އަހުމަދު ޝިޔާމް

ހަތަރު ދުވަހަށްފަހު ޝިޔާމް ހޮސްޕިޓަލުން ދޫކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދިނުމަށްފަހު މިއަދު ގެއަށް ދޫކޮށްލައިފި އެވެ. ޝިޔާމް ގެއަށް ދޫކޮށްލެވީ ހަތަރު ދުވަހު އެޑްމިޓްކޮށް ފަަރުވާ ދިނުމަށްފަހު އެވެ.

މިދިޔަ ބުދަ އޮތް މަޖިލީހުގެ ޖަލްސާގައި އިންނަވަނިކޮށް އާދަޔާހިލާފަށް ހުން ގަދަވެ މަޖިލީހުގައި މަޑު ކުރެއްވޭވަރު ނުވެގެން އޭޑީކޭއަށް ގެންގޮސް އެޑްމިޓްކޮށް ޝިޔާމަށް ވަނީ ފަރުވާ ދޭންް ފަށާފައެވެ. އެ ހޮސްޕިޓަލުން ވަނީ ޝިޔާމްގެ ބައެއް ޓެސްޓްތައް ހަދާފައެވެ. އަދި ކޮވިޑަށް ޓެސްޓްކޮށްފައެވެ. ނަތީޖާ ނެގެޓިވްއެވެ.

އޭގެ އެއް ދުވަސް ފަހުން ޝިޔާމް ވަނީ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާދޭން ފަށާފައެވެ.

އިދިކޮޅު ދެ ޕާޓީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ޝިޔާމްގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަަށެވެ. އަދި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށްފަހު މިއަދު ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ. އިދިކޮޅުން ވަނީ މިދިޔަ ޖޫން މަހުގެ ދެވަނަ ދުވަހުގެ ރޭ މަޖިލީހުގައި އޮތް ޖަލްސާގައި އެމްޑީޕީގެ މެންބަރުން ޝިޔާމަށް ހަމަލާދިން ފަހުން ސިއްހީ އެކި މައްސަަލަތައް ކުރިމަތިވަމުންދާ ކަމަށްވެސް ބުނެފައެވެ.