ހަބަރު

ލޯނު ދެއްކުން ފަސްކުރަން އެމެރިކާ ބާރު އަޅައިދޭން އެދިއްޖެ

Oct 29, 2020

ކޮވިޑް-19 އިގެ ސަބަބުން ކުރިމަތިވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ކުރިއަރާފައިވާ ގައުމުތަކުން ކުދި ގައުމުތަކަށް ދޫކޮށްފައިވާ ލޯނުތައް އަނބުރާ ދެއްކުން ފަސްކުރުމަށް ނިންމާފައިވާ ނިންމުމުގައި، ކުދި ގައުމަތަކަށް ދޫކޮށްފައިވާ ކޮމާޝަލް ލޯނުތައްވެސް ހިމެނުމަށް ކުރަމުންދާ މަސައްކަތުގައި އެމެރިކާއިން އެހީވެދިނުމަށް ރާއްޖޭން އެދިއްޖެ އެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ އިއްޔެ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ޝެރަޓަން ރިސޯޓުގައި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ތަރައްގީވަމުން އަންނަ ގައުމުތަކަށް ޖީ20 ގައުމުތަކުން ދޫކޮށްފައިވާ ލޯނުތައް އަނބުރާ ދެއްކުން ފަސްކުރުމުގެ ޕްރޮގްރާމް ނުވަތަ ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވް (ޑީއެސްއެސްއައި) ގައި ރާއްޖޭން ބައިވެރިވެފައިވާ ކަމަށެވެ.

އަދި މިއަހަރުގެ ނިޔަލަށް ދިވެހި ދައުލަތަށް ދޫކޮށްފައިވާ ލޯނުތަކާއި ގެރެންޓީ ދީފައިވާ ލޯނުތައް މިއަހަރުގެ ނިޔަލަށް ފަސްކޮށްދިނުމަށް ރަސްމީކޮށް އެދިފައިވާކަމަށް ޝާހިދު ވިދާޅުވި އެވެ.

ނަމަވެސް، ޑީއެސްއެސްއައިގެ ދަށުން ރާއްޖެ ފަދަ ކުދި ގައުމުތަކަށް އިތުރު ލުއިތަކެއް ބޭނުންވާކަން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

މިގޮތުން، ޕްރައިވެޓް ކްރެޑިޓަރުންވެސް ހިމެނުމަށް ރާއްޖެ ފަދަ ކުދި ގައުމުތަކުން ގޮވާލާފައިވާ ގޮވާލުމަށް އެމެރިކާއިން ބާރު ދިނުމަށް ޕޮމްޕެއޯއާއެކު ކުރެވުނު ރަސްމީ މަޝްވަރާތަކުގައި އެދިފައިވާނެކަމަށް ޝާހިދު ހާމަކުރެއްވި އެވެ.

ކުރިއަރާފައިވާ ގައުމުތަކުން ކުދި ގައުމުތަކަށް ދޫކޮށްފައިވާ ލޯނުތައް އަނބުރާ ދެއްކުން އަންނަ އަހަރުގެ ނިޔަލަށް ފަސްކޮށްދިނުމަށް ރާއްޖޭން ދަނީ ގޮވާލަމުންނެވެ.

ލޯނުތައް އަނބުރާ ދެއްކުން އިތުރަށް ފަސްކުރަން ސަރުކާރުން ވަކާލާތު ކުރަމުންދާއިރު، އަންނަ އަހަރު ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރެވޭ އާމްދަނީއަށް ވުރެ އަނބުރާ ދައްކަން ޖެހޭ ދަރަނީގެ އަދަދު އިތުރުވާނެކަމަށް ވަނީ ހާމަވެފަ އެވެ.

މާލީ ހިސާބުތަކުން ދައްކާ ގޮތުގައި އަންނަ އަހަރު ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވަނީ 17.5 ބިލިއަން ރުފިޔާ ނަމަވެސް، އަނބުރާ ދައްކަންޖެހޭ ދަރަނީގެ ޖުމްލަ ހުރީ 20.1 ބިލިއަން ރުފިޔާ ގައި އެވެ. އެއީ ލިބޭ އާމްދަނީއަށް ވުރެ ގާތްގަނޑަކަށް 2.5 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ޕޮމްޕެއޯ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ގިނަ ދާއިރާތަކަކުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

މި ގޮތުން، ދެ ގައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުމާއި، ބައިނަލްއަގުވާމީ މައިދާނުގައި ގުޅުން ބަދަހިކުރުން އިތުރުކުރުމާއި، ވިޔަފާރީގެ ގުޅުންތަކާއި އިންވެސްޓްމެންޓުތައް އިތުރުކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.

މީގެ އިތުރުން، ތިމާވެށި ހިމާޔަތްކުރުމާއި، ސައިބާ ސެކިއުރިޓީ ވަރުގަދަކޮށް ނިރުބަވެރިކަމާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ހަރުދަނާކުރުމާއި، އިންޑޯ-ޕެސިފިކް ސަރަހައްދުގެ މިނިވަންކަން ދަމަހައްޓައި، އެ ސަރަޙައްދުގެ ވިޔަފާރި ކުރިއެރުވުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ހިޔާލު ބަދަލުކުރެއްވި އެވެ.

ޕޮމްޕެއޯ ރާއްޖެއަށް ޒިޔާރަތްކުރައްވާފައި މި ވަނީ، އޭޝިޔާގެ ބައެއް ގައުމުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ޒިޔާރާތުގެ ދަށުންނެވެ. މިއީ، 1992 ވަނަ އަހަރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޭމްސް އެޑިސަން ބޭކާ ރާއްޖެއަށް ކުރެއްވި ޒިޔާރާތަށް ފަހު، އެ ޤައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅަކު ރާއްޖެއަށް ޒިޔާރަތްކުރައްވާ ފުރަތަމަ ފަހަރެވެ.