އެމެރިކާގެ ރިޔާސީ އިންތިހާބު 2020

އެމެރިކާ އިންތިހާބު: ބައިޑަން މަޑުމަޑުން ކާމިޔާބީއާ ގާތަށް

Nov 5, 2020

ވޮޝިންގްޓަން (ނޮވެމްބަރު 5) - އެމެރިކާގައި ފަހުގެ ތާރީހެއްގައި ފެނުނު އެންމެ ވާދަވެރި އިންތިހާބު ކާމިޔާބު ކުރުމާ ހަމައަށް ކުރީގެ ނައިބު ރައީސް އަދި ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަންއަށް މަޑުމަޑުން ގާތްވަމުން އަންނަ އިރު، އިންތިހާބާ މެދު މިހާރުގެ ރައީސް އަދި ރިޕަބްލިކަން ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް އުފައްދަވަމުން ގެންދަވާ ސުވާލުތައް އިތުރުވާން ފަށައިފި އެވެ.

ދެ ކެންޑިޑޭޓުންގެ މެދުގައި ވާދަވެރިކަން ބޮޑުކަމުން، އިންތިހާބު ކާމިޔާބު ކުރަން ބޭނުންވާ 270 އިލެކްޓޯރަލް ކޮލެޖު ވޯޓު އަދި އެއްވެސް ބޭފުޅަކަށް ހޯއްދެވިފައެއް ނުވެ އެވެ.

އެންމެ ފަހުގެ ނަތީޖާތައް ދައްކާގޮތުން، ބައިޑަން ވަނީ 243 ކޮލެޖު ވޯޓު ހޯއްދަވާފައިވާއިރު، ޓްރަމްޕަށް މިހާތަނަށް ކާމިޔާބުވެފައިވަނީ 214 ވޯޓެވެ. ނަމަވެސް، ބައެއް ސްވިންގް ސްޓޭޓްސްތަކުގައި އަދިވެސް ވޯޓު ގުނަމުންދާއިރު، އެ ނަތީޖާ ކޮންމެ އަތަކަށް އެނބުރިގެން ދިއުމުގެ ފުރުސަތު ބޮޑެވެ.

މިގޮތުން، ހުރިހާ އެންމެންގެ ނަޒަރު މިހާރު ހުއްޓިފައިވަނީ ޕެންސަލްވޭނިއާ، ޖޯޖިއާ، ނެވާޑާގެ އިތުރުން ނޯތު ކެރޮލައިނާގެ ނަތީޖާއަށެވެ.

ބައިޑަން ވަނީ 71.5 މިލިއަން ވޯޓާއެކު އެމެރިކާގެ ތާރީހުގައި އެންމެ ގިނައިން ވޯޓު ލިބިވަޑައިގެންނެވި ރިޔާސީ ކެންޑިޑޭޓުގެ ޝަރަފު ހޯއްދަވައިފަ އެވެ.

ނަމަވެސް، ޕޮޕިލާ ވޯޓު ކާމިޔާބު ކުރެއްވި ނަމަވެސް، އިލެކްޓޯރަލް ކޮލެޖުތަކުން ބޭނުންވާ އަދަދު ހަމަނުވެއްޖެނަމަ، އިންތިހާބު ނާކާމިޔާބު ވާނެ އެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން ބައިޑަން ވަނީ ސަޕޯޓަރުންނާ މުހާތަބު ކުރައްވައި، އިންތިހާބު ކާމިޔާބު ކުރުމުގެ އުއްމީދު ބޮޑުކަމަށް ވިދާޅުވެފަ އެވެ.

"ވޯޓު ގުނާ ނިމޭއިރު، އަޅުގަނޑުމެން ގަބޫލުކުރަނީ އިންތިހާބު ކާމިޔާބު ކުރެވޭނެކަމަށް،" ބައިޑަން ވިދާޅުވި އެވެ.

ބައިޑަން އާ ހިލާފަށް ރައީސް ޓްރަމްޕް އިއްޔެ ވަނީ އިންތިހާބު ކާމިޔާބުވެއްޖެ ކަމަށް އިއުލާނު ކުރައްވައިފަ އެވެ. އަދި ނަތީޖާތައް ބައިޑަންގެ ކޮޅަށް ބުރަވެފައިވަނީ، ވޯޓު ގުނުމުގައި މަކަރު ހަދަމުންދާތީކަމަށް ތުހުމަތު ކުރައްވައި، ޓްރަމްޕް ވަނީ ސުޕްރީމް ކޯޓަށް ދާނެކަމުގެ އިންޒާރު ދެއްވައިފަ އެވެ.

މިގޮތުން، ޕެންސަލްވޭނިއާ، ވިސްކޮންސިން، ޖޯޖިއާ އަދި މިޝިގަންގައި ވޯޓު ގުނުން ހުއްޓުވަން ޓްރަމްޕްގެ ގާނޫނީ ޓީމުން ވަނީ މައްސަލަ ހުށަހަޅައިފަ އެވެ.

ޓްރަމްޕް ކަންބޮޑުވުންފާޅު ކުރަމުންދަނީ އިންތިހާބުގައި ރަސްމީކޮށް ވޯޓުލުމުގެ ކުރިން، ޕޯސްޓު މެދުވެރިކޮށް ލާފައިވާ ވޯޓުތަކާ މެދު އެވެ. ގިނަ ސްޓޭޓުތަކުގައި ނޮވެމްބަރު ތިން ވަނަ ދުވަހުގެ ކުރިން ޕޯސްޓުކޮށްފައިވާ ވޯޓުތައް، ވޯޓުލާ ނިމޭ ދުވަހުން ތިން ދުވަހުގެ މުއްދަތަށް ގުނުމަށް ނިންމާފައިވާއިރު، ޓްރަމްޕްގެ ޓީމުން މަސައްކަތް ކުރަނީ އެކަން ހުއްޓުވަމަށެވެ.

ނަމަވެސް، ވޯޓު ގުނުމުގައި މަކަރު ހަދާފައިވާކަމުގެ އެއްވެސް ހެއްކެއްނެތް ކަމަށް އިންތިހާބު މޮނިޓާ ކުރަމުންދާ ބައިނަލްއަގުވާމީ އޮބްޒާވަރުންވެސް ވަނީ ބުނެފަ އެވެ.