ވިޔަފާރި

ބޯހޯލް ތޮރުފައިގެން ތެޔޮ ހޯދާ ބޯޓު ރާއްޖެ އަތުވެއްޖެ

ރާއްޖެއިން ތެޔޮ ހޯދުމަށް ކުރާ މަސައްކަތުގެ ދެވަނަ މަރުހަލާ ކުރިއަށް ގެންދަން ބޯހޯލް ތޮރުފައިގެން ތެޔޮ ހޯދާ ބޯޓު މިއަދު ހެނދުނު ރާއްޖެ އަތުވެއްޖެ އެވެ.

"އަވަސް" އަށް އިއްޔެ ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ، އިންޑިއަން އޯޝަން ޑްރިލިން ޕްރޮގްރާމްގެ ދަށުން ކަމާ ގުޅޭ އެކްސްޕާޓުންނާއެކު ބޯޓުން ކުރާނެ މައިގަނޑު ދިރާސާ އަކީ މީގެ ކުރިން ކުރި އެކި ދިރާސާތަކުގައި ތެޔޮ ނޫނީ ގޭސް ހުރި ކަމަށް ދައްކާފައި ހުރި ސަރަހައްދުތަކުގައި ބޯހޯލް ތޮރުފައިގެން ސާމަޕްލަތްތަކެއް ނަގައި އެތަކެތި ދިރާސާ ކުރުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އީއައިއޭ ވެސް ހަދައިގެން އެ ބޯޓުން ބޯ ހޯލް ތޮރުފާނީ ބ. ގޮއިދޫގެ އެތެރެވަރިން ދެ ތިން ތަނެއްގައި ކަމަށެވެ. އެއީ މީގެ އަަހަރެއްހާ ދުވަސް ކުރިން ރާއްޖެ އައި ޖަރުމަނުގެ ރިސާޗް ބޯޓު ސޮންނޭ އިން ހެދި 3ޑީ ސެސިމިކް ސާވޭ އިން ތެޔޮ ނޫނީ ގޭސް ހުރި ކަމުގެ ސިފަތައް އެންމެ ބޮޑަށް ފެނިފައިވާ އެއް ސަރަހައްދެވެ.

އެބޯޓުން ރާއްޖޭގައި ގާތްގަނޑަކަށް 15 ދުވަސް ހޭދަ ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެންމެ ފުރަތަމަ ތޮރުފާ ބޯހޯލްތަކަށް ބެލުމަށް ފަހު ފަހުން އެހެން ބޯ ހޯލްތަކެއް ތޮރުފަން ޖެހިދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.