ފޭރުން

ފޭރުން ހުއްޓުވި ގާޑަށް ބައިލައްކަ ރުފިޔާ ދީފި

Oct 31, 2020
1

ރޫޓުގެ ފައިސާތަކެއް ބެންކް އޮފް ސިލޯނަށް ޖަމާ ކުރަން ގެންދިޔަ މަގުމަތީގައި ފޭރެދިން ހަމަލާ ހުއްޓުވި ސެކިއުރިޓީ ގާޑަށް 50،000 ރުފިޔާ ދީފި އެވެ. ރޫޓްގައި މިއަދު ބޭއްވި ހަފްލާއެއްގައި އެ ފައިސާ ސިލޯން ބޭންކުގައި އެ ވަގުތު ސެކިއުރީޓީއަކަށް ހުރި ހަސަން މަނިކަށް ވަނީ ހަވާލުކޮށްފައެވެ.

މީޑިއާތަކަށް ދައުވަތު ދީގެން ބޭއްވި އެ ހަފްލާގައި ރޫޓްގެ އެމްޑީ އަބްދުﷲ ރާފިއު ވިދާޅުވީ ހަސަން މަނިކުގެ އަގު އެ ކުންފުނިން ވަޒަން ކުރާ ކަމަށެވެ. އަދި ފޭރުމުގެ އެ ބޮޑު ހަމަލާ ހުއްޓުވުމުގައި އޭނާ ދެއްކި ހުނަރަށް ތައުރީފު ކުރާ ކަމަށެވެ. މަނިކަކީ އެބްސުލޫޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަންގައި މަސައްކަތް ކުރަމުންދާ މީހެކެވެ.

ރޫޓުގެ ފައިސާތަކެއް ބެންކް އޮފް ސިލޯނަށް ޖަމާ ކުރަން ގެންދިޔަ މަގުމަތީގައި ބަޔަކު ފޭރެން ހަމަލާއެއް ދިނީ މި ހަފުތާގެ އާދީއްތާ ދުވަހު އެވެ. ހެލްމެޓު އެޅި ހަތަރު މީހަކު ގޮސް އެ ފައިސާތައް ފޭރެން މަސައްކަތް ކުރި ނަމަވެސް، އެ ކަން ހުއްޓުވީ، އެ ވަގުތު އެތާނގައިތިބި މުވައްޒަފުންނާއި ބޭންކުގެ ސެކިއުރިޓީ އެވެ.

މިއަދުގެ ހަފްލާގައި ރޫޓް އެ މުވައްޒިފުންނަށްވެސް ފައިސާ ދީފައިވެއެވެ. އެގޮތުން ވޭންގައި އެ ވަގުތު އިން އަންހެން މުވައްޒިފާއި ބިދޭސީ ވޭން ޑްރައިވަރު އަދި ބިދޭސީ މަސައްކަތްތެރިޔާއަށް 10،000 ރުފިޔާ ދީފައިވެއެވެ.

ފުލުހުން މިއަދު ބުނީ ފޭރުމުގައި އަމަލީގޮތުން ބައިވެރިވީ ހަތަރު މީހެއް ކަމަށެވެ. އެ މީހުންގެ ވަނަވަރުވެސް ވަނީ ހާމަކޮށްފައެވެ. އެއީ ވ. ޕިންކްވިލާ، އަހްމަދު އަމީރު (20އ) އާއި ގއ. ވިލިނގިލި/ކަނީރުމާގެ، މުހައްމަދު މުސްއަބު ޒުބައިރު (23އ) އާއި ދަފްތަރު ނަންބަރު 3678، ހުސައިން އަބްދުލް މަޖީދު (22އ) އާއި ލ. ގަން، ތުނޑި. ކީމިޔާގެ، އަބްދުﷲ ރާޝިދު (27އ) އެވެ.

މިހަތަރު މީހުންނަކީވެސް ވައްކަމާއި، ތޫނު ހަތިޔާރުން ހަމަލާދީ ފޭރުމާއި، މާރާމާރީ އަދި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑްސް އޮންނަ މީހުން ކަމަށްވެސް ބުންޏެވެ. އަދި އެ މީހުންގެ ބަންދަށް ކޯޓުން 15 ދުވަސް ވަނީ ޖަހައިދީފައެވެ.