ހަބަރު

މަންޑޭ ވެސް ދެވަނަ ކައިވެންޏެއް

Oct 29, 2020
3

މަޝްހޫރު އަދި ޒުވާން ވިޔަފާރި ވެރިޔާ ހަސަން މަމްދޫހު (މަންޑޭ) އިތުރު ކައިވެންޏެއް ބައްލަވައިގެންފި އެވެ.

މިދިއަ ހަފުތާގައި މަންޑޭ ކައިވެންޏެއް ބައްލަވައިގަތް ކަމަށް އަޑުތައް އިއްޔެ އާއި މިއަދު ފެތުރި ސޯޝަލް މިޑިއާގައި ދައުރުވަމުން ދިޔަ ނަމަވެސް ދެވަނަ ކައިވެންޏެއްގެ ގޮތުގައި އައްޑު އަތޮޅު ހުޅުމީދުއަށް ނިސްބަތްވާ އާމިނަތު ޝަހުދާއާ މަންޑޭ ކައިވެނި ބައްލަވައިގަތީ މިދިއަ ޖޫން މަހުގެ ތެރޭގަ އެވެ.

އުމުރުން ވަރަށް ހަގު ބޭފުޅަކާ ވަރަށް ބޮޑު އަދަދެއްގެ ރަނަކަށް މަންޑޭ ކައިވެނި ބައްލަވައި ގެންނެވި ކަމަށް އަޑު ފެތުރިފައިވި ނަމަވެސް މަންޑޭ ކައިވެނި ބައްލަވައިގަތީ ކުރިން ވެސް ކައިވެންޏެއް ކުރައްވާފައިވާ 31 އަހަރުގެ ބޭފުޅަކާ އެވެ. މަންޑޭއާ ކައިވެނި ބައްލަވައިގަތުމަށް ޝަހުދާ ރަން ކިޔާފައި ވަނީ 2222 ރުފިޔާ އަށެވެ.

މަންޑޭގެ އެ ކައިވެންޏާ ގުޅިގެން ޕާޓީއެއް ބޭއްވުން ފަދަ އެއްވެސް ކަމެއް ކޮށްފައެއް ނުވެ އެވެ. ހަމަ އެކަނި ބޭއްވީ ކުޑަކުޑަ އެއްވެލުމެކެވެ. އެ އެއްވެލުމުގައި ބައިވެރިކޮށްފައި ވަނީ މަންޑޭގެ ބައެއް މުވައްޒަފުންނާއި އޭނާގެ ވަރަށް ހާއްސް ބޭފުޅުން ކޮޅަކާއި މަންޑޭގެ ޕާސަނަލް ބަޔޮގްރަފާ އެވެ.

ކޭޕާކް ރެސިޑެންސްގެ ވެރިޔާގެ ގޮތުގައި މަޝްހޫރުވެ، ރާއްޖެ އައި އެހެން ބައެއް ގައުމުތަކުގައި ވިޔަފާރި ފުޅާކޮށްފައިވާ މަންޑޭގެ ފުރަތަމަ ކައިވެންޏަށް ދެ ބޭފުޅުން ލިބިވަޑައިގެންފައި ވެއެވެ.

ފަހަކަށް އައިސް ވިޔަފާރީގައި މަންޑޭ ވަރަށް ބޮޑު މަޝްހުރު ކަމެއް ހޯއްދަވާފައިވައިރު ފަގީރުންނާއި އެހީއަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީވެ ދިނުމުގައި ވެސް ވަރަށް ބޮޑަށް ފާހަގަ ކުރެއްވިފައި ވެއެވެ.