޓޮޓެންހަމް ހޮޓްސްޕާސްގެ ކުރީގެ ކޯޗް ހެރީ ރެޑްނެޕް އަދި ލެސްޓާ ސިޓީގެ ކުރީގެ ކޯޗް ކްރައިގް ޝެކްސްފިއާ އެވެ.
"އަހަންނަކަށް ނުފެނޭ އިނގިރޭސި ކޯޗުންގެ ޔޫނިއަންގެ ޒިންމާ ދާރު ކަމެއް،" ޗެމްޕިއަންސް ލީގްގައި މިރޭ ރަޝިއާގެ ކްރަސްނޯޑާ އާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ލަމްޕާޑް ވާހަކަ ދެއްކި އެވެ. "ޗެމްޕިއަންސް ލީގްގައި އިނގިރޭސި ކޯޗުންގެ ތާފާސް ހިސާބުތައް މިދިޔަ ހަފުތާގައި އަހަންނަށް ކިޔައި ދިނުމުން އަހަރެން ހައރާންވި، ބޮބީ ރޮބިންސަން އެކަނި އެކަން ކުރެވުނު ހަމައެކަނި އިނގިރޭސި ކޯޗަކީ."
ލަމްޕާޑް ބުނީ، އިނގިރޭސި ކޯޗުންގެ ފެންވަރު މިހާރު ބަދަލު ވަމުން އަންނަ ކަމަށާއި އިނގިރޭސި ކޯޗުންގެ ކޮލިޓީ އެ ކޯޗުން މިހާރު ދައްކަމުން އަންނަކަމަށެވެ. އިނގިރޭސި ކޯޗުންނަށް މިހާރަށް ވުރެ ގިނަ ފުރުސަތު ލިބިއްޖެނަމަ އިނގިރޭސި ކޯޗުންގެ ފަރާތުން ތާފަތު ކޮލިޓީއެއް ފުޓްބޯޅައަށް ފެންނާނެ ކަމަށް ލަމްޕާޑް ބުންޏެވެ.