ވިޔަފާރިވެރިންނާއި ކިޔަވާ ކުދިންނަށް އިންޑިއާއަށް ދިޔުމަށް ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށް އެ ގައުމުން ހާމަކޮށްފި އެވެ.
ކޮވިޑް-19 އާ ގުޅިގެން އިންޑިއާގެ ބޯޑަރު ވަނީ ބަންދުކޮށްފައެވެ. ނަމަވެސް ދެ ގައުމުގެ ދެމެދުގައި ހިނގާ މަޝްވަރާތަކުން އެ ގައުމަށް ދިވެހިންނަށް ދަތުރުކުރުމުގައި ދޭތެރެ ދޭތެރެއިން ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދެއެވެ.
މި ފަހަރު ލުއިތައް ދޭނެކަން ހާމަކޮށްފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމަށްފަހުއެވެ. ފޮރިން މިނިސްޓްރީން ބުނީ އިންޑިއާ ސަރުކާރުން ވަނީ ވިޔަފާރިވެރިންނާއި، ކިޔަވާ ކުދިންނަށް އިންޑިއާއަށް ދިޔުމަށް ހުއްދައެއް ދިނުމަށް ނިންމާފައިވާކަން އަންގާފައި ކަމަށެވެ.
މިހާރުވެސް އިންޑިއާ ސަރުކާރުން ދީފައިވާ ހުއްދައެއްގެ ދަށުން ބޭސް ފަރުވާއަށް އިންޑިއާއަށް ދާން ބޭނުންވާ ދިވެހިންނަށް ދަތުރުކުރުމުގެ އިންތިޒާމްތަކެއް ހަަމަޖައްސާފައިވެއެވެ. ނަމަވެސް އެއީ އެ ގައުމުން ހުއްދަ ދޭ ވަކި މިންވަރަކަށެވެ.
ފޮރިން މިނިސްޓްރީން ބުނީ ވިޔަފާރިއާއި ތައުލީމުގެ ބޭނުމަށް އިންޑިއާއަށް ދަތުރުކުރަން ބޭނުންވާ މީހުން ފޮރިން އެފެއާޒްގެ ކޮންސިއުލާ ޑިޕާޓްމަންޓް މެދުވެރިކޮށް އިންޑިއާއަށް ދަތުރުކުރުމަށް ބޭނުންވާ ހާއްސަ ހުއްދަ ހޯދުމަށްފަހު، އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ގާއިމްކޮށްފައިވާ ޓްރެވަލް ބަބްލް ތެރެއިން ދަތުރު ކުރެވޭނެ ކަމަށެވެ.