އެމެރިކާގެ ރިޔާސީ އިންތިހާބު 2020

ނަތީޖާ އޮޅުވާލަން ބޭރުގެ ބާރަކުން އުޅޭކަމުގެ ހެއްކެއް ނެތް

Nov 5, 2020

ވޮޝިންގްޓަން (ނޮވެމްބަރު 5) - އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލަން ބޭރުގެ ފަރާތަކުން މަސައްކަތް ކުރާކަމުގެ ހެއްކެއް ނެތް ކަމަށް ހޯމްލެންޑް ސެކިޔުރިޓީގެ ސައިބާ ޑިޕާޓްމަންޓްގެ ވެރިޔާ ވިދާޅުވެއްޖެ އެވެ.

ކްރިސްޓޮފާ ކްރެބްސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ބޭރުގެ ބާރަކުން އިންތިހާބުގައި ވޯޓުލުމަށް ހުރަސްއަޅައި، ނަތީޖާ އޮޅުވާލަން މަސައްކަތް ކުރާ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ.

ކްރެބްސް މިހެން ވިދާޅުވެފައިވަނީ، 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓިކް ކެންޑިޑޭޓް ހިލަރީ ކްލިންޓަނާ ދެކޮޅަށް ރަޝިއާ އިން އިސްވެ މަސައްކަތް ކުރި ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުން ބުނެފައިވަނިކޮށެވެ.

"އެކަމަކު ވޯޓު ގުނުމަށް ނުފޫޒު ފޯރުވަން ބޭރުގެ ބާރަކުން ނުފޫޒު ފޯރުވަން ކޮށްފާނެ މަސައްކަތަކަށް ފާރަވެރިވެ ތިބޭނަން،" ކްރެބްސްގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

އެމެރިކާގައި ފަހުގެ ތާރީހެއްގައި ފެނުނު އެންމެ ވާދަވެރި އިންތިހާބު ކާމިޔާބު ކުރުމާ ހަމައަށް ކުރީގެ ނައިބު ރައީސް އަދި ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަންއަށް މަޑުމަޑުން ގާތްވަމުން އަންނަ އިރު، އިންތިހާބާ މެދު މިހާރުގެ ރައީސް އަދި ރިޕަބްލިކަން ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް އުފައްދަވަމުން ގެންދަވާ ސުވާލުތައް ވަނީ އިތުރުވެފައި އެވެ.

ރައީސް ޓްރަމްޕް އިއްޔެ ވަނީ އިންތިހާބު ކާމިޔާބުވެއްޖެ ކަމަށް އިއުލާނު ކުރައްވައިފަ އެވެ. އަދި ނަތީޖާތައް ބައިޑަންގެ ކޮޅަށް ބުރަވެފައިވަނީ، ވޯޓު ގުނުމުގައި މަކަރު ހަދަމުންދާތީކަމަށް ތުހުމަތު ކުރައްވައި، ޓްރަމްޕް ވަނީ ސުޕްރީމް ކޯޓަށް ދާނެކަމުގެ އިންޒާރު ދެއްވައިފަ އެވެ.

މިގޮތުން، ޕެންސަލްވޭނިއާ، ވިސްކޮންސިން، ޖޯޖިއާ އަދި މިޝިގަންގައި ވޯޓު ގުނުން ހުއްޓުވަން ޓްރަމްޕްގެ ގާނޫނީ ޓީމުން ވަނީ މައްސަލަ ހުށަހަޅައިފަ އެވެ.

ޓްރަމްޕް ކަންބޮޑުވުންފާޅު ކުރަމުންދަނީ އިންތިހާބުގައި ރަސްމީކޮށް ވޯޓުލުމުގެ ކުރިން، ޕޯސްޓު މެދުވެރިކޮށް ލާފައިވާ ވޯޓުތަކާ މެދު އެވެ. ގިނަ ސްޓޭޓުތަކުގައި ނޮވެމްބަރު ތިން ވަނަ ދުވަހުގެ ކުރިން ޕޯސްޓުކޮށްފައިވާ ވޯޓުތައް، ވޯޓުލާ ނިމޭ ދުވަހުން ތިން ދުވަހުގެ މުއްދަތަށް ގުނުމަށް ނިންމާފައިވާއިރު، ޓްރަމްޕްގެ ޓީމުން މަސައްކަތް ކުރަނީ އެކަން ހުއްޓުވަމަށެވެ.

ނަމަވެސް، ވޯޓު ގުނުމުގައި މަކަރު ހަދާފައިވާކަމުގެ އެއްވެސް ހެއްކެއްނެތް ކަމަށް އިންތިހާބު މޮނިޓާ ކުރަމުންދާ ބައިނަލްއަގުވާމީ އޮބްޒާވަރުންވެސް ވަނީ ބުނެފަ އެވެ.

އެންމެ ފަހުގެ ނަތީޖާތައް ދައްކާގޮތުން، ބައިޑަން ވަނީ 243 ކޮލެޖު ވޯޓު ހޯއްދަވާފައިވާއިރު، ޓްރަމްޕަށް މިހާތަނަށް ކާމިޔާބުވެފައިވަނީ 214 ވޯޓެވެ. ނަމަވެސް، ބައެއް ސްވިންގް ސްޓޭޓްސްތަކުގައި އަދިވެސް ވޯޓު ގުނަމުންދާއިރު، އެ ނަތީޖާ ކޮންމެ އަތަކަށް އެނބުރިގެން ދިއުމުގެ ފުރުސަތު ބޮޑެވެ.