ހަބަރު

ފެހެންދޫ ދަރިވަރުން އާ ލޯންޗުގައި ސްކޫލަށް، އުފާވެރި މަންޒަރެއް

ބ. ފެހެންދޫ ދަރިވަރުން އެ އަތޮޅުގެ ގޮއިދޫ ސުކޫލަށް ކިޔަވަން ގެނައި ފެރީގައި މިއަދު ދަތުރުތައް ފަށައިފި އެވެ.

ފެހެންދޫ ގައި 26 ކުދިން ކިޔަވަ އެވެ. އެ ކުދިން ކިޔަވަން ދާން ޖެހެނީ އެ ރަށާ އެއް ފަޅުގައި އޮންނަ ގޮއިދޫ އަށެވެ. ރަށުގައި އާބާދީ ކުޑަވުމުގެ ސަބަބުން ފެހެންދޫ ސްކޫލުގައި ކިޔަވައެއް ނުދެވެ އެވެ.

ކުދީން ބާ ޑިންގީ އެއްގައި ގޮއިދޫއަށް ދަތުރު ކުރަން ޖެހޭތީ މިދިޔަ އަހަރު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކުދިން ދަތުރު ކުރުމަށް 20 ފޫޓު ޑިންގީއެއް ހަމަޖައްސައިދީފަ އެވެ. ނަމަވެސް، އެ ޑިންގީގެ ސަތަރިގަނޑު ހަލާކުވެ ދަތުރު ކުރުމުގައި ދަތިތަަކެއް ކުރިމަތިވި އިރު މޫސުން ގޯސް ދުވަސްވަރު ދަރިވަރުންނާއި ބެލެނިވެރިންނަށް ކަނޑު ދަތުރު ކުރުމުގައި ދިމާވާ އުނދަގޫތައް ހައްލުކޮށްދިނުމަށް އެދި އިންޑިއާގެ އެހީގައި ބަނދެދިން ފެރީ އެ ރަށާ ހަވާލު ކުރީ މި އަހަރު ޖޫން މަހު އެވެ.

ސޯޝަލް މީޑިއާގައި މިއަދު ދައުރުވާ ފޮޓޯތަކުން ފެންނަނީ، ފެހެންދޫ ދަރިވަރުން ގޮއިދޫ އަށް ދިއުމަށް ލޯންޗުގައި ދަތުރު ކުރާ ފޮޓޯތަކެކެވެ. އެ ރަށުން ސްކޫލަށް ދާ ކުދިންތައް ލޯންޗަށް އަރައި ލައިފް ޖެކެޓު އަޅުވައި ހަމަޖެހިލައިގެން ތިބި އުފާވެރި މަންޒަރެވެ.

މި ފޮޓޯތައް ޓްވީޓު ކުރަށްވާ އެޑިއުކޭޝަން މިނިސްޓަރު، ޑރ. އައިޝަތު އަލީ ވިދާޅުވީ ފެހެންދޫ ދަރިވަރުން ފެރީގައި ގޮއިދޫ އަށްދާ މަންޒަރު ފެނި އުފާވާ ކަމަށެވެ. އަދި މިނިސްޓަރު ވަނީ އެ ކަންކޮށްދިން ކަމަށްޓަކައި އިންޑިއާ ސަރުކާރަށް ޝުކުރު އަދާ ކޮށްފަ އެވެ.

މި ފެރީ އަކީ، މިދިއަ އަހަރުގެ މާޗް މަހުގެ ތެރޭގައި އިޖުތިމާއީ އަދި އިގުތިސޯދީ މަޝްރޫއުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދީފައިވާ 100 މިލިއަން ދިވެހި ރުފިޔާ (6.9 މިލިއަން އެމެރިކާ ޑޮލަރު) ކަނޑައެޅި ޖުމްލަ 13 މަޝްރޫއުގެ ތެރޭގައި ފެހެންދޫ ދަރިވަރުންނަށް ހާއްސަކޮށް، ބަންނަން ނިންމި ފެރީ އެކެވެ.

އެ ފެރީ ހޯދުމަށް 2.5 މިލިއަން ރުފިޔާ އެޑިޔުކޭޝަން މިނިސްޓްރީ އަށް ވަނީ ކަނޑައަޅައިފަ އެވެ.