ވޮޝިންގްޓަން (ނޮވެމްބަރު 4) - އެމެރިކާގެ ރިޔާސީ އިންތިހާބުގައި މިހާރު ވޯޓުލުން ބަންދުކޮށްފައިވާއިރު، މިހާރު އަންނަމުންދާ ނަތީޖާތަކަށް ބަލާއިރު، ދެ ކެންޑިޓޭޓުންގެ މެދުގައި މާ ބޮޑު ތަފާތެއް އަދި ފެންނަންނެތް ނަމަވެސް، އިންތިހާބު ކާމިޔާބުވެއްޖެކަމުގެ އިޝާރާތްތައް ދެ ބޭފުޅުންވެސް ދެއްވައިފި އެވެ.
ދެވަނަ ދައުރެއް ހޯއްދަވަން މަސައްކަތްކުރައްވައި، މިހާރުގެ ރައީސް އަދި ރިޕަބްލިކަން ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް އަދި އުޅުއްވަނީ ކުރީގެ ނައިބު ރައީސް އަދި ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަންއަށް ވުރެ ފަހަތުގައި އެވެ.
މިހާރު ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު، އިލެކްޓޯރަލް ކޮލެޖުތަކުގެ ޖުމްލަ 538 ވޯޓުގެ ތެރެއިން ބައިޑަން ވަނީ މިހާތަނަށް 224 ކާމިޔާބު ކުރައްވައިފަ އެވެ. އަދި މީގެ ކުޑައިރިކޮޅެއް ކުރިން ސަތޭކަ އެއްހާ ކޮލެޖު ވޯޓު ފަހަތުގައި އޮންނެވި ޓްރަމްޕް މިހާރު ވަނީ ކުއްލިއަކަށް އަރައި 213 ކޮލެޖު ވޯޓު ހޯއްދަވައިފަ އެވެ.
ވައިޓް ހައުސް އަށް ވަޑައިގަންނަވާ ކެންޑިޑޭޓަކު މަދުވެގެން 270 އިލެކްޓޯރަލް ކޮލެޖް ވޯޓު ހޯއްދަވަން ޖެހޭނެ އެވެ.
މިގޮތުން، އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ދެވަނަ އަށް އެންމެ ގިނަ ކޮލެޖު ވޯޓު އޮންނަ ޓެކްސަސް މިފަހަރުވެސް ޓްރަމްޕް ކާމިޔާބު ކުރެއްވުމެވެ. އެ ސްޓޭޓުން ލިބޭ 38 ކޮލެޖު ވޯޓު ހޯއްދަވަން ބައިޑެން ވަރުގަދަ ކެމްޕޭނެއް ކުރެއްވި ނަމަވެސް، މިފަހަރުވެސް އެ ސްޓޭޓުގެ ތާއީދު ވަނީ ރިޕަބްލިކަން ޕާޓީއަށް ދީފައި އެވެ.
މީގެ ކުޑަވަގުތު ކޮޅެއް ކުރިން، ބައިޑެން ވަނީ ޑެލަވެއާ ގައި އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައިފަ އެވެ. އަދި މިހާރު ދަތުރުކުރަމުންދަނީ އިންތިހާބު ކާމިޔާބު ކުރުމުގެ މިސްރާބަށް ކަމަށް، ބައިޑެން ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް، ނަތީޖާ ކަށަވަރު ވާނީ، ހުރިހާ ވޯޓެއް ގުނާ ނިމުމުންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޓްރަމްޕް މިރޭގެ ވަގުތެއްގައި އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު، އެމަނިކުފާނުވެސް ވަނީ އެކަން އިއުލާނު ކުރައްވައި، "ބޮޑު ކާމިޔާބީ" އެއް ކަމަށް ވިދާޅުވެ ޓްވީޓެއް ކުރައްވައިފަ އެވެ.
ނަމަވެސް، އަދިވެސް ގިނަ ސްވިންގް ސްޓޭޓްސްތަކުގެ ނަތީޖާ ވަރަށް ހަމަހަމަކޮށް ފެންނާތީ، އެ ސްޓޭޓުތައް ކާމިޔާބު ކުރައްވާނެ ބޭފުޅެއް ބުނަން އަދި މާ އަވަހެވެ.