ބޮލީވުޑް

ސުޝާންތުގެ މަރާއި ދައްތަމެން ދިން ބޭސްތަކަކާ ގުޅުވައިފި

ސުޝާންތު ސިންގް ރާޖްޕޫތުގެ މަރާ ގުޅިގެން މުމްބައި ހައިކޯޓުގައި މިހާރު ހިނގަމުންދާ ޝަރީއަތުގައި މުމްބައި ފުލުހުން ހޯމަ ދުވަހު ވަރަށް ތަފާތު ވާހަކަތަކެއް ދައްކައިފި އެވެ. މުމްބައި ފުލުހުން ކޯޓުގައި ބުނީ ސުޝާންތުގެ ދެ ދައްތަ ކަމަށްވާ ޕްރިޔަންކާ ސިންގް އާއި މީތޫ ސިންގް އާ އާ ދެކޮޅަށް އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަތީ ހުށަހެޅި ޝަކުވާއާ ގުޅިގެން އެ ދެ މީހުންގެ މައްސަލަ ބަލަން އެފްއައިއާރެއް ފައިލް ކުރުމަށް އެމީހުންނަށް ވަނީ މަޖްބޫރު ވެފަ އެވެ.

ސުޝާންތުގެ ދެ ދައްތަ އިން ވަނީ ރިއާ ހުށަހެޅި ޝަކުވާ ނުބެލުމަށް އެދި ޕެޓިޝަނެއް ހުށަހަޅާފަ އެވެ. ނަމަވެސް މުމްބައި ފުލުހުން ކޯޓަށް ހުށަހެޅި އެފްޑެވިޓްގައި ބުނެފައިވަނީ ބުނަނީ ޝަކުވާ ނުބަލަން ސުޝާންތުގެ ދައްތަމެން ހުށަހެޅި ޕެޓިޝަން ގަބޫލު ނުކުރުމަށެވެ.

މި އެފްޑެވިޓް ބުނާ ގޮތުން ސުޝާންތުގެ ދެ ދައްތަ ވަނީ ދިއްލީގައި ހުރި ޑޮކްޓަރެއް ލައްވާ ފޭކް ބޭސް ސިޓީއެއް ލިޔުއްވައިގެން އެންޒައިޓީ ހުންނަ މީހުންނަށް ޑޮކްޓަރުން ލިޔެދޭ ބޭސްތަކެއް ހޯދާ ސުޝާންތަށް އެ ބޭސްތައް ކާން ދީފަ އެވެ. އަދި ސުޝާންތު، 34، މަރުވުމުގައި އެ ބޭސްތައް ކެއުމުން އޭނާއަށް ނަފްސާނީ ގޮތުން ލިބުނު އިތުރު އުނދަގޫތަކަކާ ގުޅުންތަކެއް ހުރި ކަމަށެވެ.

ސުޝާންތު ޑޮކްޓަރަކަށް ދައްކައިގެން އޭނާއަށް ވެގެން އުޅޭ ގޮތެއް ބެލުމަކާ ނުލައި ސައިކޯޓްރޮޕިކް ސަބްސްޓެންސްތަކެއް އެކުލެވޭ ފޭކް ބޭސް ސިޓީ އެއް ޑޮކްޓަރެއް ލައްވާ ލިޔުއްވައިގެން އެ ބޭސްތައް ސުޝާންތަށް ކާން ދިނުމާއި އޭނާ އަމިއްލައަށް މަރުވި ސަބަބާއި މަރުވާން ގަސްތުކުރުމާއި ގުޅުންތަކެއް ވާކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެހެންވެ ސުޝާންތުގެ ދައްތައިންގެ މައްސަލަ ބަލަން އެމީހުންނަށް މަޖްބޫރުވެފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

ސުޝާންތު މަރުވުމުގެ ހަ ދުވަސް ކުރިން އޭނާގެ ދައްތަމެން އޭނާއަށް އެ ބޭސްތައް ކާން ދޭން ފަށާފައި ވެއެވެ. ސުޝާންތަށް ދީފައިވާ ނާކޮޓިކްސް އެންޑް ސައިކޮޓްރޮޕިކް ސަބްސްޓެންސް ތަކަކީ މަނާ ބޭސް ތަކެކެވެ.
ސުޝާންތާއި އޭނާގެ ދައްތަ ޕްރިޔަންކާ އާ ދެމެދު ވަޓްސްއަޕުން ބަދަލުކޮށްފައިވާ މެސެޖުތަކެއްގައި ސުޝާންތުގެ ދައްތަ ވަނީ ލިބިރިއަމް، މެކްޒީޓޯ އަދި ލޮނަޒެޕް ކިޔާ ބޭސް ތަކެއް ކެއުމަށް ނަސޭހަތްތެރިވެފަ އެވެ. އެއީ އެންގްޒައިޓީ އާއި ޑިޕްރެޝަން އަށް ކާ ބޭސް ތަކެކެވެ.

މުމްބައި ފުލުހުންގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ސުޝާންތަށް ބޭސް ސިޓީ ލިޔެދިން ޑރ. ތަރުން ކުމާރަށް ސުޝާންތު ނަފްސާނީ ގޮތުން ހުރި ހާލެއް އެއްގޮތަކަށް ވެސް ނޭނގެ އެވެ. އޭނާ ބޭސް ސިޓީ ލިޔެދީފައިވަނީ އެއްވެސް ވަރަކަށް ބަލިމީހާގެ ހާލަތު ބެލުމެއް ނެތި އެވެ.

"އިރާދަފުޅުން ދިމާވި ވަރަށް އަޖައިބު އިއްތިފާގެކޭ،" ޑޮކްޓަރު ބުންޏެވެ.