ރަހީނު ކުރުން

ޝިރުމީނާ ދޫކޮށްލައިފި، ހާލު ރަނގަޅު

ރަހީނުކޮށް އަނިޔާ ކުރި ރ. ކިނޮޅަސް / ލަގުޒަރީ، ޝިރުމީނާ އަބޫބަކުރަށް ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލުން ގެއަށް ދޫކޮށްލައިފި އެވެ.

އާއިލާއިން އަވަސް އާ ވާހަކަ ދައްކަމުން ޝިރުމީނާގެ ބޭބެ ބުނި ގޮތުގައި ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު އިރު މޫނުމައްޗާއި ހަށިގަނޑުގެ އެކި ތަންތަނުގައި ޒަހަމްތަކެއް ހުއްޓެވެ. ރަނގަޅަށް ނުވެސް ހިނގެ އެވެ.

މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ފިހާރައަކަށް މުދާ ގަންނަން ޝިރުމީނާ ދިޔަ ފަހުން އޭނާގެ ހަބަރެއް ނުވެގެން އާއިލާ އާއި ފުލުހުން ގެންދިޔައީ އޭނާ ހޯދަމުންނެވެ. އޭގެ 24 ގަޑިއިރު ފަހުން އޭނާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ސިޑި ކައިރިއަށް ވެއްޓިފައި އޮއްވަ އެވެ. ފެނުނު އިރު އަނިޔާކޮށް ކަޓަރު އެޅުމުގެ ސަބަބުން ވެފައި ހުރި ޒަހަމަތަކެއް ހުއްޓެވެ. އޭގެ ފަހުން އޭނާއަށް އައިޖީއެމްއެޗުގައި ފަރުވާ ދޭން ފެށި އެވެ.

އާއިލާއިން މިއަދު ބުނީ މިހާރު ޝިރުމީނާގެ ހާލު ރަނގަޅު ކަމަށާއި ހޮސްޕިޓަލުން ގެއަށް ދޫކޮށްފައިވާ ކަމަށެވެ.

"ހާލު ރަނގަޅު. އެކަމަކު ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފަ ހުރީމަ. އަދި އެކަމުން އަރައިގަންނަން ވަގުތު ނަގާނެ." އޭނާ ބުންޏެވެ.

ޝިރުމީނާ ރަހީނު ކޮށް އޭނާގެ އަތުން 25،000 ރުފިޔާ ފޭރިގެންފައިވާ ކަމަށްވެސް އާއިލާއިން އޭނާއާ ހަވާލާދީ ވަނީ ބުނެފަ އެވެ.

އެމައްސަލަ ފުލުހުން ތަހްގީގު ކުރަމުން އަންނަ އިރު ޝިރުމީނާ ރަހީނު ކުރި ކަމުގެ ތުހުމަތުގައި 31 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފަ އެވެ.