އެމެރިކާގެ ރިޔާސީ އިންތިހާބު 2020

ވޯޓު ގުނުމުގައި މަކަރު ހަދަމުންދާކަމަށް ޓްރަމްޕް ތުހުމަތު ކުރައްވައިފި

Nov 4, 2020
1

ވޮޝިންގްޓަން (ނޮވެމްބަރު 4) - އެމެރިކާގައި މިހާރު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި މަކަރު ހަދައި، އޮޅުވާލާފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތުހުމަތު ކުރައްވައިފި އެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން ވައިޓް ހައުސްގައި އެމަނިކުފާނުގެ ސަޕާޓަރުންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ބޮޑު ކާމިޔާބީ ފާހަގަކުރައްވަން ތައްޔާރުވަމުންދަނިކޮށް، ވޯޓު ގުނުމުގައި މަކަރު ހަދަމުންދާ ކަމަށެވެ.

އަދި ވޯޓު ގުނުން ހުއްޓުވަން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވައިފަ އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މި އިންތިހާބު އަޅުގަނޑުމެންނަށް ކާމިޔާބުވެއްޖެ،" ޓްރަމްޕް ވިދާޅުވި އެވެ.

މިހާރު ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު، އިލެކްޓޯރަލް ކޮލެޖުތަކުގެ ޖުމްލަ 538 ވޯޓުގެ ތެރެއިން ޑިމޮކްރެޓިކް ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން ވަނީ މިހާތަނަށް 224 ކާމިޔާބު ކުރައްވައިފަ އެވެ. އަދި މީގެ ކުޑައިރިކޮޅެއް ކުރިން ސަތޭކަ އެއްހާ ކޮލެޖު ވޯޓު ފަހަތުގައި އޮންނެވި ޓްރަމްޕް މިހާރު ވަނީ ކުއްލިއަކަށް އަރައި 213 ކޮލެޖު ވޯޓު ހޯއްދަވައިފަ އެވެ.

ވައިޓް ހައުސް އަށް ވަޑައިގަންނަވާ ކެންޑިޑޭޓަކު މަދުވެގެން 270 އިލެކްޓޯރަލް ކޮލެޖް ވޯޓު ހޯއްދަވަން ޖެހޭނެ އެވެ.

ނަމަވެސް، އަދިވެސް ގިނަ ސްވިންގް ސްޓޭޓްސްތަކުގެ ނަތީޖާ ވަރަށް ހަމަހަމަކޮށް ފެންނާތީ، އެ ސްޓޭޓުތައް ކާމިޔާބު ކުރައްވާނެ ބޭފުޅެއް ބުނަން އަދި މާ އަވަހެވެ.