ޝިރުމީނާ އަބޫބަކުރު ރަހީނު ކުރި މައްސަލާގައި މީހަކު ހައްޔަރު ކޮށްފި އެވެ.
މިދިޔަ މަހުގެ 31 ވަނަ ދުވަހުންފެށިގެން ގެއްލިގެން ހޯދަމުން ދިޔަ ޝިރުމީނާ ރަހީނުކޮށް ގިނަ އަދަދެއްގެ ފައިސާ ފޭރިގަނެފައިވާ ކަމަށް އާއިލާއިން ބުނެއެވެ.
ފުލުހުން ބުނީ އޭނާ ރަހީނު ކުރި ކަމުގެ މައްސަލާގައި މިއަދު ކޯޓު އަމުރެއްގެ ދަށުން 31 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ. ފުލުހުން ބުނީ މި މައްސަލައިގެ ތަހްގީގު ކުރިއަށްދާ ކަމަށެވެ.
އާއިލާއިން ވާހަކަ ދެއްކި މީހަކު ބުނީ ޝިރުމީނާ އެންމެ ފަހުން ގެއިން ނިކުމެގެން ދިޔައީ އޭނާގެ ފިހާރައަށް މުދާ ގަތުމަށް ކަމަށާއި އަދި އެއްބައި މުދާ ގަތުމަށްފަހު ކޯއްޗެއްތޯ މަދުވަނީ ބަލަން އޭނާ ގުޅިކަމަށެވެ. ނަމަވެސް އޭގެ ފަހުން އޭނާގެ ހަބަރެއް ވެފައިނުވާ ކަމަށް އާއިލާއިން މައުލޫމާތު ދިން މީހާ ބުންޏެވެ.
އޭނާ ހޯދާތާ 24 ގަޑިއިރަށްވުރެ ގިނަ އިރު ވީފަހުން އޭނަ ފެނުނީ ދިރިއުޅޭ ގެކައިރިން ހިނގާފައި ގެއަށް ވަންނަން އަންނިކޮށް ކަމަށާއި އޭނާ އަށް ބަޔަކު އަނިޔާކޮށްފައިވާ ކަމަށްވެސް އާއިލާއިން ވަނީ ބުނެފަ އެވެ. އެގޮތުން އޭނާގެ މޫނުމަތީގައި ތަޅާފައި ހުރި ތަންތަން ހުރި ކަމަށާއި އަދި އުނަގަނޑަށްވެސް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާތީ ހިނގަންވެސް އުދަނގޫ ކަމަށް އާއިލާއިން ވާހަކަ ދެއްކި މީހާ ވަނީ ބުނެފަ އެވެ.
ޝިރުމީނާ ސަލާމަތްވީ ގިނަ އަދަދެއްގެ ފައިސާ އެމީހުންނަށް ދިނުމުން ކަމަށާއި އެގޮތުން 20،000 ރުފިޔާ އާއި 25،000 ރުފިޔާ އާއި ދެމެދުގެ އަދަދަކަށް އެމީހުން ފައިސާ އަތުލާފައިވާ ކަމަށް ވެސް ބުންޏެވެ. އަދި ފައިސާ ނުދީފިނަމަ މަރާލާނެ ކަމުގެ އިންޒާރުދީ އަނިޔާކޮށްފައިވާ ކަމަށް ޝިރުމީނާ ކިޔައިދީފައިވާ ކަމަށް އާއިލާއިން ވާހަކަ ދެއްކި މީހާ ވަނީ ބުނެފަ އެވެ.
ޝިރުމީނާ އަށް އަދިވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.