ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިގްތިސޯދު

ކޮވިޑުގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ކިހާ ގެއްލުމެއް؟

މި އަހަރު ފެށުނީއްސުރެ މުޅި ދުނިޔެ ތަހައްމަލު ކުރަމުން މިދާ ކޮވިޑް-19 އިގެ ބަލިމަޑުކަމާ ގުޅިގެން ދުނިޔޭގެ ވައިގެ ދަތުރު ފަތުރުގެ ސިނާއަތަށް ވަނީ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފަ އެވެ. މިގޮތުން ދުނިޔޭގެ ބޮޑެތި ބައެއް އެއާލައިން ތަށް ބަނގުރޫޓު ވުމުގެ ބިރު ހީވެފައި ވާއިރު އަނެއްބައި އެއާލައިން ތަށް އެތަށް މިލިޔަން ޑޮލަރަކުން ދަރަނިވެރިވެ އެތަށް ބައެއްގެ ވަޒީފާވަނީ ގެއްލިފަ އެވެ.

ރިޕޯޓްތަށް ބުނާ ގޮތުން، އެއާލައިން އިންޑަސްޓްރީގެ ދުނިޔޭގެ ރެވެނިއު ވަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު، 66 ޕަސެންޓް ދަށްވެފަ އެވެ. އަދި ދުނިޔޭގެ ކޮމާޝަލް އެއާކްރާފްޓް ތަކުގެ 66 ޕަސެންޓް، މިއަހަރުގެ ބޮޑު ބައެއްގައި ވަނީ ދަތުރު ނުކޮށް ޕާކް ކުރަން ޖެހިފަ އެވެ. މިހާތަނަށް އައިއިރު ދުނިޔޭގެ 18 އެއާލައިނެއް ވަނީ ބަނގުރޫޓު ވުމުގެ ސަބަބުން ބޭންކްރަޕްސީ ފައިލް ކޮށްފަ އެވެ.

ދުނިޔެގެ އެއާލައިން އިންޑަސްޓްރީ އަށް މިއަހަރު ލިބޭނެ މާލީ ގެއްލުމަށް ބަލާއިރު 315 ބިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށް، މިހާތަނަށް ވަނީ ބެލެވިފައެވެ. މިއަހަރުގެ މިހާތަނަށް އައިއިރު މުޅި ދުނިޔެއިން ފައިދާވި ހަމައެކަނި އެއާލްއިން ތަކަކީ، ޗައިނާ އެއާލައިނާއި، ކޮރެއަން އެއާ އާއި އަދި އޭސިއާނާ އެއާލައިން އެވެ. މި ތިން އެއާލައިނުން އުފުލި ކާގޯތަކުގެ ސަބަބުން، މިއަހަރުގެ ދެވަނަ ކުއާޓަރުގައި ވަނީ ފައިދާވެފަ އެވެ.

މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް ޑެލްޓާ އެއާލައިނަށް 91 ޕަސެންޓްގެ މާލީ ގެއްލުމަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ. ޔުނައިޓެޑް އެއާލައިންނަށް ދުވާލަކު 40 މިލިޔަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ރިޕޯޓްތަށް ބުނެއެވެ. ލުފްތަންސާ އަށް 89 ޕަސެންޓްގެ ގެއްލުމަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ. އެއާ ފްރާންސް އާއި ކޭ އެލް އެމް އަށް ވަނީ 6.6 ބިލިޔަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހިފައެވެ. މިއީ 82 ޕަސެންޓްގެ ގެއްލުމެކެވެ.

ދުނިޔޭގެ އެއާލައިން ތަކަށް އެކި ގައުމުތަކުގެ ސަރުކާރު ތަކުގެ އެހީގެ ގޮތުގައި މުޅި ދުނިޔެއިން 123 ބިލިޔަން އެމެރިކާ ޑޮލަރު މިހާތަނަށް، އެހީގެ ގޮތުގައި ދީފައިވީ ނަމަވެސް، މީގެތެރެއިން ގިނައީ ލޯނުގެ ގޮތުގައި ދީފައިވާ ފައިސާ ކަމުން ވަކި މުއްދަތެއްގެ ތެރޭގައި އިންޓަރެސްޓާއެކު މިފައިސާ އަނބުރާ ދައްކަން ޖެހޭނެތީ، ދަތުރުފަތުރު ކުރާ ފަރާތްތަކަށް މިކަމުގެ ސަބަބުން ކުރާނެ މާބޮޑު ފައިދާއެއް އޮންނާނެ ކަމަށް ނުބެލެވެއެވެ. މިފައިސާ އަނބުރާ ހޯދުމަށް ދަތުރުފަތުރު ކުރާ ފަރާތްތަކުގެ ޓިކެޓްގެ އަގު ބޮޑުކުރުން ނޫންގޮތެއް އެއާލައިން ތަކަށް ނެތުމުންނެވެ.

މިފަދަ އެތަށް ސަބަބަކާ ހުރެ ދުނިޔޭގެ ވައިގެ ދަތުރުތަކުގެ ޑިމާންޑް މިދިޔަ އަހަރު ހުރި މިންވަރަށް ރުޖޫޢަވާނީ 2024 ވަނަ އަހަރުގައި ކަމަށް ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. އެހެނަސް އޭސިއާ ޕެސިފިކް ސަރަހައްދުގެ ޑިމާންޑް 2023 ވަނަ އަހަރު ރުޖޫޢަ ވެދާނެ ކަމަށް ބައެއް ފަރާތްތަކުން އަންދާޒާ ކުރެއެވެ. އެންމެ އުންމީދީ ގޮތަކަށް ބަލާއިރުވެސް، 2022 ގެ ކުރިން ވައިގެ ދަތުރު ފަތުރގެ ޑިމާންޑް މިދިޔަ އަހަރާ އެއްވަރަށް ރުޖޫޢަ ނުވާނެކަމަށް ވަނީ ބެލެވިފައެވެ.

ކޮވިޑުގެ ގެއްލުން ހަމައެކަނި ކުރާނެ ސިނާއަތަކީ ވައިގެ ދަތުރުފަތުރުގެ ސިނާއަތް ކަމަށް ނުބެލެވެއެވެ. އެހެނަސް ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ލިބުނު ގެއްލުމުގެ އަސަރު އެންމެ ބޮޑަށް ކުރާނެ އެއް ސިނާއަތަކީ ފަތުރުވެރިކަމުގެ ސިނާއަތް ކަން ކަށަވަރެވެ. ހަމައެހެންމެ ޔޫރަޕުގެ ގިނަ ގައުމު ތަކުގައާއި އެމެރިކާ ސަރަހައްދުގެ ގިނަ ގައުމު ތަކުގައި އަދިވެސް ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރެވިފައި ނުވާއިރު، ފަތުރުވެރި ކަމުގެ ސިނާއަތަށް އިގްތިސާދު ބަރޯސާ ވެފައިވާ ގައުމު ތަކަށް މިކަމުން ކުރާނެ ނޭދެވޭ އަސަރު ބޮޑުވާނެކަމީ ކަށަވަރު ކަމެކެވެ.