ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ނަންބަރު މައްޗަށް ދިއުމުގެ ބިރު

ކޮވިޑްގެ ބަލިމަޑުކަމުގައި ދިވެހިން ހޭދަކުރާތާ 8 މަސް ދުވަސްވީއެވެ. މިދިޔަ 238 ދުވަހުގެ ތެރޭގައި 11,796 މީހުންނަށް ރާއްޖެއިން ކޮވިޑް ބަލި ޖެހިއްޖެ އެވެ. އޭގެ ތެރެއިން 7،500 މީހުންނަކީ ދިވެހިންނެވެ. މި މުއްދަތުގައި 38 މީހަކު ކޮވިޑްގައި މަރުވެއްޖެ އެވެ. އެއީ 31 ދިވެހިންނާއި ހަތް ބިދޭސީންނެވެ.

ކޮވިޑާއެކު ހޭދަކުރި ދުވަސްތަކުގައި ރާއްޖޭގެ ހާލަތު އެންމެ ގޯސްވީ އޮގަސްޓް މަހުގެ ތެރޭގައެވެ. އެ މަހު އެކަނިވެސް 3،900 މީހުން ބަލިވިއެވެ. 12 މީހަކު މަރުވިއެވެ. ކޮވިޑުން ރައްކާތެރިވުމަށް އެ ދުވަސްވަރެއްގެ ހާލަތާ ގުޅޭގޮތުން ހަރުކަށި ފިޔަވަޅުތައް އެޅިއެވެ. މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލިއެވެ. އޭގެ ފަހުން މިސްކިތްތައް ބަންދުވެސް ކުރިއެވެ. އެ ރަށުން އަނެއް ރަށަށް ދަތުރުކުރުން މުޅީން މަނާކުރިއެވެ. ރާއްޖޭގެ ބޯޑަރު ބަންދުކޮށް އިގްތިސާދުގެ މައި އިންޖީނު ކަމަށްވާ ޓޫރިޒަމް ވަގުތީ ގޮތުން ހުއްޓާލިއެވެ.

މާލެ ސިޓީގައި ކާފިއު ހިންގާން ފެށިއެވެ. ހޮޓާ، ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަތަކާއި އާންމު ހިދުމަތްދޭ ތަންތަނުގެ ހިދުމަތް ހުއްޓުމަކަށް ގެނައެވެ. މިފަދަ އެތަށް ފިޔަވަޅުތަކެއް އެޅިއެވެ. އެ ފިޔަވަޅުތަކާއެކު އާންމު ދިރިއުޅުމަށް ބުރޫއެރިއެވެ. ކިތަންމެ ކިތަންމެ ކަމަކުން މަހުރޫމްވެގެން ތިބެން ޖެހުނެވެ. އެތަށް ދަތިތަކެއް ކުރިމަތިވިއެވެ. އުފާވެރި، ހަރަކާތްތެރި ދިރިއުޅުން މުޅިން ބަދަލުވިއެވެ. މިހެން ގޮސް ކިތަންމެ ކިތަންމެ ކަމެކެވެ.

ކޮވިޑްގައި ހޭދަކުރި އެންމެ އުނދަގޫ ދުވަސްތައް މާޒީގެތެރެއަށް ދޫކޮށް މިހާރު މި ތިބީ އަމާން ކަމުގެ އައްސޭރިއަށް ދިއުމުގެ މަގުމަތީގައެވެ. ނަމަވެސް އަދިވެސް ދަތުރު އޮތީ ކުރިއަށެވެ. ކޮވިޑަށް ވެކްސިނެއް ލިބި އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދެވިގެން ނޫނީ އަމާން ކަމުގެ އައްސޭރިއަކަށް ނުދެވޭނެއެވެ. ނަމަވެސް ހާލަތު ގޯސްނުވެ ހިފެެހެއްޓުމުގެ ފުރުސަތު އެބައޮތެވެ. ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް އަމަލުކޮށްފިނަމަ ހާލަތު ގޯސްނުވެ ހިފެެހެއްޓޭނެއެވެ. އޭރުން ކުރިން ތަޖުރިބާކުރި އުނދަގޫ ދުވަސްތަކަށް ނުގޮސް ތިބެވޭނެއެވެ.

ކޮވިޑް ނަންބަރު މައްޗަށް

މިދިޔަ ތިން ދުވަހަކީ ކޮވިޑްގެ ނަންބަރު ތަންކޮޅެއް މައްޗަށް އުފުލުނު ތިން ދުވަހެވެ. އިއްޔެ 59 މީހުންނެވެ. އޭގެ ކުރީ ދުވަހު 36 މީހުން އަދި އޭގެ ކުރީ ދުވަހު 42 މީހުންނެވެ. މި އަދަދަށް ކޮވިޑް ނަންބަރު އުފުލުނީ ފަންސަވީހުން ދަށުގައި ނަންބަރުތައް ހިފެހެއްޓިފައިވާތާ ހަފްތާއެއްހާ ދުވަސް ފަހުންނެވެ.

މި ދެތިން ދުވަހު ނަންބަރު މަތިވުމުގައި ރިސޯޓަކުން ގިނަ އަދަދެއްގެ މުވައްޒިފުން ޕޮޒިޓިވްވުން ހިމެނެއެވެ. ނަމަވެސް މާލެއިން ޕޮޒިޓިވްވާ ނިސްބަތްވެސް އެހާ ދަށެއް ނޫނެވެ. ނަންބަރުތައް އުފުލިގެން ދިއުމަކީ އެޗްޕީއޭގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެ ކަންބޮޑުވުން އެ ސެންޓަރުން ބާއްވާ ނޫސްވެރިންގެ ބައްދަލްވުންތަކުގައި ތަކުރާރުކޮށް ދަނީ ފާހަގަ ކުރަމުންނެވެ.

ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވި ގޮތުގައި އާންމުންގެ ބައެއް މީހުންގެ ފަރާތުން ފެންނަ މަންޒަރުތަކުން ކޮވިޑް ނެތް ކަމުގެ އިހުސާސް ބައެއް މީހުންނަށް ކުރެވެއެވެ. ނަމަވެސް އެއީ އެކަން އޮތް ގޮތެއް ނޫނެވެ. މިއީ ހުރިހާ ފިޔަވަޅުތައް ދޫކޮށް އާންމު ހާލަތަށް ދެވެން އޮތް ވަގުތެއް ނޫނެވެ.

ނަޒްލާ އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރީ މާސްކު އެޅުމަށް ފަރުވާ ކުޑަވަމުން ދިއުމެވެ. އަދި ގިނަ ބަޔަކު ބައިވެރިވެގެން ކުޅޭ ކުޅިވަރުތަކުގައި މީހުން އުޅޭ ތަން ފެނުމެވެ. ގިނަ ބަޔަކު އެކުގައި ކަސްރަތު ކުރަން އުޅުމެވެ. މިއީ ކޮވިޑް ބަލި އަލުން ފެތުރިދާނެ ފަދަ ކަންކަމެވެ.

"ބައެއް ކުޅިވަރު ކުޅޭ ތަންތަނުގައިވެސް މާސްކު އެޅުމެއްނެތި ފަސް މީހުންނަށްވުރެވެސް ގިނަ މީހުން ކޮންޓެކްޓް ސްޕޯޓް ކުޅޭ ތަން މިހާރަކަށް އައިސް ދަނީ ފެންނަމުން. ނަމަވެސް އަޅުގަނޑު ހަނދާންކޮށްލަ ދޭން ބޭނުންވޭ އަދިވެސް އަޅުގަނޑުމެންގެ ގައިޑްލައިން ބުނާ ގޮތުން ފަސް މީހުންނަށްވުރެ ގިނަ މީހުންނަށް އެއްވެ ނޫޅެވޭނެ،" ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވި ގޮތުގައި ކޮވިޑް ބަލިން ރައްކާތެރިވުމަށް އެޅި ބައެއް ފިޔަވަޅުތަކަށް ލުއި ނުދޭތީ ބައެއް މީހުން އެ ވާހަކަ ދައްކައެވެ. ނަމަވެސް މިއީ ހުރިހާ ފިޔަވަޅުތައް ދޫކޮށްލެވޭނެ ވަގުތެއް ނޫނެވެ. ފިޔަވަޅުތައް ބަދަލު ގެނެސް ބައެއް ފިޔަވަޅުތައް ދޫކޮށްލަނީ މަޑުމަޑުންނެވެ. ދުނިޔޭގެ އެހެން ގައުމުތަކަށް ވެފައި ވާ ގޮތުން ފިޔަވަޅުތައް ކުއްލިއަކަށް ދޫކޮށްލުމަކީ މުޖްތަމައުއަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ.

އޭނާ ފާހަގަ ކުރެއްވީ ދުނިޔޭގެ ބައެއް ބޮޑެތި ގައުމުތައް އަލުން ލޮކްޑައުން ކުރަމުންދާ ދިއުމެވެ. ހާލަތު ގޯސްވެއްޖެނަމަ ލޮކްޑައުން ކުރުން ނޫން ގޮތެއް ނެތެވެ. އެހެންވީމަ އެ ހާލަތަށް ނުދިއުމަށް މިހާރު ހުރި ފިޔަވަޅުތަކުގައި ގަދައަށް ހިފަހައްޓަން ޖެހެއެެވެ.

"އަދިވެސް ފުދޭ ވަރަކަށް ދުވަސް އެބައޮތް ކަންނޭގެ މި ބައްޔާއެކު އުޅެންޖެހޭ. ވެކްސިނެއް އައިސް އާބާދީ ބޮޑު ބަޔަކަށް މި ވެކްސިން ދިނުމުން ނޫނީ މި ބަލިން މުޅިން ސަލާމަތްވީ ކަމަށް ނުބެލެވޭނެ،"

ކޮވިޑްގެ ނަންބަރު ބޮޑުތަނުން އުފުލި އަލުން ނުރައްކާތެރި ހާލަތަށް ނުގޮސް ހިފެހެއްޓުމުގެ ފުރިހަމަ އިހުތިޔާރު ރައްޔިތުންގެ އަތްމަތީގައި އެބައޮތެވެ. އެކަން ކުރެވޭނީ އެޗްޕީއޭގެ ގައިޑްލައިންތަކަށް ތަބާވެގެންނެވެ. ބޭރަށް ނިކުންނައިރު މާސްކް އަޅާ ސާފުތާހިރު ކަމަށް އިސްކަންދީގެންނެވެ. ގައިދުރު ކަމަށް ހާއްސަ އިސްކަމެއް ދީގެންނެވެ. މިއީ އާންމު ރައްޔިތުންގެ ހިތްވަރު ދައްކަންވީ ވަގުތެވެ. ގައިޑްލައިންތައް ފޮލޯކޮށް ކޮވިޑްބަލިން ރައްކާތެރިވެ އަމާން އައްސޭރިއަކަށް ދަތުރުކުރެވޭތޯ މަސައްކަތް ކުރަންވީ ވަގުތެވެ.