ހަބަރު

އައްޑުއާ ފުވައްމުލައް ބަޔޮސްފިއާ ރިޒާވަކަށް

އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީއަކީ ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ.

އައްޑޫ އަދި ފުވައްމުލަކަށް މި ލަގަބު ލިބުނީ ޔުނެސްކޯ މޭން އެންޑް ދަ ބަޔޮސްފިއާ ރިޒާވް އިންޓަނޭޝަނަލް ކޯޑިނޭޝަން ކައުންސިލް އިން ބޭއްވި ބައްދަލުވުމުގަ އެވެ. މި ބައްދަލުވުމުގައި މިނިސްޓްރީގެ އިސްވެރިންނާއި އައްޑޫ އަދި ފުވައްމުލައް ސިޓީ ކައުންސިލާއި ބައެއް އާއްމު ރައްޔިތުންވެސް ވަނީ ބައިވެރިވެފަ އެވެ.

ބަޔޮސްފިއާ ރިޒާވްގެ ލަގަބަކީ ދެމެހެއްޓެނިވި ތަރައްގީއާއި މީހުންނާއި ގުޅިގެން ގުދުރަތީ މާހައުލު ރައްކާތެރިކުރުމުގެ ފުރުސަތު އޮންނަ ތަންތަނަށް ޔުނެސްކޯ އިން ދެމުން އަންނަ ލަގަބެކެވެ. އެގޮތުން ބަޔޮސްފިއާ ރިޒާވްގެ ލަގަބު ދެވެނީ އެތަނެއްގެ ދެމެހެއްޓެނިވި ތަރައްގީއާއި، އާދަކާދަ އާއި ސަގާފީ އަދި ދިރިއުޅުމަށް ކުރާ މަސައްކަތާއި ފަރާއި، ފަޅުގެ ދިރުންތަކާއި ސައިންސާއި، ތައުލީމާއި ފަންނީ ހުނަރުތަކަށްވެސް ބެލުމަށްފަހުގަ އެވެ. ރާއްޖޭގައި މީގެ ކުރިން މި ލަގަބު ލިބިފައި އޮންނަނީ ހަމައެކަނީ ބ. އަތޮޅަށެވެ. އައްޑޫ އަދި ފުވައްމުލަކަށް މި ލަގަބު ލިބުމާއި ގުޅިގެން މިހާރު ދިވެހިރާއްޖޭގައި ޖުމްލަ ތިން އަތޮޅަކަށް މިވަނީ ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި ކަނޑައެޅިފަ އެވެ.

އައްޑުއަތޮޅާއި ފުވައްމުލައް ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި ކަނޑައެޅުމަށް ޔުނެސްކޯއަށް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނިންމަވައިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިކަމާމެދު މަޝްވަރާކުރެއްވުމަށް ފަހުގަ އެވެ. އެހެންކަމުން އެންވަޔަރަންމަންޓް މިނިސްޓްރީން ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކޮށް، އެންޑޯސްމަންޓް ހޯދައި ހަދަންޖެހޭ ހުރިހާ ސާވޭތަކެއް ހަދާ ކެބިނެޓްގެ ލަފާ ހޯދައި ޕްރޮޕޯސަލް ތައްޔާރުކޮށް ޔުނެސްކޯ އަށް ހުށައެޅީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގަ އެވެ.

ބަޔޮސްފިއާ ރިޒާވްގެ ލަގަބު ދެނީ އެ ސަރަހައްދެއްގައި ދިރިއުޅޭ މީހުންނަށް އެ ސަރަހައްދެއްގެ ގުދުރަތީ ސިފަތަށް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ކުރެވޭނެ ކަންތައްތަކާއި އެ މާހައުލަކުން އެ ތަނެއްގައި ދިރިއުޅޭ މީހުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ފައިދާ ލިބޭނެ ގޮތްތަކަށްވެސް ބެލުމަށްފަހުގަ އެވެ. އެގޮތުން މިހާރު ދުނިޔޭގައި ޖުމްލަ 120 ގައުމެއްގައި މި ލަގަބު ލިބިފައިވާ 669 ސަރަހައްދެއް ހިމެނެ އެވެ.

އެންވަޔަރަމްނޓް މިނިސްޓްރީން ބުނީ އައްޑޫ އަދި ފުވައްމުލަކަށް މި ލަގަބު ދެވުނު މައިގަނޑު ސަބަބަކީ އެ ދެ އަތޮޅުގައިވެސް ގުދުރަތީ ގޮތުން ހިތްގައިމު މާހައުލުތަކެއް ހުރެ ތަރައްގީއަށްޓަކައި ގިނަ ކަންތައްތަކެއް ކުރަމުންދާތީ ކަމަށެވެ. އަދި މި ދެ އަތޮޅުގެ ގުދުރަތީ ރީތި މާހައުލުތައް ހިމާޔަތްކުރެވިގެން ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތް ދެތަނަށް ހެދުމަށާއި ދެމެހެއްޓެނިވި ގޮތުގައި ދިރޭތަކެތީގެ ބޭނުން ހިފުމުގައްޔާއި ދެމެހެއްޓެނިވި ތަރައްގީ ގެނައުމުގައި ޔުނެސްކޯގެ ބަޔޮސްފިޔާ ރިޒާވް ކޮންސެޕްޓް އަކީ ތިމާވެށީގެ، އިޖްތިމާއީ އަދި އިގްތިސާދީ ގިނަ ފައިދާތަކެއް އެކުލެވިގެންވާ ކޮންސެޕްޓް އަކަށް ހެދުމަށް ކަމަށް އެމިނިސްޓްރީން ވަނީ ބުނެފަ އެވެ.

އައްޑޫ އަދި ފުވައްމުލައް ބަޔޮސްފިއާ ރިޒަރވްއަކަށް ވުމުން ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށާއި އެގޮތުން އިގްތިސާދީ ގޮތުންނާއ ފަންނީ ހުނަރު ކުރިއެރުމަށް ގިނަ ފުރުސަތުތަކެއް ފަހުވެގެންދާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި މި ސަރަހައްދުތަކަށް ގައުމީ އަދި ބައިނަލްއަގުވާމީ ފަރާތްތަކުން ހިލޭ އެހީ ލިބުމުގެ ފުރުސަތުވެސް ތަނަވެސްވެގެންދާނެ ކަމަށް އެމިނިސްޓްރީން ބުންޏެވެ.

ބަޔޮސްފިއާ ރިޒާވްގެ މައިގަނޑު ރޯލަކީ އެ ސަރަޙައްދެއް ނުވަތަ އަތޮޅެއްގައިވާ މާހައުލުތަކާއި، އިކޯސިސްޓަމް، އަދި ދިރޭތަކެތީގެ ނަސްލުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް މަގުފަހިކޮށްދިނުމާއި ސަގާފަތާއި، އާދަކާދައާއި، މުހިއްމު މާހައުލުތަކާއި ދިރުންތައް ދެމެހެއްޓޭނެފަދަ އިގްތިސާދީ ތަރައްގީއަށް މަގުފަހިކޮށްދިނުމެވެ. މީގެ އިތުރުން ކޮންޒަވޭޝަން އަދި ދެމެހެއްޓެނިވި ތަރައްގީއާއި ގުޅޭ ތައުލީމާއި ތަމްރީން ހިންގައި ދިރާސާއަށް މަގުފަހިކޮށް ޕަބްލިކް، ޕްރައިވެޓް އަދި ހާއްސަކޮށް މުޖުތަމައުގެ އެކި ސެކްޓާތައް ކުރިއެރުވުމެވެ.

މި ލަގަބަކީ 10 އަހަރަށް ލިބޭ ބައިނަލްއަގްވާމީ ލަގަބެއްކަމުން، މި ލަގަބު ދެމެހެއްޓުމަށް ސަރުކާރާއި ރައްޔިތުންނާއި ގުޅިގެން މަސައްކަތް ކުރަންޖެހޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ބަޔޮފިއާގެ ލަގަބު މި ދެއަތޮޅަށް ލިބުނު ކަމުގައިވިޔަސް ގުދުރަތީ ރީތި މާހައުލުތަކަށް ގެއްލުން ނުވާނެ ގޮތަށް އުމްރާނީ ތަރައްގީގެ މަސައްކަތްތައް ހިންގުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.