އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީން ފޮނުވައިފި އެވެ.
ފިނޭންސް މިނިސްޓްރީން ވަނީ އެކަން ޔަގީންކޮށްދީފައެވެ. އެނގިފައިވާ ގޮތުގައި މަޖިލީހަށް ހުށައަޅާފައިވަނީ 35 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓްގެ ތަފްސީލް ދެއްވާނީ މަޖިލީހުގައި ފިނޭންސް މިނިސްޓަރެވެ. ކޮވިޑް-19 އިގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ ދަށްވުމާ ގުޅިގެން މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓު ރިވައިޒް ކުރުމަށް ފަހު އަލުން ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.
ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ޝަރުވަޝް އާދަމް އަވަސްއަށް ވިދާޅުވީ ރިވައިސް ބަޖެޓުތައް ވަރަށް އަވަހަށް މަޖިލީހަށް ފޮނުވާނެ އެވެ. ރިވައިޒް ބަޖެޓާއި އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުގައި މާ ބޮޑު ތަފާތެއް ނުހުންނާނެ އެވެ. ބޮޑު ބަޖެޓާ ނަމްބަރުތައް ގާތްގަނޑަކަށް އެއްވަރު ވާނެ އެވެ.
މާލިއްޔަތު ގާނޫނު ބުނާ ގޮތުން ކުރީ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފިނޭންސް މިނިސްޓްރީން އަހަރު ފެށުމުގެ ދެ މަސް ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން ޖެހެއެވެ.
މި އަހަރުގެ ބަޖެޓުގެ ގޮތުގައި މަޖިލީހުން ފާސްކޮށްފައި ވަނީ 37.8 ބިލިއަން ރުފިޔާ އެވެ. މި ބަޖެޓުގައި އަހަރު އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 30 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރި އެވެ. ނަމަވެސް ކޮވިޑް-19 އަށް ބޯޑަރު ބަންދު ކުރުމަށްފަހު ޖުލައި 15 ގައި އިގްތިސޯދު ހުޅުވާލަން ހެދި ސިނާރިއޯ ސާވޭގައިވާ ގޮތުން މި އަހަރު ޓެކުހުގެ ގޮތުގައި ލިބޭނީ 9.5 ބިލިއަން ރުފިޔާ އެވެ. އަދި ޓެކްސް ނޫން ގޮތް ގޮތުން ތިން ބިލިއަން ރުފިޔާ ލިބޭއިރު، ހިލޭ އެހީގެ ގޮތުގައި އެންމެ ގިނައިން ވެސް ލިބޭނެ ކަމަށް އަންދާޒާ ކުރެވެނީ 2.9 ބިލިއަން ރުފިޔާ އެވެ. އެހެންވެ މި އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި ލިބޭނީ ގާތްގަނޑަކަށް 15.2 ބިލިއަން ރުފިޔާ އެވެ. އަދި މި އަހަރު ދައުލަތުގެ އާމްދަނީ އިން 14.6 ބިލިއަން ރުފިޔާ މަދު ވެގެންދާނެ އެވެ. މި އަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ ގާތްގަނޑަކަށް 11 ބިލިއަން ރުފިޔާ އެވެ.
މި އަހަރުގެ ބަޖެޓުގެ 6.1 ޕަސެންޓް ޑެފިސިޓް ވާނެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް މިހާރު އަންދާޒާ ކުރެވޭ ގޮތުގައި މި އަހަރުގެ ބަޖެޓު ޑެފިސިޓް ހުންނާނީ 7.13 ޕަސެންޓާއި 9.22 ޕަސެންޓާ ދެމެދުގަ އެވެ. އެހެންވެ މި ވަރުން ބަޖެޓު ފޫބައްދާ ކަމަށްވާނަމަ އިތުރަށް ގާތްގަނޑަކަށް 13 ބިލިއަން ރުފިޔާ އާއި 16 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ހޯދަން ޖެހޭނެ އެވެ. އެހެންވެ، ސަރުކާރުން ދަނީ މި ފައިސާ ހޯދަން ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. މިހާތަނަށް މިފައިސާގެ ބައެއް ވަނީ ހޯދާފަ އެވެ.