ރާއްޖެއިން ތެޔޮ ހޯދުމަށް ކުރާ މަސައްކަތުގެ ދެވަނަ މަރުހަލާ ކުރިއަށް ގެންދިޔުމަށް ޓަކައި މާދަމާގެ ވަގުތެއްގައި ރިސާޗް ބޯޓެއް ރާއްޖެ އަންނަނާނެ ކަމަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.
"އަވަސް" އާ ވާހަކަ ދައްކަަވަމުން މިނިސްޓަރު ޝައިނީ ވިދާޅުވީ، އިންޑިއަން އޯޝަން ޑްރިލިން ޕްރޮގްރާމްގެ ދަށުން ކަމާ ގުޅޭ އެކްސްޕާޓުންނާ އެކު މާދަމާ ރާއްޖެ އަންނަ ބޯޓުން ކުރާނެ މައިގަނޑު ދިރާސާ އަކީ މީގެ ކުރިން ކުރި އެކި ދިރާސާތަކުގައި ތެޔޮ ނޫނީ ގޭސް ހުރި ކަމަށް ދައްކާފައި ހުރި ސަރަހައްދުތަކުގައި ބޯހޯލް ތޮރުފައިގެން ސާމަޕްލަތްތަކެއް ނަގައި އެތަކެތި ދިރާސާ ކުރުމެވެ. މިނިސްޓަރު ވިދާޅުވީ އީއައިއޭ ވެސް ހަދައިގެން އެ ބޯޓުން ބޯ ހޯލް ތޮރުފާނީ ބ. ގޮއިދޫގެ އެތެރެވަރިން ދެ ތިން ތަނެއްގައި ކަމަށެވެ. އެއީ މީގެ އަަހަރެއްހާ ދުވަސް ކުރިން ރާއްޖެ އައި ޖަރުމަނުގެ ރިސާޗް ބޯޓު ސޮންނޭ އިން ހެދި 3ޑީ ސެސިމިކް ސާވޭ އިން ތެޔޮ ނޫނީ ގޭސް ހުރި ކަމުގެ ސިފަތައް އެންމެ ބޮޑަށް ފެނިފައިވާ އެއް ސަރަހައްދެވެ.
"މި ބޯޓުން މިހަދާ ދިރާސާ އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންނަށް ހާމަވާނެ ކަނޑުގެ އަޑީގައި ހުރީ ކޮން މާއްދާއެއްތޯ. އެއީ ތެޔޮތޯ ނޫނީ ގޭސްތޯ. ކޮން މާއްދާއެއްކަން މި ކަށަވަރު ވަނީ. ކުރިން މިފެންނަނީ ގޭސް ނޫނީ ތެޔޮ ކަހަލަ މާއްދާއެއް އެއްޗެއް އަރާތަން،" މިނިސްޓަރު ވިދާޅުވި އެވެ.
އެބޯޓުން ރާއްޖޭގައި ގާތްގަނޑަކަށް 15 ދުވަސް ހޭދަ ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެންމެ ފުރަތަމަ ތޮރުފާ ބޯހޯލްތަކަށް ބެލުމަށް ފަހު ފަހުން އެހެން ބޯ ހޯލްތަކެއް ތޮރުފަން ޖެހިދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ މޫސުން ހުންނަ ގޮތަށް ބެލުމަށް ފަހު އެ މަސައްކަތް އެއަށް ވުރެވެސް ދިގު ވެގެން ހިނގައިދާނެ ކަމަށެވެ. މިފަހަރުގެ ދިރާސާގައި އެންމެ އިސްކޮށް ހުންނަވާނީ މީގެ ކުރިން ދިރާސާތައް ކުރި ސޮންނޭ ބޯޓުގައި ވެސް އިސްކޮށް ހުންނެވި ސައިންޓިސްޓް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިފަހަރު ކުރާ ދިރާސާތަކުގެ ރިޕޯޓް ލިބުމަށް ގާތްގަނޑަކަށް ހަމަހާއި އެއް އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އެބޭފުޅުން އަމިއްލަ ދިރާސާ ވެސް މީގެ ތެރޭގައި ކުރައްވާނެ. އެ ކުރައްވާ އިރު އަޅުގަނޑުމެން ބޭނުންވާ މައުލޫމާތުތައް ވެސް މި ލިބެނީ. މިއީ އެންމެ އަގު ކުޑަކޮށް މިކަން އަޅުގަނޑުމެންނަށް ކުރެވޭނެ ގޮތަކީ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ތެޔޮ ހޯދުމުގެ އެންމެ ފަހު މަރުހަލާގެ ކަންކަން ކުރުމަށް ޓަކައި ކުންފުންޏަކާ އެ މަސައްކަތް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ކުންފުންޏަކާ އެކަން ހަވާލު ކުރެވޭ ވަރު ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ތެރެއިން އެއް ކުންފުންޏަކީ އިންގިރޭސިވިލާތުގެ ޒެބްރާ އެވެ. އަނެއް ކުންފުންޏަކީ ފްރާންސްގެ ކުންފުންޏެކެވެ.