އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރު އިބްރާހިމް ހުށަހަޅުއްވާނީ އަންނަ ހޯމަ ދުވަހު ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ލިބިފައިވާ ކަމަށާއި، އަދި އަންނަ ހޯމަ ދުވަހު މަޖިލީހަށް ބަޖެޓު ހުށަހެޅިގެންދާނެ ކަމަށެވެ.
އަދި މަޖިލީހުގެ ގަވައިދާ އެއްގޮތަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓު މެންބަރުންނާ ހިއްސާ ކުރެވޭނީ، ފިނޭންސް މިނިސްޓަރު ބަޖެޓު މަޖިލީހަށް ހުށަހެޅުއްވުމަށްފަހު ކަމަށް ނަޝީދު ވިދާޅުވި އެވެ.
ބަޖެޓު ހުށަހެޅުއްވުމާއެކު މަޖިލީހުގެ ކޮމިޓީން ދިރާސާކުރުމަށްފަހު މި މަހުގެ 16 ވަނަ ދުވަހު ބަހުސް ފެށޭނެކަމަށާއި، ކޮންމެ މެންބަރަކަށްވެސް ބަހުސްގައި ވާހަކަ ދައްކަވަން 15 މިނެއްޓުގެ ފުރުސަތެއް ލިބޭނެކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ރެ އާ އެކީގައި މަސައްކަތްކޮށްގެން ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ބަޖެޓުގެ މަސައްކަތް ނިންމާލެވޭނެކަމަށް އުއްމީދުކުރަނީ،" ނަޝީދު ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި މަޖިލީހަށް ހުށައަޅާފައިވަނީ 35 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ކޮވިޑް-19 އިގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ ދަށްވުމާ ގުޅިގެން މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓު ރިވައިޒް ކުރުމަށް ފަހު އަލުން ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.
މި އަހަރުގެ ބަޖެޓުގެ ގޮތުގައި މަޖިލީހުން ފާސްކޮށްފައި ވަނީ 37.8 ބިލިއަން ރުފިޔާ އެވެ. މި ބަޖެޓުގައި އަހަރު އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 30 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރި އެވެ. ނަމަވެސް ކޮވިޑް-19 އަށް ބޯޑަރު ބަންދު ކުރުމަށްފަހު ޖުލައި 15 ގައި އިގްތިސޯދު ހުޅުވާލަން ހެދި ސިނާރިއޯ ސާވޭގައިވާ ގޮތުން މި އަހަރު ޓެކުހުގެ ގޮތުގައި ލިބޭނީ 9.5 ބިލިއަން ރުފިޔާ އެވެ. އަދި ޓެކްސް ނޫން ގޮތް ގޮތުން ތިން ބިލިއަން ރުފިޔާ ލިބޭއިރު، ހިލޭ އެހީގެ ގޮތުގައި އެންމެ ގިނައިން ވެސް ލިބޭނެ ކަމަށް އަންދާޒާ ކުރެވެނީ 2.9 ބިލިއަން ރުފިޔާ އެވެ. އެހެންވެ މި އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި ލިބޭނީ ގާތްގަނޑަކަށް 15.2 ބިލިއަން ރުފިޔާ އެވެ. އަދި މި އަހަރު ދައުލަތުގެ އާމްދަނީ އިން 14.6 ބިލިއަން ރުފިޔާ މަދު ވެގެންދާނެ އެވެ. މި އަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ ގާތްގަނޑަކަށް 11 ބިލިއަން ރުފިޔާ އެވެ.
މި އަހަރުގެ ބަޖެޓުގެ 6.1 ޕަސެންޓް ޑެފިސިޓް ވާނެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް މިހާރު އަންދާޒާ ކުރެވޭ ގޮތުގައި މި އަހަރުގެ ބަޖެޓު ޑެފިސިޓް ހުންނާނީ 7.13 ޕަސެންޓާއި 9.22 ޕަސެންޓާ ދެމެދުގަ އެވެ. އެހެންވެ މި ވަރުން ބަޖެޓު ފޫބައްދާ ކަމަށްވާނަމަ އިތުރަށް ގާތްގަނޑަކަށް 13 ބިލިއަން ރުފިޔާ އާއި 16 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ހޯދަން ޖެހޭނެ އެވެ. އެހެންވެ، ސަރުކާރުން ދަނީ މި ފައިސާ ހޯދަން ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. މިހާތަނަށް މިފައިސާގެ ބައެއް ވަނީ ހޯދާފަ އެވެ.