ހިޔާ މަޝްރޫއު

ހިޔާ: ހާލަތު ބަލަން ނުގުޅޭ މީހުންގެ އިތުރު ލިސްޓެއް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިޔަށްދާ "ހިޔާ" މަޝްރޫއުގެ ދަށުން އަޅާ ފްލެޓުތަކަށް ކުރިމަތިލާފައިވާ މީހުންގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއަށް މިހާތަނަށް ފޯނުން ނުގުޅިހުރި މީހުންގެ ނަންތައް ހިމެނޭ އިތުރު ލިސްޓެއް އާންމުކޮށްފި އެވެ.

އާންމުކޮށްފައިވަނީ H7 ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް މިހާތަނަށް ފޯނުން ނުގުޅޭ މީހުންގެ ނަންތަކެވެ. އެއީ 18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ ކެޓަގަރީއެވެ. މީގެ ކުރިންވެސް މި ކެޓަރީގައި ހިމެނި ނުގުޅިވާ 509 މީހެއްގެ ނަން ހިމެނޭ ލިސްޓެއް އާންމުކޮށްފައިވެއެވެ. މިއަދު އާންމު ކުރީ އޭގެ ދެވަނަ ލިސްޓެކެވެ. ދެވަނަ ލިސްޓްގައި ވަނީ 93 މީހެއްގެ ނަމެވެ.

ފްލެޓް ކޮމެޓީން މިއަދު ބުނީ "ހިޔާ މަޝްރޫއު" ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް ގޭގެއަށް ޒިޔާރަތް ކުރުމުގެ ކުރިން، ފޯމު ހުށަހަޅާފައިވާ މީހުންނާއި ފޯނުން ގުޅައި، ވެރިފައި ކުރުމުގެ ޕްރޮސެސްއެއް ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި H7 ކެޓެގަރީއަށް ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން، މިހާތަނަށް ނުގުޅޭ 93 މީހަކުވާ ކަމަށެވެ. އެ ނަންތައް ވަނީ މިއަދު ގެޒެޓް ކޮށްފައެވެ.

ފްލެޓް ކޮމެޓީން ބުނީ އެ މީހުންނާއި ގުޅުމަށް ތަކުރާރުކޮށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން މި ލިސްޓުގައި ހިމެނޭ މީހުން އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ތިނެއް ޖެހުމުގެ ކުރިން https://hcc.presidency.gov.mv މި ލިންކުގައިވާ ފޯމު ފުރިހަމަ ކުރެއްވުމަށް ފްލެޓް ކޮމެޓީން ވަނީ އެދިފައެވެ.