ހަބަރު

ބިދޭސީން ބައިތިއްބާ ތަންތަން ވިޔަފާރި ރެޖިސްޓްރީކުރުން ލާޒިމުކޮށްފި

Nov 1, 2020

ވިޔަފާރި އުސޫލުން ބިދޭސީންނަށް އެކޮމަޑޭޝަން ދޭ ތަންތަން، ވިޔަފާރިއެއްގެ ގޮތުގައި ރެޖިސްޓްރީ ކުރުން އިކޮނޮމިކް މިނިސްޓްރީން ލާޒިކުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން އާއްމުކޮށްފައިވާ ބިދޭސީ މުވައްޒަފުންގެ އެކަމަޑޭޝަންގެ ހިދުމަތް ދިނުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމުގެ ގަވާއިދުގައި ބުނެފައިވަނީ ބިދޭސީންނަށް ވަޒީފާ ދޭ ފަރާތުގެ އަމިއްލަ ތަނެއްގައި ނުވަތަ ހަމައެކަނި އެ ފަރާތެއްގެ މުވައްޒަފުން ބޭތިއްބުމަށް ކުއްޔަށް ނަގާފައިވާ ތަންތަން ފިޔަވައި ދެން ބިދޭސީން ބައިތިއްބާ ތަންތަން ރަޖިސްޓްރީކުރަން ޖެހޭނެ ކަމަށެވެ.

އެ ގަވައިދުގެ ދަށުން، ބިދޭސީންނަށް އެކޮމަޑޭޝަން ދޭ ތަންތަން ރަޖިސްޓްރީކުރަން ޖެހެނީ އަމިއްލަ ފަރުދުންގެ ނުވަތަ ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއްގެ ދަށުންނެވެ.

އެފަދަ ތަނެއް ރަޖިސްޓްރޭޝަަނަށް ހުށަހަޅާއިރު އެ ވިޔަފާރިއެއްގެ ރަޖިސްޓްރޭޝަން ނަމްބަރު، ވިޔަފާރީގެ ނަން އަދި އެކޮމަޑޭޝަން ދޭ އެޑްރެހާއެކު އެތަން ބަލަހައްޓާ މީހަކަށް ގުޅޭނެ ނަމްބަރަކާއި އެ ތަނަކީ ވިޔަފާރި އުސޫލުން އެ ހިދުމަތްދޭ މީހާގެ އަމިއްލަތަނެއް ނަމަ ގޯތީގެ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަން ޖެހެ އެވެ.

އެއީ ހިދުމަތްދޭ މީހާ ކުއްޔަށް ނަގާފައިވާ ތަނެއް ނަމަ އެކަން އެނގޭނެހެން އަދި ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަން އަންގައިދޭ ލިއުމެއް ވެސް ހުށަހަޅަން ޖެހޭކަމަށް ގަވައިދުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން، އެތަނެއްގެ ފްލޯ ޕްލޭނުގެ ކޮޕީ އާއި އެކޮމަޑޭޝަނުގައި ހުރި ކޮޓަރީގެ އަދަދާއި އެނދުގެ އަދަދާއި ހުރި ވަސީލަތްތަކުގެ މައުލޫމާތު ބަޔާންކުރާ ލިޔުމެއް ވެސް ހުށަހަޅަން ޖެހޭއިރު، ރަޖިސްޓްރީ ކުރުމަށް 500 ރުފިޔާ ގެ ފީއެއް ދައްކަން ޖެހޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

އަދި ރެޖިސްޓްރީ ކޮށްދިނުމަށްފަހު، އެތަންތަން ގަވައިދުގައިވާ މިންގަނޑަށް ފެތޭތޯ ބެލުމަށް ސިޓީ ނުވަތަ ރަށު ކައުންސިލުތަކުން އިންސްޕެކްޓް ކުރާނެކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.

މި ގަވައިދަށް މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާއިރު، އެ ތަނެއްގައި ހުންނަންޖެހޭ މިންގަނޑުތަކަށް ނުފެތޭ ތަންތަން ހިންގާ ފަރާތްތައް 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭއިރު، ރެޖިސްޓްރީ ނުކޮށް ހިންގާ ތަންތަނަށް 10،000 ރުފިޔާގެ ޖޫރިމަނާއެއް ވަނީ ކަނޑައަޅައިފަ އެވެ.

ބިދޭސީންނަށް އެކޮމޮޑޭޝަންދޭ ތަންތަން ރެޖިސްޓްރީކުރުން ލާޒިމުކޮށްފައިވަނީ، ބިދޭސީ މުވައްޒަފުން ބައިތިއްބާ ގިނަ ތަންތަނަކީ، އިންސާނުން ދިރިއުޅެއް އެކަށީގެންނުވާ ތަންތަން ކަމަށް ބުނެ، ކަންބޮޑުވުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި އެވެ.