ވިޔަފާރި

ތެޔޮ ހޯދުމުގެ މަސައްކަތުގެ ނަތީޖާ ލިބެން ހަމަސް ނަގާނެ: ޝައިނީ

  • ބޯހޯލް ތޮރުފަމުންދަނީ ބ. ގޮއިދޫ ކައިރީގައި
  • މަސައްކަތް ކުރަނީ އިންޑިއަން އޯޝަން ޑްރިލިން ޕްރޮގްރާމުން
  • މިހާރު ކުރަނީ ތެޔޮ ހޯދުމުގެ ފަހު މަރުހަލާގެ މަސައްކަތް

ބޯހޯލް ތޮރުފައިގެން ތެޔޮ ހޯދަން މިހާރު ކުރަމުން ގެންދާ މަސައްކަތުގެ ނަތީޖާ ހަމަސް ދުވަހާއި 12 މަސް ދުވަހުގެ ތެރޭގައި ލިބޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު މިއަދު ވިދާޅުވީ ބ. ގޮއިދޫގެ އެތެރެވަރިން ދެ ތިން ތަނެއް ތޮރުފައިގެން ތެޔޮ ހޯދުމަށް މިހާރު ކުރަމުން ގެންދާ މަސައްކަތް އަންނަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.

"މިހާރު ކުރަމުން ގެންދާ މަސައްކަތުގެ ރިޕޯޓެއް އެ ބޭފުޅުން ދިއުމުގެ ކުރިން ލިބޭނެ. ނަމަވެސް އެ ސަރަހައްދު ނެގި އެއްޗިހިތަކުގެ ނޫނީ ތޮރުފާ ތަނުގެ އަޑިން ލިބޭ ސާމްޕަލްތަކުގެ ނަތީޖާ އާއްމުންނާ ހަމައަށް ފޯރުކޮށްދޭނެ ހަ މަސް ދުވަހާއި 12 މަސް ވަރު ނަގާނެ،" ޝައިނީ ވިދާޅުވި އެވެ.

މިނިސްޓަރު ޝައިނީ ކުރިން ވިދާޅުވި ގޮތުގައި އިންޑިއަން އޯޝަން ޑްރިލިން ޕްރޮގްރާމްގެ ދަށުން ކަމާ ގުޅޭ އެކްސްޕާޓުންނާއެކު ރާއްޖެ އަންނަ ބޯޓުން ކުރާނެ މައިގަނޑު ދިރާސާ އަކީ މީގެ ކުރިން ކުރި އެކި ދިރާސާތަކުގައި ތެޔޮ ނޫނީ ގޭސް ހުރި ކަމަށް ދައްކާފައި ހުރި ސަރަހައްދުތަކުގައި ބޯހޯލް ތޮރުފައިގެން ސާމަޕްލަތްތަކެއް ނަގައި އެތަކެތި ދިރާސާ ކުރުމެވެ.

އަދި ތެޔޮ ހޯދުމުގެ އެންމެ ފަހު މަރުހަލާގެ ކަންކަން ކުރުމަށް ޓަކައި ކުންފުންޏަކާ އެ މަސައްކަތް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށާއ، މިއަހަރު ނިމުމުގެ ކުރިން ކުންފުންޏަކާ އެކަން ހަވާލު ކުރެވޭ ވަރު ވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

އޭގެ ތެރެއިން އެއް ކުންފުންޏަކީ އިންގިރޭސިވިލާތުގެ ޒެބްރާ އެވެ. އަނެއް ކުންފުންޏަކީ ފްރާންސްގެ ކުންފުނި ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.