ހަބަރު

ހައްޔަރުކުރި 16 މީހުން ދޫކޮށްލުމުން އިސްތިއުނާފު ކުރަނީ

ލ. ވަޑިނޮޅި ކައިރީ އެން ދަމަން އޮއްވާ "ފަސްކުރި" ދޯންޏަށް އެރި މީހުން ކެޕްޓަނަށް ވަޅިން ބިރު ދައްކައި ދޯނި ރަހީނުކޮށް ފަޅުވެރިންނަށް އަނިޔާކޮށްފައިވާ ކަމަށް ބުނާ މައްސަލާގައި ފުލުހުން ހައްޔަރުކުރި 16 މީހުންވެސް ކޯޓުން ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށާ މި މައްސަލައިގެ ވަށައިގެންވާ ހުރިހާ ކަމެއް ތަހުގީގުގެ ތެރެއިން ބަލަމުންދާނެ ކަމަށެވެ. މައްސަލައާ ގުޅިގެން މިހާތަނަށް 16 މީހަކު ހައްޔަރުކުރި ނަމަވެސް އެ މީހުންގެ ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ ދޫކޮށްލާފައެވެ. އެ މީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކޮށް ދިނުމަށް އެދި ޕީޖީގައި އެދިފައިވާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލާގައި ގާނޫނާއި ގަވާއިދާ ހިލާފަށް ނުވަތަ މިފަދަ ކަންކަމުގައި އަމަލު ކުރަންޖެހޭ އުސޫލުތަކާއި ހިލާފަށް އެއްވެސް ކަމެއް ގޮސްފައިވާކަން ފާހަގަ ކުރެވޭނަމަ އެ މައްސަލައެއް ކަމާބެހޭ އިދާރާތަކަށް ހުށައެޅުމަށްވެސް ވަނީ އެދިފައެވެ.

"ފަސްކުރި" ދޯންޏަށް އެރި މީހުން ކެޕްޓަނަށް ވަޅިން ބިރު ދައްކައި ދޯނި ރަހީނުކޮށް ފަޅުވެރިންނަށް އަނިޔާކޮށްފައިވާ ކަމަށް އެ ދޯނީގައި ތިބި 22 މީހުން ބުނެއެވެ. އެ މީހުންވަނީ އެކަން ބަޔާންކޮށް ބަޔާނެއްވެސް ނެރެފައެވެ. އެ ބަޔާނުގައި ފުލުހުން އަމަލު ކުރި ގޮތް ވަރަށް ބޮޑަށް ގޯސްކަމަށްވެސް ތުހުމަތު ކޮށްފައިވެއެެވެ.