އެމެރިކާގެ ރިޔާސީ އިންތިހާބު 2020

އެމެރިކާ އިންތިހާބު: އިލެކްޓޯރަލް ކޮލެޖުގެ ނަތީޖާ އެއްވަރު ވެއްޖެނަމަ ވާނީ ކިހިނެއް؟

Nov 4, 2020

ވޮޝިންގްޓަން (ނޮވެމްބަރު 4) - އެމެރިކާގެ ރިޔާސީ އިންތިހާބުގައި މިހާރު ވޯޓުލުން ބަންދުކޮށްފައިވާއިރު، މިހާރު އަންނަމުންދާ ނަތީޖާތަކަށް ބަލާއިރު، ދެ ކެންޑިޓޭޓުންގެ މެދުގައި މާ ބޮޑު ތަފާތެއް އަދި ނުފެނެ އެވެ.

ދެވަނަ ދައުރެއް ހޯއްދަވަން މަސައްކަތްކުރައްވައި، މިހާރުގެ ރައީސް އަދި ރިޕަބްލިކަން ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް އަދި އުޅުއްވަނީ ކުރީގެ ނައިބު ރައީސް އަދި ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަންއަށް ވުރެ ފަހަތުގައި އެވެ.

މިހާރު ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު، އިލެކްޓޯރަލް ކޮލެޖުތަކުގެ ޖުމްލަ 538 ވޯޓުގެ ތެރެއިން ބައިޑަން ވަނީ މިހާތަނަށް 224 ކާމިޔާބު ކުރައްވައިފަ އެވެ. އަދި މީގެ ކުޑައިރިކޮޅެއް ކުރިން ސަތޭކަ އެއްހާ ކޮލެޖު ވޯޓު ފަހަތުގައި އޮންނެވި ޓްރަމްޕް މިހާރު ވަނީ ކުއްލިއަކަށް އަރައި 213 ކޮލެޖު ވޯޓު ހޯއްދަވައިފަ އެވެ.

ވައިޓް ހައުސް އަށް ވަޑައިގަންނަވާ ކެންޑިޑޭޓަކު މަދުވެގެން 270 އިލެކްޓޯރަލް ކޮލެޖް ވޯޓު ހޯއްދަވަން ޖެހޭނެ އެވެ.

އިލެކްޓޯރަލް ކޮލެޖަކީ 538 އިލެކްކްޓާޒް އިންގެ މައްޗަށް އެކުލެވޭ އެމެރިކާގެ ސްޓޭޓްތައް ތަމްސީލް ކުރުމުގެ ގޮތުން ކޮންމެ ޕާޓީއަކުން ވެސް ވޯޓްލުމަށް ހޮވާލާފައި ތިބޭ ހާއްސަ މަންދޫބުން ތަކެކެވެ.

މިހާ ވާދަވެރިކޮށް އިންތިހާބު ފެންނަމުންދާއިރު، އިލެކްޓޯރަލް ކޮލެޖް ވޯޓުގެ ނަތީޖާ ހަމަހަމަވެދާނެ ކަމުގެ ފުރުސަތު ވެސް މިހާރު ވަނީ ބޮޑުވެފައި އެވެ.

އެމެރިކާގެ ރިޔާސީ ނިޒާމު ރޭވިފައި އޮންނަ ގޮތުން، ދެ ބޭފުޅުންނަށް ވެސް 269 ކޮލެޖު ވޯޓާއެކު ނަތީޖާ ހަމަހަމަވުމުގެ ފުރުސަތު އޮވެ އެވެ. އެމެރިކާގެ ތާރީހުގައި މިފަދަ ހާލަތެއް އަދި މެދުވެރިވެފައި ނުވި ނަމަވެސް، މިހާ ވާދަވެރި އިންތިހާބެއްގައި އެފަދަ ހާލަތެއްގައި ދެން ވާނެ ގޮތެއް ބަލައިލުން މުހިއްމުވެ އެވެ.

ކޮންމެ ކެންޑިޑޭޓަކަށްވެސް 269 ވޯޓު ލިބޭ ހާލަތެއްގައި، ރައީސަކު ކަނޑައެޅުމުގެ ނިންމުން ފުރޮޅިގެންދާނީ ހައުސް އޮފް ރެޕްރެޒެންޓަޓިވްސް އަށެވެ.

މިގޮތުން، ސްޓޭޓްތަކުގެ ޑެލިގެޓުންގެ މެޖޯރިޓީން ވޯޓު ލައިގެން، ރައީސަކު ކަނޑައަޅަނީ އެ ވޯޓުގެ އަގުލަބިއްޔަތުންނެވެ.

މިހާރު ހައުސްގައި ދެ ޕާޓީ ތަމްސީލުވާ ގޮތަށް ބަލާއިރު، ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ މެޖޯރިޓީ 26 ސްޓޭޓެއްގައި އޮވެ އެވެ. އެހެންކަމުން، އިލެކްޓޯރަލް ކޮލެޖު ވޯޓު ހަމަހަމަވާ ހާލަތެއްގައި، އެޑްވާންޓޭޖު މި ވަގުތަށް ނަމަވެސް އޮތީ ޓްރަމްޕް އަށެވެ.

ނަމަވެސް، ސެނެޓާ ހިލާފަށް 435 ގޮނޑީގެ ހައުސަށް ވެސް މެންބަރުން އިންތިހާބު ކުރެވެމުންދާތީ، އެ އަދަދު ބަދަލުވުމުގެ ފުރުސަތުވެސް އޮންނާނެ އެވެ.

ހައުސްގެ ވޯޓު ވެސް ހަމަހަމަވާ ނާދިރު ހާލަތެއްގައި، ކޮންމެވެސް އެއް ސްޓޭޓެއްގެ ވޯޓު އެނބުރެންދެން އެ ގޮތުގައި އޮންނާނެ އެވެ. ނަމަވެސް، އަންނަ އަހަރު އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު، ރައީސް ކަމުގެ ހުވާ ކުރައްވަން ހަމަޖައްސާފައިވާއިރު، އެ ދުވަހުގެ ކުރިން ހައުސް އިން ގޮތެއް ނުނިމިއްޖެނަމަ، ގޮތެއް ނިމެންދެން ވަގުތީ ގޮތުން ރައީސް ކަމާ ހަވާލުވާނީ ހައުސްއިން ކަނޑައަޅާ އިންތިހާބީ ނައިބު ރައީސް އެވެ.

ވަގުތީ ގޮތުން ރައީސް ކަމާ ހަވާލުވާ އިންތިހާބީ ނައިބު ރައީސަކު ކަނޑައަޅާނީ ސެނެޓުގެ ސިމްޕަލް މެޖޯރިޓީ - 51 ވޯޓުންނެވެ.