ހަބަރު

ޝިރުމީނާ ރަހީނުކޮށްގެން ފައިސާ ފޭރުނު: އާއިލާ

މިދިޔަ މަހުގެ 31 ވަނަ ދުވަހުންފެށިގެން ގެއްލިގެން ހޯދަމުން ދިޔަ ޝިރުމީނާ އަބޫބަކުރު ރަހީނުކޮށް ގިނަ އަދަދެއްގެ ފައިސާ ފޭރިގަނެފައިވާ ކަމަށް އާއިލާއިން ބުނެފި އެެވެ.

އާއިލާއިން ވާހަކަ ދެއްކި މީހަކު ބުނީ ޝިރުމީނާ އެންމެ ފަހުން ގެއިން ނިކުމެގެން ދިޔައީ އޭނާގެ ފިހާރައަށް މުދާ ގަތުމަށް ކަމަށާއި އަދި އެއްބައި މުދާ ގަތުމަށްފަހު ކޯއްޗެއްތޯ މަދުވަނީ ބަލަން އޭނާ ގުޅިކަމަށެވެ. ނަމަވެސް އޭގެ ފަހުން އޭނާގެ ހަބަރެއް ވެފައިނުވާ ކަމަށް އާއިލާއިން މައުލޫމާތު ދިން މީހާ ބުންޏެވެ.

އޭނާ ހޯދާތާ 24 ގަޑިއިރަށްވުރެ ގިނަ އިރު ވީފަހުން އޭނަ ފެނުނީ ދިރިއުޅޭ ގެކައިރިން ހިނގާފައި ގެއަށް ވަންނަން އަންނިކޮށް ކަމަށާއި އޭނާ އަށް ބަޔަކު އަނިޔާކޮށްފައިވާ ކަމަށްވެސް އާއިލާއިން ވަނީ ބުނެފަ އެވެ. އެގޮތުން އޭނާގެ މޫނުމަތީގައި ތަޅާފައި ހުރި ތަންތަން ހުރި ކަމަށާއި އަދި އުނަގަނޑަށްވެސް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާތީ ހިނގަންވެސް އުދަނގޫ ކަމަށް އާއިލާއިން ވާހަކަ ދެއްކި މީހާ ވަނީ ބުނެފަ އެވެ.

ޝިރުމީނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުންދާއިރު ހާދިސާ ސީދާ ހިނގައިދިޔަގޮތް އޭނާ އަށް ކިޔައިދޭން އަދި އުދަނގޫ ކަމަށް ވެސް އާއިލާއިން ބުންޏެވެ. އަދި ރަހީނު ކޮށްގެން ގެންދިޔައީ ކޮންބައެއް ކަމާއި ކޮންތާކަށް ކަންވެސް ކިޔައިދޭން ނޭނގޭ ކަމަށް ބުންޏެވެ.

ޝިރުމީނާ ސަލާމަތްވީ ގިނަ އަދަދެއްގެ ފައިސާ އެމީހުންނަށް ދިނުމުން ކަމަށާއި އެގޮތުން 20،000 ރުފިޔާ އާއި 25،000 ރުފިޔާ އާއި ދެމެދުގެ އަދަދަކަށް އެމީހުން ފައިސާ އަތުލާފައިވާ ކަމަށް ވެސް ބުންޏެވެ. އަދި ފައިސާ ނުދީފިނަމަ މަރާލާނެ ކަމުގެ އިންޒާރުދީ އަނިޔާކޮށްފައިވާ ކަމަށް ޝިރުމީނާ ކިޔައިދީފައިވާ ކަމަށް އާއިލާއިން ވާހަކަ ދެއްކި މީހާ ވަނީ ބުނެފަ އެވެ.

ރ. ކިނޮޅަހަށް ނިސްބަތްވާ ޝިރުމީނާ އަކީ މާލޭގައި އޭނާގެ އާއިލާއާއެކު އަމިއްލަ ވިޔަފާރިއެއް ފަށައިގެން އުޅޭ މީހެކެވެ. އޭނާ އަކީ މިހާތަނަށް އެއްވެސް ކައިވެންޏެއް ކޮށްފައި ނުވާ މީހެކެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.