ދިވެހި ޕްރެމިއާ ލީގް

ސަސްޕަޓީސް ޕްރެކްޓިސް ފަށައިފި

ފުރަތަމަ ޑިވިޒަންގައި މުޅިން އަލަށް ކުރިމަތިލާ، ސްޕަ ޔުނައިޓެޑް ސްޕޯޓްސް ކުލަބު (ސަސްޕަޓީސް)، ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވާން ޕްރެކްޓިސް ފަށައިފި އެވެ.

ޑިސެމްބަރު މަހު ފަށަން ތާވަލު ކޮށްފައިވާ ދިވެހި ޕްރިމިއާ ލީގަށް، ސަސްޕަޓީސް އިން ވަނީ ރަނގަޅު ޓީމެއް އެކުލަވާލާފަ އެވެ. އެ ޓީމު ބިނާ ކޮށްފައި ވަނީ ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިންގެ މައްޗަށެވެ. ގައުމީ ޓީމުގެ ކުރީގެ ވައިސް ކެޕްޓަން ޝާފިއު އަހްމަދު (ޝާފީ)، އާއި އަބްދުﷲ ހަނީފް (ބެންޖޯ) އަދި އަހްމަދު ފައްރާހް (ފައްރަ) ވަނީ އެ ކުލަބަށް ސޮއި ކުރުވާފަ އެވެ. އަދި މިދިޔަ ސީޒަންގެ ދެ ވަނަ ޑިވިޝަންގެ ފައިނަލަށް ދިއުމުގެ ދަތުރުގައި އެ ޓީމަށް ކުޅުނު ގިނަ ކުޅުންތެރިން ޓީމުގައި ވަނީ މަޑުކޮށްފަ އެވެ.

އިއްޔަ ޕްރެކްޓިސް ފެށި، ޓީމުގެ ކޯޗަކީ ގައުމީ އަންހެން ޓީމުގެ ކުރީގެ ކޯޗް އަހްމަދު ނާޝިދު (ނާދު) އެވެ. އޭނާގެ އެސިސްޓެންޓުންނަކީ ދެ ވަނަ ޑިވިޝަންގައި ދަ ގްރާންޑޭ އަދި ޕީކޭއަށް ކޯޗް ކޮށްދިން ފަރީދު މުހައްމަދާއި، ނިއު ރޭޑިއަންޓާއި ޔުނައިޓެޑް ވިކްޓަރީގެ ކުރީގެ ގޯލްކީޕަރުގެ ކޯޗް ހަސަން ހަމީދު (ޑަކޭ) އެވެ.

ނާދުގެ ކޯޗް ކަމުގެ ދަށުން، އަންހެން ޓީމުން ވަނީ މިދިޔަ ޑިސެމްބަރު މަހު ނޭޕާލްގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްއިން ބްރޯންޒް މެޑަލް ހޯދާފަ އެވެ. ފުރަތަމަ ޑިވިޝަންގައި ކުރިން ވިކްޓަރީ އަދި އޭވައިއެލްއަށް ކޯޗްކޮށްދިން ނާދު ވަނީ އެއް އަހަރު ތެރޭ ދެ ޑިވިޝަންގެ ޗެމްޕިއަންކަން ދެ ޓީމަކަށް ހޯދައިދީފަ އެވެ. ދެހާސް ސަތާރަ ވަނަ އަހަރު ކުރީކޮޅު އޭނާ ވަނީ ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ޒެފްރޯލްއަށް ހޯދައިދީފަ އެވެ. އަދި އެ އަހަރު ފަހު ކޮޅު ތިން ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބަށް ހޯދައިދިނެވެ.

ވެލެންސިއާ 2010 ވަނަ އަހަރު ރެލިގޭޓްވާން ދަނިކޮށް، ނާދު އެ ޓީމާ ހަވާލުވެ ރެލިގޭޝަންގެ ޕްލޭއޮފް ކާމިޔާބު ކޮށް ވެލެންސިއާ ފުރަތަމަ ޑިވިޝަންގައި ދެމިއޮތުން ޔަގީން ކޮށްދިނެވެ. ސުޕަ ޔުނައިޓެޑް ސްޕޯޓްސް ވެގެންދާނީ، ފުރަތަމަ ޑިވިޝަންގައި ނާދު ކޯޗްކޮށްދޭ ހަތަރު ވަނަ ކުލަބަށެވެ. ސަސްޕަޓީސް އަށް ސީޒަނަށް ޕްރެކްޓިސް ފެށި ހަތަރު ޓީމެވެ. މީގެ ކުރިން މާޒިޔާ، ވެލެންސިއާ އަދި ގްރީން ސްޓްރީޓް ވަނީ ޕްރެކްޓިސް ފަށާފަ އެވެ. ކޮވިޑް-19 ގެ ހާލަތު ކަމަށް ވުމުން، ކުލަބުތަކުގެ ޕްރެކްޓިސް ފެށީ އެޗްޕީއޭއިން އެކަމަށް ހުއްދަ ދިނުމުންނެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވެފައި ވަނީ، ގައުމީ ފެންވަރުގެ ޕްރެކްޓިސް ވަކި ގައިޑްލައިނަކުން ގެންދާނެކަން ހާމަ ކޮށް އެފްއޭއެމުން ތައްޔާރު ކުރި ގައިޑްލައިންއާ ބެހޭގޮތުން އެޗްޕީއޭ އާ މަޝްވަރާ ކުރުމުން އެ ގައިޑްލައިނާ އެއްގޮތަށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ދޭން އެޗްޕީއެޗްޕީއޭއިން ނިންމީ ކަމަށެވެ. އެޗްޕީއޭގެ އޮފިޝަލް ވިދާޅުވެފައި ވަނީ ގައުމީ ފެންވަރުގެ ޕްރެކްޓިސް ފެށުމުގެ ހުއްދަ އެ އެތޯރިޓީން ދީފައި ވާނެ ކަމަށެވެ. އެހެންނަމަވެސް އާންމުކޮށް ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދިއުން އަދިވެސް މަނާކޮށްފައި ވާނެކަން ފާހަގަ ކުރެއްވި އެވެ.

އެޗްޕީއޭ އާއި އެފްއޭއެމުން ކުރި މަޝަވްރާތަކުގައި، ފުރަތަމަ ޑިވިޝަންގެ ކުލަބުތަކަށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ދިނުމަށް ނިންމީ މިމަހު ކުރީ ކޮޅު އެވެ. އެފްއޭއެމުން ވަނީ ފުރަތަމަ ޑިވިޝަންގެ ކުލަބުތަކަށް ހުއްދަ ހޯދުމަށް އެޗްޕީއޭގެ އިތުރުން ފުލުހުންނާއި ޔޫތު ސްޕޯޓްސް މިނިސްޓްރީއާއެކު ގިނަ މަޝްވަރާތަކެއް ކޮށްފަ އެވެ. ކުލަބުތަކަށް ޕްރެކްޓިސް ފެށުމުގެ ހުއްދަ ދިނުމާ ބެހޭގޮތުން އެފްއޭއެމުން ވަނީ މިއަހަރު މިހާތަނަށް ދެ މަރުހަލާއެއްގައި މުއައްސަސާތަކާއެކު މަޝްވާރާ ކޮށްފަ އެވެ.

އެންމެ ފުރަތަމަ މަރުހަލާއަކީ، އޭއެފްސީ ކަޕްގައި ރާއްޖެއިން ވާދަ ކުރާ ދެ ޓީމަށް ޕްރެކްޓިސް ފެށުމުގެ ހުއްދަ ދިނުމަށެވެ. އޭރުވެސް އެންމެ ފުރަތަމަ ޕްރެކްޓިސް ފެށީ މާޒިޔާއިންނެވެ. ކުރިން ހަމަޖެހިފައިއޮތީ، މި މަހު އޭއެފްސީ ކަޕް ފެށުމަށެވެ. އެހެންނަމަވެސް އޭއެފްސީ ކަޕް ކުޅޭ ގައުމުތަކުގެ ކޮވިޑް-19 ގެ ހާލަތު ގޯސްކޮށް އޮތުމުން އޭއެފްސީން މިދިޔަ މަހު ވަނީ އެ މުބާރާތް ކެންސަލް ކޮށްފަ އެވެ.