ކުޅިވަރު

އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ ޕްރީ ސީޒަނަށް

ޑިސެމްބަރު މަހު ފަށަން ތާވަލު ކޮށްފައިވާ ދިވެހި ޕްރިމިއާ ލީގަށް ތައްޔާރު ވުމަށް، އެންމެ ފަހުގެ ރަނަރަފް ކުލަބު އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ ޕްރީ ސީޒަންގެ ޓްރޭނިންތައް ފަށައިފި އެވެ.

ޔުނައިޓެޑް ވިކްޓަރީ އާއި އީގަލްސް ޕްރެކްޓިސް ފެށުމުން ޕްރެކްޓިސް ފެށި ކުލަބުތަކުގެ އަދަދު ހަޔަކަށް އެރީ އެވެ.

ޕްރެކްޓިސް މިހާތަނަށް ނުފަށަނީ، ދަ ގްރާންޑޭ އާއި ޓީސީ ސްޕޯޓްސް ކުލަބެވެ. އާ ސީޒަނަށް ޔުނައިޓެޑް ވިކްޓަރީން ވަނީ ވަރުގަދަ ޓީމެއް އެކުލަވާލާފަ އެވެ.

މިދިޔަ އަހަރު ގްރީން ސްޓްރީޓަށް ކުޅުނު މުހައްމަދު އާރިފް (ބަކާ) އާދިލް އަބްދުލް ރަހްމާން އަދި މިދިޔަ އަހަރު ޓީސީއަށް ކުޅުނު އިސްމާއީލް އީސާ (މެސީ) ދަ ގްރާންޑޭއަށް ކުޅުނު އަހްމަދު ނިޒާމް (ނިޒާންބެ) ފ. ނިލަންދޫގެ ކެޕްޓަން އިސްމާއީލް ފަރުހާދު (ފަރޭ) ވަނީ ޔުނައިޓެޑް ވިކްޓަރީއަށް ސޮއި ކޮށްފަ އެވެ. އެ ކުލަބު ދޫކޮށް ދިޔައީ ޑިފެންޑަރު ޝާފިއު އަހްމަދު (ޝާފީ) އާއި ވިންގާ އަހްމަދު ނާޝިދު (ނާދު) އެވެ.

ކުލަބު އީގަލްސްގައި މިދިޔަ ސީޒަންގައި ކުޅުނު ގިނަ ކުޅުންތެރިން ވަނީ އެ ޓީމުގައި މަޑުކޮށްފަ އެވެ. އެ ޓީމު ދޫކޮށްލި އެންމެ ފާހަގަ ކުރެވޭ ކުޅުންތެރިޔަކީ މިދިޔަ ހަތަރު އަހަރު އެ ޓީމަށް ކުޅުނު ލަންކާގެ ގައުމީ ޓީމުގެ ގޯލްކީޕަރު ސުޖަން ޕެރޭރާ އެވެ.

ކޮވިޑް-19 އިގެ ހާލަތު ކަމަށް ވުމުން، ކުލަބުތަކުގެ ޕްރެކްޓިސް ފެށީ އެޗްޕީއޭއިން އެކަމަށް ހުއްދަ ދިނުމުންނެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވެފައި ވަނީ، ގައުމީ ފެންވަރުގެ ޕްރެކްޓިސް ވަކި ގައިޑްލައިނަކުން ގެންދާނެކަން ހާމަ ކޮށް އެފްއޭއެމުން ތައްޔާރު ކުރި ގައިޑްލައިންއާ ބެހޭގޮތުން އެޗްޕީއޭ އާ މަޝްވަރާ ކުރުމުން އެ ގައިޑްލައިނާ އެއްގޮތަށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ދޭން އެޗްޕީއެޗްޕީއޭއިން ނިންމީ ކަމަށެވެ. އެޗްޕީއޭގެ އޮފިޝަލް ވިދާޅުވެފައި ވަނީ ގައުމީ ފެންވަރުގެ ޕްރެކްޓިސް ފެށުމުގެ ހުއްދަ އެ އެތޯރިޓީން ދީފައި ވާނެ ކަމަށެވެ. އެހެންނަމަވެސް އާންމުކޮށް ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދިއުން އަދިވެސް މަނާކޮށްފައި ވާނެކަން ފާހަގަ ކުރެއްވި އެވެ.

އެޗްޕީއޭ އާއި އެފްއޭއެމުން ކުރި މަޝަވްރާތަކުގައި، ފުރަތަމަ ޑިވިޝަންގެ ކުލަބުތަކަށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ދިނުމަށް ނިންމީ މިމަހު ކުރީ ކޮޅު އެވެ. އެފްއޭއެމުން ވަނީ ފުރަތަމަ ޑިވިޝަންގެ ކުލަބުތަކަށް ހުއްދަ ހޯދުމަށް އެޗްޕީއޭގެ އިތުރުން ފުލުހުންނާއި ޔޫތު ސްޕޯޓްސް މިނިސްޓްރީއާއެކު ގިނަ މަޝްވަރާތަކެއް ކޮށްފަ އެވެ. ކުލަބުތަކަށް ޕްރެކްޓިސް ފެށުމުގެ ހުއްދަ ދިނުމާ ބެހޭގޮތުން އެފްއޭއެމުން ވަނީ މިއަހަރު މިހާތަނަށް ދެ މަރުހަލާއެއްގައި މުއައްސަސާތަކާއެކު މަޝްވާރާ ކޮށްފަ އެވެ.

އެންމެ ފުރަތަމަ މަރުހަލާއަކީ، އޭއެފްސީ ކަޕްގައި ރާއްޖެއިން ވާދަ ކުރާ ދެ ޓީމަށް ޕްރެކްޓިސް ފެށުމުގެ ހުއްދަ ދިނުމަށެވެ. އޭރުވެސް އެންމެ ފުރަތަމަ ޕްރެކްޓިސް ފެށީ މާޒިޔާއިންނެވެ. ކުރިން ހަމަޖެހިފައިއޮތީ، މި މަހު އޭއެފްސީ ކަޕް ފެށުމަށެވެ. އެހެންނަމަވެސް އޭއެފްސީ ކަޕް ކުޅޭ ގައުމުތަކުގެ ކޮވިޑް-19 ގެ ހާލަތު ގޯސްކޮށް އޮތުމުން އޭއެފްސީން މިދިޔަ މަހު ވަނީ އެ މުބާރާތް ކެންސަލް ކޮށްފަ އެވެ.